އިއްޔެ ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ކުޅުދުއްފުށީ ސިޓީގެ ދާއިރާތަކުގެ އެންމެ ގޮނޑިއެއް ފިޔަވައި ހުރިހާ ގޮނޑިއެއް އިދިކޮޅު އެމްޑީޕީއަށް ކާމިޔާބުވެފައިވާކަމަށް މިހާތަނަށް އާންމުކުރި ވަގުތީ ނަތީޖާއިން ދައްކައިފިއެވެ.
މިހާތަނަށް ލިބިފައިވާ ވަގުތީ ނަތީޖާތަކުން ދައްކާ ގޮތުގައި، ޕީއެންސީ އަށް ލިބިފައި ވަނީ ކުޅުދުއްފުށީ ސިޓީ ހުޅަނގު އުތުރު ދާއިރާއެވެ. އެ ގޮނޑި ކާމުޔާބުކުރީ ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ ކުޅުދުއްފުށީ އުތުރު ދާއިރާގެ މިހާރުގެ މެމްބަރު އިބްރާހިމް އަހްމަދެވެ. މިހާތަނަށް ސާފުވި ނަތީޖާ އަށް ބަލާއިރު 52.28 އިންސައްތަ (424 ވޯޓު) އޭނާ އަށް ވަނީ ލިބިފައެވެ. އިބްރާހިމާއި ވާދަކުރި އެމްޑީޕީގެ ކެންޑިޑޭޓް ނަސްރުﷲ އިސްމާއީލަށް ލިބިފައި ވަނީ 47.72 އިންސައްތަ (387 ވޯޓު) އެވެ. ނަސްރުﷲ އަކީ ކުރިން ކުޅުދުއްފުށީ އުތުރު މަޖިލިސް ގޮނޑިއަށް ވެސް ދެ ފަހަރަކު ވާދަކުރި މީހެކެވެ.
މިހާތަނަށް ލިބިފައިވާ ވަގުތީ ނަތީޖާތަކަށް ބަލާއިރު ކުޅުދުއްފުށީ ސިޓީގެ އިތުރު ދާއިރާތައް
ކުޅުދުއްފުށީ ސިޓީގެ އުތުރު ދާއިރާ
- އަހްމަދު ޢަބުދުﷲ، (އެމްޑީޕީ) 61.83 އިންސައްތަ، 533 ވޯޓު
- ސިރާޖް މުހައްމަދު، (ޕީއެންސީ) 38.17 އިންސައްތަ، 329 ވޯޓު
ކުޅުދުއްފުށީ ސިޓީގެ މެދު އުތުރު ދާއިރާ
- މާއިދާ ހަސަން ރަޝީދު، (ޕީއެންސީ) 35.47 އިންސައްތަ، 271 ވޯޓު
- އަކުބަރީ މުހައްމަދު، (އެމްޑީޕީ) 64.53 އިންސައްތަ، 493 ވޯޓު
ކުޅުދުއްފުށީ ސިޓީގެ މެދު ދެކުނު ދާއިރާ
- މުހައްމަދު ޝައިމަން އާދަމް ސަލީމް، (އެމްޑީޕީ) 61.75 އިންސައްތަ، 465 ވޯޓު
- ޖައުފަރު އަލީ، (ޕީއެންސީ) 38.25 އިންސައްތަ، 288 ވޯޓު
ކުޅުދުއްފުށީ ސިޓީގެ ހުޅަނގު ދާއިރާ
- އަހްމަދު އަބުދުއްރަހީމް، (ޕީއެންސީ) 36.50 އިންސައްތަ، 307 ވޯޓު
- ރިލްވާން މުހައްމަދު، (އެމްޑީޕީ) 63.50 އިންސައްތަ، 534 ވޯޓު
ކުޅުދުއްފުށީ ސިޓީގެ އިރު ދެކުނު ދާއިރާ
- ފާތިމަތު މުހައްމަދު، (ޕީއެންސީ) 40.39 އިންސައްތަ، 288 ވޯޓު
- ސަލްމާ މުހައްމަދު، (އެމްޑީޕީ) 59.61 އިންސައްތަ، 430 ވޯޓު
މީގެ ތެރެއިން ކުޅުދުއްފުށީ ސިޓީގެ އުތުރު ދާއިރާގެ ގޮޑި ކާމިޔާބުކުރެއްވި އަޙްމަދު ޢަބްދުالله (ރޯޒޭ) އަކީ މިހާރުގެ އެ ސިޓީގެ ޑެޕިއުޓީ މޭޔަރެވެ. އެ މަގާމަށް ރޯޒޭ އިންތިހާބުކޮށްފައިވަނީ އެ ސިޓީގެ ކުރީގެ ޑެޕިއުޓީ މޭޔަރ އަލީ އަޙުމަދު މަގާމުން އިސްތިއުފާ ދެއްވުމާއި ގުޅިގެން 2025 ވަނަ އަހަރުގެ މޭ މަހުއެވެ. އަދި ކުޅުދުއްފުށީ ސިޓީގެ ހުޅަނގު ދާއިރާ ގޮނޑި ކާމިޔާބުކުރެއްވި ރިލްވާނަކީ ވެސް މިހާރުގެ ސިޓީ ކައުންސިލްގެ މެމްބަރެކެވެ.
ކުޅުދުއްފުށި ސިޓީގެ މޭޔަރުކަން، މިހާރުގެ ވެސް މޭޔަރު މުހައްމަދު އާތިފް ވަނީ ކާމިޔާބުކުރަށްވާފައެވެ.
މިހާތަނަށް ލިބިފައިވާ ވަގުތީ ނަތީޖާތަކުން ދައްކާ ގޮތުގައި، އާތިފް ދެވަނަ ދައުރެއް ކަށަވަރުކުރެއްވީ ވޯޓުލީ މީހުންގެ 68.79 އިންސައްތަ ވޯޓުންނެވެ. އެއީ 3412 ވޯޓެވެ.
މިހާތަނަށް ލިބިފައިވާ ވަގުތީ ނަތީޖާތަކުން ދައްކާ ގޮތުގައި، މި އިންތިޚާބުގައި ޕީއެންސީން ކުޅުދުއްފުށި ސިޓީގެ މޭޔަރުކަމަށް ވާދަކުރެއްވި އިބްރާހިމް ހަސަނަށް 31.21 އިންސައްތަ ލިބުނުއިރު، އެއީ 1548 ވޯޓެވެ.
2021 ވަނަ އަހަރު އޭޕްރިލް މަހު އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި އެމްޑީޕީން ވަނީ ކުޅުދުއްފުށީ ސިޓީގެ ހުރިހާ ގޮނޑިއެއް ކާމިޔާބުކޮށްފައެވެ. އެ އިންތިޚާބުގައި ސިޓީއަކުން ހުރިހާ ގޮނޑިއެއް އެމްޑީޕީ އަށް ކާމިޔާބުވި ސިޓީ އަކީ ވެސް ކުޅުދުއްފުށީ ސިޓީއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!