ކުޅުދުއްފުށީ ސިޓީގައި މަދިރި ގިނަވެ، ޑެންގީ ހުން ފަދަ ބަލިތައް ފެތުރެމުންދާތީ އެކަން ކޮންޓްރޯލް ކުރުމަށާއި ރައްޔިތުން ހޭލުންތެރިކުރުވުމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލުން ހާއްސަ މަސައްކަތްތަކެއް ފަށައިފިއެވެ.
މި މަސައްކަތުގެ ދަށުން، ބަލިތަކުން ރައްކާތެރިވުމާ ގުޅޭގޮތުން ރައްޔިތުން ހޭލުންތެރިކުރުވުމަށް ބާއްވާ ހާއްސަ ސެޝަނެއް ބޭއްވުމަށް ކައުންސިލުން ވަނީ ނިންމާފައެވެ. މި ސެޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ 16 އޭޕްރިލް 2026 ވާ ދުވަހުގެ ރޭ 20:30 އިން 22:00 އަށް، އެން.އޯ.ސީ ލަގޮނޑި މާލިމީ މާލަމުގައެވެ. ކައުންސިލުން ވަނީ މި ސެޝަންގައި ވީހާވެސް ގިނަ ރައްޔިތުން ބައިވެރިވުމަށް ދައުވަތު އަރުވާފައެވެ.
މީގެ އިތުރުން ރަށުތެރޭގައި މަދިރި އާލާވާ މިންވަރު އިތުރުވަމުންދާތީ، ކައުންސިލުން ވަނީ 'ވެކްޓޮބެކް' މަދިރިބޭސް ހޯދައި، ކައުންސިލްގެ މުވައްޒަފުންގެ އެހީތެރިކަމާއެކު މަދިރި ކޮންޓްރޯލް ކުރުމުގެ ހަރަކާތެއް ފަށާފައެވެ. މި ހަރަކާތުގައި ހާއްސަ އިސްކަމެއް ދެނީ ރަށުގެ އެކި ސަރަހައްދުތަކުގައި ކޮނެފައިވާ ވަޅުތަކުގައި ފެން ހަރުލާފައި ހުރުމުގެ ސަބަބުން މަދިރި ފަނި އާލާވަމުންދާ ތަންތަނަށެވެ.
ކުޅުދުއްފުށީ ސިޓީ ކައުންސިލުން ފާހަގަކުރި ގޮތުގައި، ރަށުތެރޭގެ އެކި ހިސާބުތަކުގައި ހުރި ވަޅުތަކުގައި މަދިރި ފަނި އާލާވެފައިވާކަން ވަނީ ފާހަގަކުރެވިފައެވެ. އެހެންކަމުން، މި ހަރަކާތުގެ އަމާޒަކީ އެފަދަ ތަންތަނަށް ބޭސްއަޅައި މަދިރި އާލާވުން ހުއްޓުވުމެވެ.
މަދިރި ކޮންޓްރޯލް ކުރުމަށް ކުރެވޭ މަސައްކަތުގައި އެންމެހާ ރައްޔިތުންގެ އެއްބާރުލުން ބޭނުންވާކަން ކައުންސިލުން ވަނީ ފާހަގަކޮށްފައެވެ. މިގޮތުން، ގޯތިގެދޮރާއި ގޯތިތެރޭގައި ފެން ހަރުލާ ގޮތަށް ހުންނަ ތަންތަން ނައްތާލުމަށާއި، އާންމު ސާފުތާހިރުކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ކައުންސިލުން ވަނީ އިލްތިމާސްކޮށްފައެވެ.
މި ދުވަސްވަރަކީ ޑެންގީގެ ކޭސްތައް އިތުރުވަމުންދާ ދުވަސްވަރެކެވެ. މާލޭގެ އައިޖީއެމްއެޗުގައި ފަރުވާދެމުން ދިޔަ ޑެންގީ ބަލީގެ މީހަކު އިއްޔެ ވަނީ ނިޔާވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!