ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުގެ ދަށުން މާލޭ ސަރަޙައްދުން ގޯތި ލިބިފައިވާ ފަރާތްތަކުގެ ތެރެއިން، ގޯތީގައި ގެދޮރު އިމާރާތްކުރުމުގެ މާލީ ތަނަވަސްކަން ނެތް ފަރާތްތަކަށް ހައުސިންގ ޔުނިޓަށް އެދުމުގެ ފުރުޞަތު ކުރިއަށް އޮތް ދެ ހަފުތާއެއްހާ ދުވަސް ތެރޭގައި ހުޅުވާލާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު އިޢުލާނު ކުރައްވައިފިއެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ބިންވެރިޔާ މަޝްރޫޢުން ގޯތި ލިބިފައިވާ ފަރާތްތަކަށް ހައުސިންގ ޔުނިޓު ލިބިއްޖެނަމަ، ކުރިން ލިބިފައިވާ ގޯތި ދޫކޮށްލާ ގޮތަށް މިހާރު ހުޅުވާލާފައިވާ ސްކީމަށް ކުރިމަތިލުމުގެ ފުރުޞަތު ލިބޭނެ ކަމަށެވެ. އަދި މިގޮތަށް ދޫކޮށްލާ ގޯތިތައް، ކުރީގެ ސްކީމުން ދެން އެންމެ މަތިން ޕޮއިންޓް ލިބިފައިވާ ފަރާތްތަކަށް ނުވަތަ އާ ސްކީމެއްގެ ދަށުން އަދުލުވެރިކަމާއެކު އަލުން ދޫކުރެވޭނެ ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Ad
rt

ހުޅުމާލޭގައި ގޯތި ދޫކޮށްފައިވާ ސަރަޙައްދުތަކުގެ ތަރައްޤީއާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އެ ސަރަޙައްދުތަކުގެ މަގުހެދުމާއި، ފެނާއި ނަރުދަމާ އަދި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗް.ޑީ.ސީ) އިން ވަރަށް ބޮޑު އިސްކަމެއް ދީގެން ކުރަމުންދާ ކަމަށެވެ.

ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުގެ ޔަޤީންކަން ދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖޭގެ ތާރީޚުގައިވެސް ފުރަތަމަ ފަހަރަށް، ހިނގަމުންދާ ދައުރުގެ ތެރޭގައި އެތައް ހާސް ރައްޔިތުންނަށް ފްލެޓް ލިބި، ހިކިފަސްތަނަކުން ގޯތި ލިބޭނެ ކަމުގެ ފުރިހަމަ އިތުބާރު އެބައޮތް ކަމަށެވެ. އެގޮތުން ބީ.އެމް.އެލް އެފޯޑަބަލް ހައުސިންގ މަޝްރޫޢު 2028 ވަނަ އަހަރުގެ ޖުލައި މަހަށް ނިމި، އެތަންތަނުގައި މީހުން ދިރިއުޅެން ފަށާނެ ކަމަށް އަންދާޒާކުރެއްވިއެވެ.

މީގެ އިތުރުން، މިހާރު ހުޅުވާލާފައިވާ އަށްހާހެއްހާ ފްލެޓްގެ ސްކީމާއި، ބޭރުގެ އެހީގައި ކުރިއަށްދާ މަޝްރޫޢުތަކުގެ އިތުރުން އަތޮޅުތެރޭގައި ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫޢުތައްވެސް މި ދައުރުގެ ތެރޭގައި ނިންމުމަށް ސަރުކާރުން އަމާޒު ހިފާފައިވާ ކަމަށް ރައީސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.

ބޯހިޔާވަހިމުގެ ސިޔާސަތަކީ މި ސަރުކާރުން އެންމެ އިސްކަމެއްދޭ އެއް ދާއިރާއެވެ.