ކުޅިވަރަކީ އިޖުތިމާޢީ ބަދަހިކަން ވަރުގަދަކޮށްދޭ ޤައުމީ ވަންތަކަމުގެ މުހިންމު ތަނބެއްކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ ތަރައްޤީއާއި ސުލްހައަށްޓަކައި ފާހަގަކުރާ ބައިނަލްއަޤްވާމީ ކުޅިވަރު ދުވަސް ނުވަތަ "އިންޓަރނޭޝަނަލް ޑޭ އޮފް ސްޕޯރޓްސް ފޯރ ޑިވެލޮޕްމަންޓް އެންޑް ޕީސް" ގެ މުނާސަބަތުގައި މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސްގެ ޕޯސްޓުގައި ވިދާޅުވީ، މި ދުވަހުން ކަށަވަރުކޮށްދެނީ ކުޅިވަރަކީ އެއްވެސް ބޯޑަރެއް ނެތް، ސާދާ ނަމަވެސް ފުން މާނައެއް އެކުލެވޭ ހަގީގަތެއް ކަމެވެ. އަދި ކުޅިވަރަކީ ޤައުމީ ވަންތަކަމުގެ މުހިންމު ތަނބެއްގެ އިތުރުން، ޒުވާނުން ބާރުވެރިކުރުވުމަށް މަގުފަހިކޮށްދޭ ވަސީލަތެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ކުޅިވަރަކީ އިޖުތިމާޢީ ބަދަހިކަން ވަރުގަދަކޮށްދޭ އެއްބައިވަންތަކަމުގެ ބާރެއްގެ ގޮތުގައި ރައީސް ސިފަކުރެއްވިއެވެ.
ކުޅިވަރުގެ ސަބަބުން ޒުވާނުންގެ ކިބައިގައި އަށަގަންނަ މުހިންމު ސިފަތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، ކުޅިވަރުގެ އަގުތައް ބަލައިގަނެ، ޒުވާނުންގެ ކިބައިގައި އަޚްލާޤާއި، ކެތްތެރިކަމާއި، ގުޅިގެން މަސައްކަތްކުރުމުގެ ރޫޙާއި، އިޙްތިރާމްކުރުމުގެ ސިފަ އަށަގަންނުވަން ޖެހޭ ކަމަށެވެ. މީގެ ސަބަބުން، ދުޅަހެޔޮ، މަޤްޞަދެއް އޮތް ދިރިއުޅުމެއް އުޅުމަށާއި ޤައުމީ ތަރައްޤީގައި ހެޔޮގޮތުގައި ބައިވެރިވުމަށް ޒުވާނުންނަށް ބާރު ލިބިގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، ދުޅަހެޔޮ ޤައުމެއް ބިނާކުރުމަށާއި، ޒުވާނުންގެ މެދުގައި މޮޅު ނަތީޖާތައް ހޯދުމުގެ ރޫޙު އާލާކުރުމަށާއި، އިޤްތިޞާދީ ކުރިއެރުން ހޯދުމަށް ސަރުކާރުން މަސައްކަތް ކުރާނެ ކަމަށެވެ. އަދި އެންމެން ގުޅިގެން ވަރުގަދަ މުސްތަޤްބަލެއް ބިނާކުރުމަށްޓަކައި ކުޅިވަރުގެ ދާއިރާ ކުރިއެރުވުމަށް ދޭ ފުރިހަމަ އެއްބާރުލުން މިއަދު އައުކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.
ބައިނަލްއަޤްވާމީ ކުޅިވަރު ދުވަހުގެ މެސެޖު ނިންމަވާލައްވަމުން ރައީސް ވަނީ، ކުޅިވަރުގެ ބަދަލުކުރުވަނިވި ބާރުގެ ބޭނުންހިފައި، މަތިވެރި ކާމިޔާބީތަކާއި ދެމެހެއްޓެނިވި ސުލްހައާ ދިމާލަށް ޤައުމު މިޞްރާބު ކުރުމަށް ގޮވާލައްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!