ހުއްދަ ނެތި އެކި ބާވަތްތަކުގެ ބޭސް ރާއްޖެއަށް އެތެރެކޮށް، ވިއްކާ އަދި އިޝްތިހާރު ކުރާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ދީފިއެވެ.
އެ އޮތޯރިޓީން ބުނީ ބޭސް އިމްޕޯރޓް ކުރުމާއި ވިއްކުމަށް ނަގަންޖެހޭ ހުއްދަތައް ނުނަގައި، އޮންލައިން ޕްލެޓްފޯމްތަކާއި އާންމު ފިހާރަތަކުގައި ބޭސް ވިއްކަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
އެމްއެފްޑީއޭ އިން ހާމަކުރި ގޮތުގައި، ހަށިގަނޑުގެ ބަރުދަން ލުއިކުރުމަށާއި، މަސްތައް ވަރުގަދަ ކުރުމަށާއި، ހަންގަނޑު ރީތި ކުރުމުގެ އިތުރުން ޖިންސީ ކަންކަމަށް ބޭނުންކުރާ ބޭސްތައް ހުއްދައާ ނުލައި ވިއްކަމުންދެއެވެ. ވަކިން ހާއްސަކޮށް، ލޭގައި ހަކުރު ހުންނަ މިންވަރު ދަށްކުރާ Semaglutide އަކީ ބަރުދަން ލުއިކުރާ ބޭހެއްގެ ގޮތުގައި އަދި ހަމުގެ މައްސަލަތަކަށް ބޭނުންކުރާ Azelaic Acid އަކީ މޫނު އަލިކުރާ ބޭހެއްގެ ގޮތުގައި އިޝްތިހާރު ކުރަމުންދާ ކަމަށް އެ އޮތޯރިޓީން ބުންޏެވެ.
އެމްއެފްޑީއޭ އިން ބުނީ މިގޮތަށް ހުއްދަ ނުނަގައި ވިއްކާ ބޭސްތަކަކީ އެ އޮތޯރިޓީން އޭގެ ރައްކާތެރިކަމާއި ފެންވަރު ކަށަވަރު ކޮށްފައިވާ ތަކެތި ނޫން ކަމަށެވެ. "މިފަދަ ބޭސް ބޭނުންކުރުމުގެ ސަބަބުން އާއްމު ޞިއްޙަތަށް ނުހަނު ބޮޑެތި ގެއްލުން ތަކާއި ކުރިމަތިލާން ޖެހިދާނެ. އެގޮތުން ހިތް ހުއްޓުމާއި ސްޓްރޯކް ޖެހުން ފަދަ ހިތާމަވެރި ހާދިސާ ތަކުގެ އިތުރުން ކުއްލި މަރަށް ހުށަހެޅުމުގެ ފުރުސަތު އޮވޭ،" އެމްއެފްޑީއޭގެ އިއުލާނުގައި ބަޔާންކޮށްފައިވެއެވެ.
މިފަދަ ބޭސްތަކަކީ ހަމައެކަނި ހުއްދަ އޮންނަ ފާމަސީތަކުން ޑޮކްޓަރެއްގެ ބޭސްސިޓީއަށް ދޫކުރަންޖެހޭ ތަކެތި ކަމަށްވެސް އެ އޮތޯރިޓީން ހަނދާންކޮށްދެއެވެ. އަދި ރާއްޖެއަށް އެތެރެކުރާ ހުރިހާ ބޭހަކީވެސް އެ އޮތޯރިޓީގެ "އެޕްރޫވްޑް ޑްރަގް ލިސްޓް" ގައި ހިމެނޭ ބޭސްތަކަށް ވާންޖެހޭނެ ކަމަށްވެސް ބުނެފައިވެއެވެ.
އެމްއެފްޑީއޭ އިން މިހާރު ވަނީ ހުއްދަ ނުނަގައި ވިއްކާ މިފަދަ އުފެއްދުންތައް މާކެޓުން ނެގުމުގެ މަސައްކަތް ފަށާފައެވެ. އަދި ގަވާއިދާ ހިލާފަށް މި އަމަލު ހިންގާ ފަރާތްތަކާ މެދު ބޭހާބެހޭ ގަވާއިދާއި ސިއްހީ ހިދުމަތް ދިނުމުގެ ގާނޫނުގެ ދަށުން ހަރުކަށި ފިޔަވަޅު އަޅަމުން ގެންދާނެ ކަމަށް އެ އޮތޯރިޓީން ވަނީ އިއުލާނުކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!