މިއަހަރުގެ މާރިޗް މަހުގެ ނިޔަލަށް ދައުލަތުގެ އާމްދަނީގެ ގޮތުގައި 512 މިލިއަން ޑޮލަރު ލިބިފައިވާ ކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ހާމަކޮށްފިއެވެ.

މީރާއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ފާހަގަކޮށްލެވޭ ކުރިއެރުމެކެވެ.

Ad
rt

މީރާގެ ތަފާސްހިސާބުތަކަށް ބަލާއިރު، މި އަހަރުގެ މާރިޗް މަހުގެ ނިޔަލަށް އާމްދަނީގެ ގޮތުގައި 512,444,534 ޑޮލަރު ބަލައިގެންފައިވެއެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 441,847,516 ޑޮލަރެވެ. އެހެންކަމުން މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ޑޮލަރުން ލިބުނު އާމްދަނީއާ އަޅާބަލާއިރު 15 ޕަސެންޓްގެ އިތުރުވުމެކެވެ.

ޑޮލަރުން ލިބުނު އާމްދަނީގެ ތަފްސީލަށް ބަލާއިރު، އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޓޫރިޒަމް ދާއިރާގެ މުދަލާއި ހިދުމަތުގެ އަގުން ނަގާ ޓެކްސް ނުވަތަ ޓީޖީއެސްޓީގެ ގޮތުގައެވެ. އެގޮތުން ޓީޖީއެސްޓީގެ ގޮތުގައި 269 މިލިއަން ޑޮލަރު ބަލައިގެންފައިވެއެވެ. މީގެ އިތުރުން އިންކަމް ޓެކްސްގެ ގޮތުގައި 56 މިލިއަން ޑޮލަރު ވަނީ ލިބިފައެވެ.

އާމްދަނީގެ އެހެނިހެން ދާއިރާތަކަށް ބަލާއިރު، ގްރީން ޓެކްސްގެ ގޮތުގައި 47 މިލިއަން ޑޮލަރު، އެއާޕޯޓު ޑިވެލޮޕްމަންޓު ފީ (އޭޑީސީ) ގެ ގޮތުގައި 37 މިލިއަން ޑޮލަރު، އަދި ޑިޕާޗާ ޓެކުހުގެ ގޮތުގައި 36 މިލިއަން ޑޮލަރު ވަނީ ލިބިފައެވެ. އަދި ލޭންޑް އެކިއުޒިޝަން އެންޑް ކޮންވާޝަން ފީގެ ގޮތުގައި 35 މިލިއަން ޑޮލަރު ލިބިފައިވާ ކަމަށް މީރާގެ ހިސާބުތަކުން ދައްކައެވެ.