ދާއިމީކޮށް ހަނގުރާމަ ހުއްޓާލާއި ސުލްހަ ގާއިމުކުރެވޭނެ މަގެއް ފެނޭތޯ ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދުގައި ބޭއްވުމަށް ހަމަޖެހިފައިވާ މަތީ ފަންތީގެ މަޝްވަރާތަކަށް ޕާކިސްތާނަށް މިހާރު ގޮސްފައިވާ އިރާނުގެ މަތީ ފަންތީގެ ވަފުދު ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފާ ހޮނިހިރު ދުވަހު އިސްލާމްއާބާދުގައި ބައްދަލުކުރައްވައިފިއެވެ.
އިރާނުގެ ދައުލަތުގެ މީޑިއާ، އައި.އާރް.އައި.ބީ އިން ރިޕޯޓްކުރާ ގޮތުގައި، ޕާކިސްތާނުގެ ގަޑިން މެންދުރުފަހު 1:30 ގައި ފެށުނު މި ބައްދަލުވުމުގައި، އެމެރިކާއިން ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ޚިލާފުވަމުންދާ ކަމަށް ބުނެވޭ މައްސަލަތަކާ ގުޅޭގޮތުން މަޝްވަރާކުރާނެއެވެ.
މި މަޝްވަރާތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާނީ ފެބްރުއަރީ 28 ގައި ފެށުނު ހަނގުރާމަ ދާއިމީކޮށް ނިންމުމަށްޓަކައި އިރާނުން ހުށަހަޅާފައިވާ 10 ނުކުތާގެ މައްޗަށް އެކުލެވޭ ހުށަހެޅުމާ މެދުގައެވެ. އިރާނުން ބުނާ ގޮތުގައި މިއީ މިހާރު ކުރިއަށްދާ މަޝްވަރާތަކުގެ އަސާސީ އޮނިގަނޑެވެ.
ބޮޑުވަޒީރު ޝަރީފާ ބައްދަލުކުރެއްވުމުގެ ކުރިން، އިރާނުގެ ވަފުދުން ވަނީ ޕާކިސްތާނުގެ އަސްކަރިއްޔާގެ ވެރިޔާ ޖެނެރަލް އާސިމް މުނީރާ ހުކުރު ދުވަހުގެ ރޭގަނޑު ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުމަކީ ދެ ގައުމުގެ މެދުގައި މުހިންމު މެސެޖުތަކެއް ބަދަލުކުރުމަށް މަގުފަހިވެގެންދާނެ ބައްދަލުވުމެއް ކަމަށް އޮފިޝަލުން ވިދާޅުވެއެވެ. މީގެ އިތުރުން، އެ ވަފުދުން ވަނީ ޕާކިސްތާނުގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް ސަރުދާރު އަޔާޒް ސާދިގާ ވެސް ބައްދަލުކުރައްވާފައެވެ.
މި މަޝްވަރާތަކާ ގުޅޭގޮތުން އިރާނުގެ ނައިބު ރައީސް މުޙައްމަދު ރެޒާ އާރިފް ވިދާޅުވީ، މަޝްވަރާތަކުގެ ނަތީޖާ ބިނާވެފައިވަނީ އެމެރިކާއިން ތަމްސީލުކުރާ ފަރާތްތަކުގެ ވިސްނުމުގެ މައްޗަށް ކަމަށެވެ. އޭނާ އިންޒާރު ދެއްވި ގޮތުގައި، "އިޒްރޭލް ފަސްޓް" (އިޒްރޭލު އިސްކުރުން) ގެ ވިސްނުން އެމެރިކާގެ މަންދޫބުން ގެންގުޅޭ ނަމަ އެއްވެސް އެއްބަސްވުމަކަށް ނާދެވޭނެއެވެ. އަދި އެފަދަ ހާލަތެއްގައި އިރާނުން ދިފާއީ ހަރަކާތްތައް އިތުރަށް ވަރުގަދަކުރާނެ ކަމަށާއި، އޭގެ ނޭދެވޭ އަސަރު މުޅި ދުނިޔެއަށް ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މި ބައްދަލުވުމަށް ވަޑައިގެންނެވި އިރާނުގެ ވަފުދުގައި މަޖިލީހުގެ ރައީސް ބާގިރު ގާލީބާފް އާއި، ޚާރިޖީ ވަޒީރު އައްބާސް އަރާގްޗީ އަދި ގައުމީ ސަލާމަތާ ބެހޭ މަޖިލީހުގެ ނައިބު ޢަލީ ބާގިރީ ކަނީ ހިމެނިވަޑައިގަންނަވައެވެ. އަނެއްކޮޅުން އެމެރިކާގެ ވަފުދުގެ އިސްވެރިއެއްގެ ގޮތުގައި ހުންނެވީ ނައިބު ރައީސް ޖޭ.ޑީ ވެންސް އެވެ.
"އިސްލާމްއާބާދު ޓޯކްސް" ގެ ނަމުން ނަންދެވިފައިވާ މި ތާރީޚީ މަޝްވަރާތަކަކީ 1979 ވަނަ އަހަރަށްފަހު ބޭއްވޭ އެންމެ މުހިންމު ބައްދަލުވުންތަކެވެ. މި މަޝްވަރާތަކުގެ މައިގަނޑު މަގުސަދަކީ ސަރަހައްދީ ބޮޑު ހަނގުރާމައަށް ދާއިމީ ހައްލެއް ހޯދުމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!