އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ނުރުހުމާ ކުރިމަތިވުމާއި، އެމެރިކާގެ ރަސްމީ ހުއްދަ ލިބުން ލަސްވުމުގެ ސަބަބުން، ޗާގޯސް ޖަޒީރާތަކާ ގުޅޭގޮތުން މޮރިޝަސްއާއެކު ވެފައިވާ އެއްބަސްވުން ކުރިއަށް ނުގެންގޮސް މަޑުޖައްސާލުމަށް އިނގިރޭސި ބޮޑުވަޒީރު ސަރ ކިއަރ ސްޓާމަރ ނިންމަވައިފިއެވެ.
މީގެ ކުރިން މި އެއްބަސްވުމަށް ތާއީދުކުރެއްވި ނަމަވެސް، ޓްރަމްޕް ވަނީ މި މުއާމަލާތް ހުއްޓާލުމަށް ސްޓާމަރަށް ބާރުއަޅާފައެވެ. އަދި މިދިޔަ ޖެނުއަރީ މަހު ޓްރަމްޕް ވަނީ މި ރޭވުމަކީ "ބަލިކަށިކަމުގެ އިންތިހާ" ކަމަށް ސިފަކުރައްވައި ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.
އިނގިރޭސި ސަރުކާރުގެ އޮފިޝަލުން ވިދާޅުވާ ގޮތުގައި، ޗާގޯސްގެ މިލްކުވެރިކަން މޮރިޝަސްއާ ހަވާލުކުރުމުގެ އެއްބަސްވުން މުޅިން ދޫކޮށްލީއެއް ނޫނެވެ. ނަމަވެސް ކުރިއަށް އޮތް ހަފުތާތަކުގައި ޕާލަމެންޓް އުވާލުމުގެ ކުރިން މިކަމާ ގުޅޭ ގާނޫނު ފާސްކުރުމަށް ވަގުތު ނެތުމުން، މެއި މަހުގެ މެދުތެރޭގައި އިއްވާ ރަސްގެފާނުގެ ތަގުރީރުގައި ޗާގޯސްއާ ގުޅޭ އާ ބިލެއް ހިމެނޭނެ ކަމަކަށް ނުބެލެވެއެވެ. މީގެ އިތުރުން، މި އެއްބަސްވުން ތަންފީޒުކުރުމަށް ގާނޫނީ ގޮތުން ކޮންމެހެން ބޭނުންވާ އެމެރިކާގެ ރަސްމީ ލިޔުމެއް އިނގިރޭސިވިލާތަށް އަދިވެސް ލިބިފައިނުވާކަން ފާހަގަކުރެވެއެވެ.
އިންޑިއާ ކަނޑުގައި އޮންނަ، "ބްރިޓިޝް އިންޑިއަން އޯޝަން ޓެރިޓަރީ" ގެ ނަމުން އިނގިރޭސިވިލާތުން ނަންދީފައިވާ ޗާގޯސް ޖަޒީރާތަކަކީ 19 ވަނަ ގަރުނުން ފެށިގެން އިނގިރޭސިން ވެރިވެގަނެގެން އުޅޭ ތާރީޚީގޮތުން ރާއްޖޭގެ ބައެއްކަން ކުރިން އެނގެން އޮންނަ ތަނެކެވެ. 2025 ވަނަ އަހަރުގެ މެއި މަހު ސޮއިކުރި މި އެއްބަސްވުމުގެ ދަށުން އެ ސަރަހައްދުގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ދިނުމަށްފަހު، އެންމެ ބޮޑު ރަށް ކަމަށްވާ ޑިއޭގޯ ގާސިއާގައި އޮންނަ އިނގިރޭސި-އެމެރިކާ އަސްކަރީ މަރުކަޒު ކުއްޔަށް ހިފުމަށް އަހަރަކު އެވްރެޖްކޮށް 101 މިލިއަން ފައުންޑް މޮރިޝަސް އަށް ދިނުމަށް އިނގިރޭސި ސަރުކާރުން ވަނީ ނިންމާފައެވެ.
މިކަމާ ގުޅޭގޮތުން އިނގިރޭސި ސަރުކާރުގެ ތަރުޖަމާނަކު ވިދާޅުވީ ޑިއޭގޯ ގާސިއާއަކީ އިނގިރޭސިވިލާތާއި އެމެރިކާގެ ސަލާމަތަށް ވަރަށް މުހިންމު ތަނެއް ކަމަށާއި، މި އެއްބަސްވުމުގެ މައިގަނޑު ބޭނުމަކީވެސް އެތަނުގެ ރައްކާތެރިކަން ދެމެހެއްޓުން ކަމަށެވެ. އަދި އެއްބަސްވުމާ މެދު ކުރިއަށްދާނީ އެމެރިކާގެ ފުރިހަމަ ތާއީދު ލިބިގެން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ފޮރިން އޮފީހުގެ ކުރީގެ އިސްވެރިޔާ ލޯޑް ސައިމަން މެކްޑޮނަލްޑް ވިދާޅުވީ، އެމެރިކާގެ ރައީސް މިކަމާ ފާޅުގައި ދެކޮޅު ހައްދަވާއިރު، އިނގިރޭސި ސަރުކާރަށް މި އެއްބަސްވުން މަޑުޖައްސާލުން ނޫން ގޮތެއް ނެތް ކަމަށެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން މީގެ ކުރިން ތާއީދުކުރި ނަމަވެސް، ޓްރަމްޕް ވަނީ މިއީ "ޑިއޭގޯ ގާސިއާ ދޫކޮށްލުން" ކަމަށް ސިފަކުރައްވާފައެވެ.
