މި ސަރުކާރުގެ ދައުރުގައި ނިމިގެންދިޔަ ކޮންމެ ދުވަހަކީ ޤައުމު އިސްކޮށްގެން ކުރިއަށްދިޔަ ދުވަހެއް ކަމުގައި ރައީސް ޑރ. މުހައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ ރޭ ބޭއްވި ވެރިކަންކުރާ ކޮންގްރެސް ޕާޓީގެ ހަރުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.

Ad
rt

މި ޖަލްސާގައި ރައީސް ދެއްކެވި ވާހަކަފުޅުގައި، ސަރުކާރުން މިހާތަނަށް ނިންމަވާފައިވާ ނިންމެވުންތަކަށް ރިޢާޔަތްކުރައްވައި ވިދާޅުވީ، އެފަދަ ގިނަ ނިންމެވުންތަކަކީ އެހާ މަގުބޫލު ނިންމެވުންތަކަކަށް ނުވިޔަސް، އެކަންކަމަކީ ޤައުމަށް އެކަމުން ފައިދާވާނެ ކަންކަން ކަމަށެވެ. އެގޮތުން ވޭޕް މަނާކުރުމާއި ދުންފަތުގެ އިސްތިޢުމާލުކުރުމުގެ އާދައިން ޤައުމު ސަލާމަތް ކުރުމަށްޓަކައި 2007 ޖެނުއަރީ 1 އިން ފެށިގެން އުފަންވި އަދި އުފަންވާންތިބި ހުރިހާ އެންމެން އެކަމުން ސަލާމަތްކުރަން ނިންމެވީވެސް ޤައުމީ ވިސްނުމެއްގައި ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، އެއް ދުވަހެއްގައި ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު ބޭއްވުމަކީ ވެސް ޤައުމީ މަސްލަހަތު އިސްކުރުމުގެ މިސާލެއްގެ ގޮތުގައި ރައީސް ސިފަކުރެއްވިއެވެ. މިހާރު އޮންނަ ގޮތުން ރިޔާސީ އިންތިހާބަށް ފަހު ހަ މަސް ފަހުން މަޖިލިސް އިންތިހާބު ބޭއްވުމުން ލިބޭނެ ފައިދާއެއް ނެތް ކަމަށާއި، އޭގެ ބަދަލުގައި ލިބެނީ ގެއްލުން ކަމަށް އެންމެން ގަބޫލުކުރާ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރިޔާސީ އިންތިހާބަކަށް ފަހު ސަރުކާރެއް ހޮވުމުން ދެން މަޖިލިސް އިންތިހާބު ބޭއްވުމުން، ސަރުކާރު ޕާޓީން އަމިއްލަ މަސްލަހަތު އިސްކުރާ ނަމަ މިނިވަން އިންތިހާބެއް ބޭއްވުމަށް އޮންނަ ފުރުސަތު ގެއްލޭ ކަމަށެވެ.

"ޑިމޮކްރަސީއެއްގައި ވިއްޔާ ފްރީ އެންޑް ފެއާ އިލެކްޝަނެއް އޮންނަން ޖެހޭނެ. އެހެނެއް ނުވާނެ ނޫންތޯ. އެއް ފަރާތެއްގައި މި އޮންނަނީ ސަރުކާރު ކެންޑިޑޭޓުން، އަނެއް ފަރާތުގައި މި އޮންނަނީ ސަރުކާރު ކެންޑިޑޭޓުންނެއް ނޫން. އެ ހިސާބުން އެ ދިޔައީއެއް ނޫންތޯ އެކަން،" ރައީސް ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަކީ ފްރީ އެންޑް ފެއާ އިންތިހާބަކަށް ހަދަން ޖެހޭ ކަމަށެވެ. އަދި ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ނިޒާމު މަޖިލީހުގެ ތެރެއިން ހޯދައިދެވޭނީ ވެސް މިނިވަން އިންތިހާބެއް ބާއްވައިގެން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.