ރާއްޖޭގެ އެކި ހިސާބުތަކުން ޑެންގީ ހުން ޖެހިގެން ރިޕޯޓްކުރާ މީހުންގެ އަދަދު މިދުވަސްވަރު އިތުރުވަމުންދާތީ، ބަލިން ރައްކާތެރިވުމަށް ފިޔަވަޅުތައް އެޅުމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.

އެޗްޕީއޭއިން ހާމަކުރި ގޮތުގައި، މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައާއި ގުޅިގެން މަދިރީގެ ޒަރީއާއިން ފެތުރޭ ބަލިތައް ކަމަށްވާ ޑެންގީ އާއި ޗިކުންގުންޔާ ކުރިއަށް އޮތް މަސްތަކުގައި، ޚާއްޞަކޮށް އޭޕްރީލް މަހުން ފެށިގެން ޖުލައި މަހުގެ ނިޔަލަށް އިތުރުވެގެންދާނެ ކަމަށް ލަފާކުރެވެއެވެ. އެހެންކަމުން، މި ބަލިތައް ކޮންޓްރޯލް ކުރުމަށްޓަކައި ދައުލަތުގެ މުއައްސަސާތަކާއި، ކައުންސިލްތަކާއި، ކުންފުނިތަކުގެ އިތުރުން ވަކިވަކި ފަރުދުން ގުޅިގެން މަސައްކަތް ކުރުމަކީ ނުހަނު ބޭނުންތެރި ކަމެއް ކަމަށް އެ އެޖެންސީން ފާހަގަކުރެއެވެ.

Ad
rt

ބަލި ކޮންޓްރޯލް ކުރުމަށް އެކި ދާއިރާތަކުން ކުރަންޖެހޭ ކަންކަން އެޗްޕީއޭއިން ވަނީ ތަފްޞީލުކޮށްދީފައެވެ. އެގޮތުން ޞިއްޙީ މަރުކަޒުތަކާއި ހޮސްޕިޓަލްތަކުން ބަލީގެ އަލާމާތްތައް އަވަހަށް ދެނެގަނެ ފަރުވާ ދިނުމަށާއި، ބަލިމީހުންގެ ހާލަތު ގާތުން ބަލައި ގަވާއިދުން އެޗްޕީއޭއަށް ރިޕޯޓް ކުރުމަށް ވަނީ އަންގާފައެވެ. އަދި ރަށު ކައުންސިލްތަކުން ޓާސްކްފޯސް އެކުލަވާލައި، ރަށް ސާފުކުރުމުގެ ހަރަކާތްތައް ހިންގުމަށް ވެސް ވަނީ އިރުޝާދު ދީފައެވެ.

މީގެ އިތުރުން، ތަޢުލީމީ ދާއިރާގައި ސްކޫލް ގޯތިތެރެ ހަފްތާއަކު އެއްފަހަރު ބަލައި ފާސްކޮށް މަދިރި އާލާވާ ތަންތަން ނައްތާލުމަށާއި، ދަރިވަރުން ހޭލުންތެރިކުރުމަށް ވަނީ އެދިފައެވެ. ރިސޯޓްތަކާއި، ކޮންސްޓްރަކްޝަން ސައިޓްތަކާއި އިންޑަސްޓްރިއަލް ރަށްތަކުގައި ވެސް މަދިރި އުފެދޭ ތަންތަން ސާފުކޮށް، މުވައްޒަފުން ހޭލުންތެރިކުރުމުގެ މަސައްކަތް ކުރުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.

ކުންފުނިތަކާއި ޖަމިއްޔާ ޖަމާޢަތްތަކުން ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށާއި، މީޑިއާތަކުން ޞިއްޙީ އިދާރާތަކުން ދޭ މަޢުލޫމާތު ފުޅާ ދާއިރާއެއްގައި ފެތުރުމަށް ވެސް ވަނީ އެދިފައެވެ.

އާންމު ފަރުދުންނަށް އިލްތިމާސްކުރަމުން އެޗްޕީއޭއިން ބުނީ، މަދުވެގެން ހަފްތާއަކު އެއްފަހަރު ގޭތެރެއާއި ގޯތިތެރޭގައި ފެންހަރުލާ ގޮތަށް ހުންނަ ތަންތަން ސާފުކުރުމަށާއި، މަދިރި ހެފުމުން ރައްކާތެރިވުމަށް ފިޔަވަޅު އެޅުން މުހިންމު ކަމަށެވެ. އަދި ޑެންގީގެ އަލާމާތެއް ފެނިއްޖެނަމަ، ލަސްނުކޮށް ޞިއްޙީ ފަރުވާ ހޯދުމަށް އެ އެޖެންސީން ހަނދާންކޮށްދެއެވެ.

އެޗްޕީއޭއިން މިހާރުވެސް ދަނީ ކަމާގުޅުންހުރި އިދާރާތަކާ ގުޅިގެން ޑެންގީ ކޮންޓްރޯލް ކުރުމުގެ މަސައްކަތްތައް ކުރަމުންނެވެ. މި ބަލިން ރައްކާތެރިވުމަށް އެންމެ މުހިންމު ކަމަކީ މަދިރި އާލާވާ ތަންތަން ނައްތާލުމާއި، ބަލި ޖެހުމުން އަވަހަށް ޞިއްޙީ އިރުޝާދު ހޯދުން ކަމަށް އެ އެޖެންސީން ބުނެއެވެ.