ދިވެހިރާއްޖޭގެ މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން 10 ރުފިޔާގެ އައު ނޫޓުތަކެއް އަންނަ އޭޕްރީލް މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ދައުރުކުރަން ފެށުމަށް ނިންމައިފިއެވެ.

މި ނޫޓުތަކަކީ ރަންދިހަފަހެއް ސީރީޒްގެ 10 ރުފިޔާގެ ސްޓޮކް މަދުވުމާއި، ބައުވެ ހަލާކުވާ ނޫޓުތައް އައުކުރުމަށްޓަކައި އަލަށް ޗާޕުކޮށްގެން ގެނައި ނޫޓުތަކެކެވެ.

Ad
rt

އެމްއެމްއޭއިން ހާމަކުރި ގޮތުގައި، 10 ރުފިޔާގެ ނޫޓަކީ ކުޑަ އަދަދެއްގެ ނޫޓަކަށް ވުމުން، ދިވެހިންގެ އާންމު ވިޔަފާރީގެ މުއާމަލާތްތަކުގައި މާރުކުރުމަށް މި ނޫޓު ބޭނުންކުރާ މިންވަރު ވަރަށް ބޮޑެވެ. މީގެ ސަބަބުން ނޫޓުތައް ހަލާކުވާ މިންވަރު އިތުރުވާކަން އެ އޮތޯރިޓީން ފާހަގަކުރެއެވެ. އަދި ބޮޑެތި މުއާމަލާތްތަކުގައި މިފަދަ ނޫޓު ބޭނުންނުކުރާތީ، ބޭންކުތަކަށް ފައިސާ ޖަމާކުރުމުގެ ތެރެއިން މި ނޫޓު ލިބޭ މިންވަރު މަދުކަމަށްވެސް އެމްއެމްއޭއިން ބުނެއެވެ.

އަލަށް ނެރޭ 10 ރުފިޔާގެ ނޫޓުގައި ސޮއިކުރައްވާފައި ވަނީ މިހާރުގެ ގަވަރުނަރު އަޙްމަދު މުނައްވަރު އެވެ. މި ނޫޓުގައި ޖަހާފައިވަނީ 31 ޖުލައި 2025 ގެ ތާރީޚެވެ. މި ފަހަރުގެ ޗާޕުގައި ގެނެސްފައިވާ އެންމެ ބޮޑު ބަދަލަކީ ނޫޓުގެ ދެފުށުގައި ދިވެހި ރުފިޔާގެ ނިޝާން ހިމަނާފައިވުމެވެ. އެގޮތުން ނޫޓުގެ މޫނުމަތީގެ ވައަތްފަރާތުން މަތީގައާއި، ފަހަތުގެ ކަނާއަތް ފަރާތުން މަތީގައި މޫނުމަތީ އަގާއެކު ރުފިޔާގެ ނިޝާން ފެންނަން ހުންނާނެއެވެ.

މިއީ "ރަންދިހަ ފަހެއް" ސީރީޒް ތައާރަފްވި ފަހުން 10 ރުފިޔާގެ ނޫޓު ޗާޕުކުރި ތިންވަނަ ފަހަރެވެ. މީގެ ކުރިން 2015 ވަނަ އަހަރު ކުރީގެ ގަވަރުނަރު އަޒީމާ އާދަމްގެ ސޮއިފުޅާއެކު އަދި 2018 ވަނަ އަހަރު ކުރީގެ ގަވަރުނަރު އަހްމަދު ނަސީރުގެ ސޮއިފުޅާއެކު މި ނޫޓު ވަނީ ޗާޕުކޮށްފައެވެ. މިހާރު ބޭނުންކުރަމުންދާ ނޫޓް ސީރީޒަށް 10 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާތީ، ބާނޫޓުގެ ގޮތުގައި 10 ރުފިޔާ ލިބޭ މިންވަރު އިތުރުވެފައިވާ ކަމަށް އެމްއެމްއޭއިން ބުނެއެވެ.

އެމްއެމްއޭއިން އިތުރަށް ބުނީ، އިގްތިޞާދުގައި ނޫޓަށް އޮންނަ ޑިމާންޑަށް ފައިސާ ފޯރުކޮށްދިނުމަށާއި، ދައުރުވާ ފައިސާއަކީ ރަނގަޅު ފެންވަރެއްގެ ފައިސާއަށް ހެދުމަށް އަބަދުވެސް މަސައްކަތް ކުރަމުންދާ ކަމަށެވެ. އަލަށް ނެރޭ ނޫޓުތަކާއެކު، މިހާރު ބޭނުންކުރަމުންދާ 10 ރުފިޔާގެ ނޫޓުތައްވެސް ކުރިއެކޭ އެއްގޮތަށް ދައުރުވަމުންދާނެ ކަމަށް މަރުކަޒީ ބޭންކުން ކަށަވަރުކޮށްދެއެވެ.