ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ޢަދަދު 15 އަށް މަދުކުރައްވައި، އެ މަޖިލިސް އެކުލެވިގެންވާގޮތަށް މިއަދު ބަދަލުތަކެއް ގެންނަވައިފިއެވެ.
މި ބަދަލުތަކާއެކު މިއަދު ވަނީ 12 ވަޒީރަކު އަލަށް މަޤާމަށް ޢައްޔަންކުރައްވައި، އެ ބޭފުޅުންނަށް މަޤާމުގެ ފަތްކޮޅު އަރުވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ރަސްމިއްޔާތުގައި ވަޒީރުންގެ މަޖިލީހުގެ މެންބަރުކަމުގެ ހުވައި ލައިދެއްވީ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދެވެ. ހުވައި ކުރެއްވުމަށްފަހު، އެބޭފުޅުން ވަނީ ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ހުވައިގެ އިޤްރާރުގައި ސޮއިކުރައްވާފައެވެ.
މިއަދު ޢައްޔަންކުރެއްވި ވަޒީރުން:
މިއަދު ޢައްޔަންކުރެއްވި ވަޒީރުންގެ ތެރޭގައި ފިނޭންސް މިނިސްޓަރުގެ މަޤާމަށް މޫސާ ޒަމީރު، ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރުގެ މަޤާމަށް ޢަލީ އިޙްސާން، އަދި ފޮރިން މިނިސްޓަރުގެ މަޤާމަށް އިރުތިޝާމް އާދަމް ހިމެނިވަޑައިގަންނަވައެވެ. މީގެ އިތުރުން ތަޢުލީމީ ދާއިރާގެ ވުޒާރާތައް އެއްކޮށްލައި، އެޑިޔުކޭޝަން، ހަޔަރ އެޑިޔުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓް މިނިސްޓަރުގެ މަޤާމަށް ޑޮކްޓަރ އިސްމާޢީލް ޝަފީޢު ވަނީ ޢައްޔަންކުރައްވާފައެވެ.
އިޖުތިމާޢީ އަދި އިޤްތިޞާދީ ދާއިރާއިން ހެލްތު، ފެމިލީ އެންޑް ވެލްފެއަރ މިނިސްޓަރުގެ މަޤާމަށް ޤީލާ ޢަލީ، އަދި އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް މިނިސްޓަރުގެ މަޤާމަށް މުޙައްމަދު ސަޢީދު ވަނީ ޢައްޔަންކުރައްވާފައެވެ. އިސްލާމިކް އެފެއާޒް އެންޑް އެންޑައުމަންޓްސް މިނިސްޓަރުގެ މަޤާމަށް ޑޮކްޓަރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު، ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރުގެ މަޤާމަށް މުޙައްމަދު އަމީން، އަދި ޔޫތު އެމްޕަވަރމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސް މިނިސްޓަރުގެ މަޤާމަށް ޢަބްދުﷲ ރާފިޢު ވަނީ ޢައްޔަންކުރައްވާފައެވެ.
އަދި އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް މިނިސްޓަރުގެ މަޤާމަށް ހީނާ ވަލީދު، އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް މިނިސްޓަރުގެ މަޤާމަށް ޑޮކްޓަރ ޢަބްދުﷲ މުއްޠަލިބް، އަދި ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ މިނިސްޓަރުގެ މަޤާމަށް ޢަލީ ޝަރީފް ވަނީ ޢައްޔަންކުރައްވާފައެވެ.
މި ބަދަލުތަކާއެކު ވަޒީރުންގެ މަޖިލީހުގައި ދެން ހިމެނިވަޑައިގަންނަވާނީ މިއަދު ޢައްޔަންކުރެއްވި 12 ވަޒީރުންގެ އިތުރުން، ބަންޑާރަނައިބު އަޙްމަދު އުޝާމްއާއި، އިތުރު ދެ ވުޒާރާއެއްގެ ވަޒީރުން ހިމެނޭހެން ޖުމުލަ 15 ބޭފުޅުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!