އެމެރިކާއިން ކިތަންމެ ވަރަށް ފިއްތުންތައް ކުރިމަތިކޮށް އިންޒާރު ދިން ނަމަވެސް، އީރާނާއެކު ކުރާ ހަނގުރާމައިގެ ތެރެއަށް އިނގިރޭސިވިލާތް ނުވަންނާނެ ކަމުގެ ޔަގީންކަން ބޮޑުވަޒީރު ކިއަރ ސްޓާމަރ ދެއްވައިފިއެވެ.

ސްޓާމަރ ވިދާޅުވީ އީރާނުގައި ކުރާ "މި ހަނގުރާމައިގެ ތެރެއަށް އިނގިރޭސިވިލާތް ދަމައިގަނެވުނަ ނުދޭނެ" ކަމަށާއި، މި ނިންމެވުމަށް އެއްވެސް ބަދަލެއް ނުގެންނަވާނެ ކަމަށެވެ.

Ad
rt

އިނގިރޭސި ބޮޑުވަޒީރު މިހެން ވިދާޅުވީ، ރަސްގެފާނު އެމެރިކާއަށް ކުރައްވާ ދަތުރުފުޅާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުންނެވެ. މި ދަތުރުފުޅުގެ ބޭނުމަކީ އެމެރިކާގެ މިނިވަންކަމަށް 250 އަހަރު ފުރުން ފާހަގަކުރުމާއި، ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން ރަމްޒުކޮށްދިނުން ކަމަށް އޭނާ ވިދާޅުވިއެވެ. ޝާހީ އާއިލާއަކީ ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން ހަނދާންކޮށްދޭ މުހިންމު ރަމްޒެއްގެ ގޮތުގައި ސްޓާމަރ ސިފަކުރެއްވިއެވެ.

ނަމަވެސް، މި ދަތުރުފުޅާ މެދު އިދިކޮޅު ލިބަރަލް ޑިމޮކްރެޓްސްގެ ލީޑަރު އެޑް ޑޭވީ ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. ޑޭވީ ވިދާޅުވި ގޮތުގައި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އީރާނާއެކު ކުރާ ހަނގުރާމައިގައި އިނގިރޭސިވިލާތުން ބައިވެރިނުވާނަމަ، ޔޫކޭއާއެކު އޮތް ވިޔަފާރީގެ އެއްބަސްވުން "ވީދާލާނެ" ކަމުގެ އިންޒާރު ދެއްވާފައެވެ.

ޑޭވީ އިތުރަށް ވިދާޅުވީ، ޤައުމަށް ހިމާޔަތް ދިނުމުގެ ނަމުގައި ފޭރުމުގެ އަމަލުތައް ހިންގާ "މާފިއާ ބޮހެއް" ފަދައިން ކަންތައްކުރާ މީހަކާ ބައްދަލުކުރެއްވުމަށް، އިނގިރޭސި ރަސްގެފާނު ފޮނުއްވުމަކީ ބޮޑުވަޒީރަށް ކުރެއްވޭނެ ކަމެއް ނޫން ކަމަށެވެ. މި މައްސަލައިގައި އިނގިރޭސި ސިޔާސީ މަސްރަޙު ވަނީ ވަރަށް ބޮޑަށް ހޫނުވެފައެވެ.

މި ހުރިހާ ފިއްތުންތަކަކާއެކުވެސް، ބޮޑުވަޒީރު ސްޓާމަރ ހުންނެވީ އޭނާގެ ނިންމެވުމުގައި ސާބިތުވެއެވެ. "އަޅުގަނޑުގެ ނިންމުމެއް ބަދަލެއް ނުކުރާނަން، އަދި ދުލެއްވެސް ނުދޭނަން،" ކަމަށް ވިދާޅުވެ، އޭނާ ވަނީ އިނގިރޭސިވިލާތުގެ ޚާރިޖީ ސިޔާސަތު އެމެރިކާގެ ނުފޫޒުން އެއްކިބާވެ އޮންނާނެ ކަމުގެ އިޝާރާތެއް ދެއްވާފައެވެ.