އިއްޔެ ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި ހދ. އަތޮޅުގެ ރަށްތަކުގެ ތެރެއިން 7 ރަށެއްގެ ކައުންސިލް ރައީސްކަން އިދިކޮޅު އެމްޑީޕީއިން ކާމިޔާބުކޮށްފި އެވެ.

ވަގުތީ ނަތީޖާތައް ދައްކާގޮތުން، ސަރުކާރު ހިންގާ ޕީއެންސީ އަށް 2 ގޮނޑި ލިބިފައިވާއިރު އަމިއްލަ ގޮތުން ވާދަކުރި 2 ބޭފުޅުންވެސް 2 ރަށެއްގެ ރައީސްކަން ކާމިޔާބުކޮށްފައިވެއެވެ.

Ad
rt

އެމްޑީޕީން ހދ. އަތޮޅުގެ މެޖޯރިޓީ ހޯދާފައިވާއިރު، އެ ޕާޓީން ގޮނޑިތައް ކާމިޔާބުކުރި ރަށްތަކުގެ ތެރޭގައި ހަނިމާދޫ، ކުމުންދޫ، ވައިކަރަދޫ، މަކުނުދޫ، ފިނޭ، ނައިވާދޫ އަދި ނެއްލައިދޫ ހިމެނެއެވެ.

ވަކިވަކި ނަތީޖާއަށް ބަލާއިރު، ހަނިމާދޫގެ ރައީސްކަން އަލީ އިބްރާހިމް ކާމިޔާބުކުރެއްވީ 802 ވޯޓުންނެވެ. ކުމުންދޫގެ ރައީސްކަން އަލީ ގާސިމް (435 ވޯޓު) ކާމިޔާބުކުރެއްވިއިރު، ވައިކަރަދޫގެ ރައީސްކަން އިބްރާހިމް މުހައްމަދު (524 ވޯޓު) އަދި މަކުނުދޫގެ ރައީސްކަން އަބްދުﷲ ވަހީދު (670 ވޯޓު) ވަނީ ކާމިޔާބުކުރައްވާފައެވެ. މީގެ އިތުރުން ފިނޭގެ ރައީސްކަން އަބްދުލް ލަތީފް އަލީ (206 ވޯޓު)، ނައިވާދޫގެ ރައީސްކަން މުހައްމަދު ނައުފަލް (281 ވޯޓު) އަދި ނެއްލައިދޫގެ ރައީސްކަން މުހައްމަދު އިލްހާމް (372 ވޯޓު) ވަނީ ކާމިޔާބުކުރައްވާފައެވެ.

ވެރިކަން ކުރާ ޕީއެންސީއަށް ހދ. އަތޮޅުން ކާމިޔާބު ކުރެވުނީ 2 ރަށުގެ ރައީސްކަމެވެ. އެއީ ނޮޅިވަރަންފަރުގެ ރައީސްކަން ކާމިޔާބުކުރެއްވި އަބްދުﷲ ނަދީމް (513 ވޯޓު) އާއި ނޮޅިވަރަމުގެ ރައީސްކަން ކާމިޔާބުކުރެއްވި އަހުމަދު އާމިރު (662 ވޯޓު) އެވެ.

މީގެ އިތުރުން، އަމިއްލަ ގޮތުން ވާދަކުރެއްވި ދެ ކެންޑިޑޭޓަކު ވެސް ވަނީ ދެ ރަށެއްގެ ރައީސްކަން ކާމިޔާބުކުރައްވާފައެވެ. އެއީ ނޭކުރެންދޫގެ ރައީސްކަން ކާމިޔާބުކުރެއްވި މުހައްމަދު ތޯހިރު (448 ވޯޓު) އާއި ކުރިންބީގެ ރައީސްކަން ކާމިޔާބުކުރެއްވި އަލީ ވިސާމް (235 ވޯޓު) އެވެ.

މީގެ އިތުރުން، ހދ. ކުޅުދުއްފުށި ސިޓީގެ މޭޔަރުކަން، މިހާރުގެ ވެސް މޭޔަރު މުހައްމަދު އާތިފް ކާމިޔާބުކުރައްވައި، ދެވަނަ ދައުރަކަށް އެ މަގާމު ވަނީ ދިފާއުކުރައްވާފައެވެ. އަދި ކުޅުދުއްފުށީ ސިޓީގެ ދާއިރާތަކުގެ އެންމެ ގޮނޑިއެއް ފިޔަވައި ހުރިހާ ގޮނޑިއެއް އިދިކޮޅު އެމްޑީޕީއަށް ކާމިޔާބުވެފައިވާކަމަށް މިހާތަނަށް އާންމުކުރި ވަގުތީ ނަތީޖާއިން ދައްކަ އެވެ.

މުޅި ރާއްޖޭގެ ނަތީޖާއަށް ބަލާއިރު، މިހާތަނަށް ލިބިފައިވާ ވަގުތީ ނަތީޖާތަކުން ދައްކާ ގޮތުގައި ފަސް ސިޓީއެއްގެ މޭޔަރުގެ ގޮނޑި އެމްޑީޕީން ވަނީ ކަށަވަރުކޮށްފަ އެވެ. އިންތިހާބުގެ ރަސްމީ ނަތީޖާ އިއުލާންކުރުމުގެ މަސައްކަތް އިލެކްޝަންސް ކޮމިޝަނުން ދަނީ ކުރަމުންނެވެ.