އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބުގައި ރައްޔިތުން އޭނާ މޭޔަރުކަމަށް އިންތިޚާބުކޮށްދީފިނަމަ، ގްރޭޓާ މާލެ ސަރަހައްދަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު ގެންގުޅުއްވާ ބޮޑު ތަސައްވުރު ހަގީގަތަކަށް ހެދުމަށް ސަރުކާރާއެކު މުރާލިކަމާއެކު މަސައްކަތް ކުރައްވާނެ ކަމަށް ޕީއެންސީގެ ކެންޑިޑޭޓް މޫސާ އަލީ ޖަލީލް ވިދާޅުވެއްޖެއެވެ.
ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް އަދި ކުރީގެ ޑިފެންސް މިނިސްޓަރު މޫސާ އަލީ ޖަލީލް މިހެން ވިދާޅުވީ ރޭ ބޭއްވި ކޮންގްރެސް ޕާޓީގެ ހަރުގެ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
ޖަލީލް ފާހަގަކުރެއްވި ގޮތުގައި ރައީސް މުޢިއްޒު މާލެ ސަރަހައްދަށް ގެންގުޅުއްވަނީ ވަރަށް ބޮޑު އަދި އުންމީދީ ތަސައްވުރެކެވެ.
ޖަލްސާގައި ވާހަކަ ދައްކަވަމުން ޖަލީލް ވިދާޅުވީ އޭނާއަކީ އަބަދުވެސް އަމަލީ ގޮތުން މަސައްކަތް ކުރައްވާ، ނަތީޖާ ދައްކަވާނެ ބޭފުޅެއް ކަމަށެވެ.
"ފަހަރެއްގައި ވެސް އަޅުގަނޑަކީ ކަންނުވެ ނަންވި މީހެއް ނޫން. އޭގެ ބަދަލުގައި އަބަދުވެސް އަޅުގަނޑަކީ ދިވެހި ޤައުމާއި ދިވެހި ރައްޔިތުންގެ އަމާން ކަމާއި ސަލާމަތަށްޓަކައި ކުރިއަށްދިޔަ އަމަލީ ޚިދުމަތްތެރިއެއް،" ޖަލީލް ވިދާޅުވިއެވެ.
މާލެއަށް ދިމާވެފައިވާ އެންމެ ބޮޑެތި މައްސަލަތަކަށް އަލިއަޅުއްވާލައްވަމުން، ބޯހިޔާވަހިކަމާއި ޕާކިންގެ މައްސަލަތަކަށް ހައްލު ހޯދުމަށް މަގާމާ ހަވާލުވާ ފުރަތަމަ ދުވަހުން ފެށިގެން މަސައްކަތް ފަށްޓަވާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ. އަދި މި ހުރިހާ މަސައްކަތެއް ކުރިއަށްދާނީ ސަރުކާރާ ގުޅިގެން، ރައީސްގެ ތަސައްވުރާ އެއްގޮތަށް ކަމަށްވެސް ވިދާޅުވިއެވެ.
ޖަލީލް ވިދާޅުވީ، މާލޭގެ ތަރައްގީއަށްޓަކައި ރައީސް ޑރ. މުޢިއްޒު ގެންގުޅުއްވާ ބިޔަ މަޝްރޫއުތައް ހަގީގަތަކަށް ހެއްދެވުމަށް އޭނާ ހުންނެވީ ނުގުނޑާނެ ފަދަ ވަރުގަދަ އަޒުމެއްގައި ކަމަށެވެ. އެހެންކަމުން މާލޭގެ ރައްޔިތުންގެ ތާއީދަށް އޭނާ ވަނީ އެދިވަޑައިގެންފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!