އިއްޔެ ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިޚާބު (ޑަބްލިޔުޑީސީ)ގައި ށ. ނަރުދޫ ކައުންސިލްގެ ގޮނޑިތައް ވެރިކަންކުރާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ.
މިހާތަނަށް ލިބިފައިވާ ވަގުތީ ނަތީޖާއިން ދައްކާގޮތުން ނަރުދޫ ކައުންސިލްގެ ރައީސްގެ ގޮނޑި ކާމިޔާބު ކުރެއްވީ ޕީއެންސީގެ ކެންޑިޑޭޓް، މިހާރުގެ ވެސް ރައީސް މުހައްމަދު މުޝްތަރުސިދު އެވެ. އޭނާ 67 އިންސައްތަ (272 ވޯޓު) ހޯދާފައިވާއިރު، ދެން އެ މަގާމަށް ވާދަކުރި އެމްޑީޕީގެ ކެންޑިޑޭޓް ހުސައިން ޝުހައިލް އަށް ލިބިފައި ވަނީ 33 އިންސައްތަ (133) ވޯޓެވެ. ގޮނޑި ދިފާއުކުރެއްވި މުޝްތަރުސިދު މިހިނގާ ދައުރުގައި ނަރުދޫ ކައުންސިލަށް އިންތިޚާބުވީ ޖުމްހޫރީ ޕާޓީގެ ޓިކެޓްގައެވެ. އޭނާ ފަހުން ވަނީ އެއިރުގެ ސަރުކާރު ހިންގި އެމްޑީޕީއާއި ގުޅިފައެވެ. އަދި ފަހުން މަސައްކަތްކުރެއްވީ ޕީއެންސީ އާއި އެކުގައެވެ.
ނަރުދޫ ކައުންސިލްގެ ގޮނޑި ކާމިޔާބުކުރެއްވީ ނަރުދޫގައި ސިޔާސީގޮތުން ނުފޫޒުގަދަ ބޭފުޅެއްކަމަށްވާ އަހްމަދު މާހިރެވެ. ޕީއެންސީގެ ޓިކެޓްގައި އޭނާ ގޮނޑި ކަށަވަރުކުރެއްވީ 58.71 އިންސައްތަ (236 ވޯޓު) ހޯދައިގެންނެވެ. ނަރުދޫ ކައުންސިލްގެ އަންހެނުންނަށް ޚާއްޞަ ގޮނޑިވެސް ޕީއެންސީން ހޯދާފައިވާއިރު، އެ މަގާމަށް އިންތިޚާބުވީ އާމިނާތު ޒިރާނާއެވެ. ޒިރާނާ ވަނީ 53.87 އިންސައްތަ (216 ވޯޓު) ހޯދާފައެވެ.
ނަރުދޫ ޑަބްލިޔުޑީސީގެ ގޮނޑިތައް ވެސް ލިބުނީ ޕީއެންސީއަށެވެ. މިގޮތުން ޑަބްލިޔުޑީސީގެ ރައީސްގެ ގޮނޑި އައިޝަތު ނަހުމާ، 60.41 އިންސައްތަ، (238 ވޯޓު) އިން ކާމިޔާބުކުރިއިރު، އެ ކޮމެޓީގެ މެމްބަރުކަން އައިޝަތު އިކުލީލާ ހޯދީ 34.89 (269 ވޯޓު) އިންނެވެ. އަދި ދެވަނަ މެމްބަރުގެ މަގާމު ފާތިމަތު ރިސްފާ ހޯދީ 26.07 އިންސައްތަ (201) ވޯޓު ހޯދައިގެންނެވެ.
މިއީ ނަރުދޫގެ ސިޔާސީ ހަޔާތުގައި ޕީއެންސީ ފިކުރަށް ނަރުދޫގެ ކައުންސިލާއި ޑަބްލިޔުޑީސީގެ ހުރިހާ ގޮނޑިއެއް ލިބުނު ފުރަތަމަ ފަހަރެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!