ޗާގޯސް އެއްބަސްވުން ބަލައިނުގަންނަކަން ރާއްޖެއިން އިނގިރޭސިވިލާތަށް ވަނީ އަންގާފައި: ބީބީސީ
މި އެއްބަސްވުން މަޑުޖައްސާލުމަށް ކޮންޒަވޭޓިވް ޕާޓީގެ ލީޑަރު ކެމީ ބޭޑްނޮކް ވަނީ މަރުހަބާ ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ އަމިއްލަ މިލްކިއްޔާތެއް ދޫކޮށްލުމަށް ބޮޑު ހޭދައެއް ކުރުމަކީ ބުއްދިވެރި ކަމެއް ނޫން ކަމަށާއި، މިއީ ގައުމީ މަސްލަހަތާ ޚިލާފު ކަމެއް ކަމަށެވެ. ހަމައެހެންމެ، ރިފޯމް ޔޫކޭގެ ލީޑަރު ނައިޖެލް ފަރާޖް ވިދާޅުވީ މިއީ ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށާއި، ސަރުކާރުން މިހާރު އިސްކަންދޭންވީ ޗާގޯސްގެ ރައްޔިތުން އަލުން ވަޒަންވެރިކުރުވުމަށް ކަމަށެވެ.
ނަމަވެސް ލިބަރަލް ޑިމޮކްރެޓްސްގެ ފަރާތުން ކެލަމް މިލަރ ވިދާޅުވީ، ޓްރަމްޕްގެ އަމަލުތަކުން އެމެރިކާއަކީ އިތުބާރު ކުރެވޭ ބައިވެރިއެއް ނޫންކަން ހާމަވާ ކަމަށެވެ. ޗާގޯސްގެ ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކުވެސް ދެކޭގޮތުގައި މިއީ އެމީހުންނަށް ވީ ހިޔާނާތެކެވެ. އެމީހުން ބޭނުންވަނީ އިނގިރޭސިންގެ ދަށުގައި އެތަން އޮވެ، އަނބުރާ ވަޒަނަށް ދެވޭނެ މަގު ފަހިވުމެވެ.
މޮރިޝަސްގެ އެޓާނީ ޖެނެރަލް ގަވިން ގްލޯވާ ވިދާޅުވީ، މި ނިންމުމަކީ ސްޓާމަރާއި ޓްރަމްޕްގެ ގުޅުން ގޯސްވުމުގެ ނަތީޖާ ކަމަށާއި، ކުރިއަށް އޮތް މަސްތަކުގައި މިކަމަށް އަލިމަގެއް ފެންނާނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.
ޗާގޯސް މޮރިޝަސްއާ ހަވާލުކުރުމަށް އިނގިރޭސިވިލާތުން ނިންމުމާ ގުޅިގެން، އެކަން އެގޮތަށް ނުކުރުމަށް އެދި ދިވެހި ސަރުކާރުން އިނގިރޭސި ސަރުކާރަށް ރަސްމީ ސިޓީއެއް ވަނީ ފޮނުވާފައެވެ. މޮރިޝަސްއާއެކު ވެފައިވާ އެއްބަސްވުމަށް ރަސްމީކޮށް އިޢުތިރާޒުކޮށް، ރާއްޖެއިން އިނގިރޭސި ސަރުކާރަށް ސިޓީ ފޮނުވާފައިވަނީ ނޮވެމްބަރު 2024 އަދި ޖެނުއަރީ 2026 ގައެވެ.
ޗާގޯސްގެ މައްޗަށް މޮރިޝަސްގެ ކޮންޓްރޯލް އޮތުމާ ރާއްޖެއިން ދެކޮޅު ހަދާއިރު، ރާއްޖެއިން ބުނަނީ އެ ޖަޒީރާތަކާ މެދު އެތައް ޤަރުނެއްވީ ތާރީޚީ ދަޢުވާތަކެއް ރާއްޖެއަށް އޮތް ކަމަށެވެ. ބީބީސީއަށް ފޮނުވި ތަފްޞީލީ ބަޔާނެއްގައި، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އޮފީހުން ވަނީ ޗާގޯސްއާ މެދު ރާއްޖެއިން ގެންގުޅޭ ސިޔާސަތާއި އިނގިރޭސި ސަރުކާރާއެކު ކުރެވުނު ޚާރިޖީ މުޢާމަލާތްތައް ހާމަކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!