ސާފު ބޯފެން ކަަށަވަރުވުމަކީ މުޖުތަމައުގައި ހަމަހަމަކަން ކަށަވަރުވުމަށް އެޅޭ މުހިންމު ފިޔަވަޅެއްކަމުގައި ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަކުރަމުންދާ ދުނިޔޭގެ ފެނުގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި މެސެޖުގައި ރައީސް ވިދާޅުވީ، މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ރައްކާތެރި، އިތުބާރު ހުރި، އަދި ސާފު، އަގުހެޔޮ ބޯފެން ކަށަވަރުކުރުމަކީ ސަރުކާރުގެ މުހިންމު އަމާޒެއް ކަމަށެވެ.

Ad
rt

ރައީސްގެ މެސެޖުގައި ވަނީ ފެނުގެ ރައްކާތެރިކަމަކީ އަންހެނުންނާއި އަންހެން ކުދިންގެ ކަރާމާތާއި، ރައްކާތެރިކަމާއި، އަދި ހަމަހަމަ ފުރުސަތުތަކާ ވަކިނުކުރެވޭނެ ކަމެއްކަން ފާހަގަކުރައްވާފައެވެ. ވަކިން ހާއްސަކޮށް، ފެނާގުޅުންހުރި ކަންކަމުގައި އަންހެނުން ބާރުވެރިކުރުވުމުގެ މުހިންމުކަމުގެ މައްޗަށް އެމަނިކުފާނު އަލިއަޅުއްވާލެއްވިއެވެ. ރައްޔިތުން ބާރުވެރިވުމަކީ ރަށްރަށް ތަރައްގީވެ، ވިލުންވެރި މުޖުތަމައެއް ބިނާކުރުމުގެ މައިގަނޑު އަސާސްކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރާއްޖެއަކީ ޖަޒީރާ ގައުމަކަށް ވުމުން، ސާފު ބޯފެން ކަށަވަރުކުރުމަކީ ގައުމީ ފެންވަރުގައި އިސްކަންދޭ ކަމެއްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، މޫސުމީ ބަދަލުތަކުގެ ސަބަބުން ފެނުގެ ދަތިކަން ކުރިމަތިވާ ހާލަތްތަކުގައި އަންހެނުންނާއި އަންހެން ކުދިން އުފުލަންޖެހޭ ބުރަ ބޮޑު ކަމަށެވެ. އެހެންކަމުން، ރައްކާތެރި ބޯފެނާއި ނަރުދަމާގެ ނިޒާމު ކަށަވަރުވުމަކީ ހުރިހާ ދިވެހިންނަށް ރައްކާތެރި އަދި ހަމަހަމަ ކުރިމަގެއް ލިބިގެންދާނެ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން، ފެން ރައްކާތެރިކުރުމަށް މިހާރު ހުރި ނިޒާމުތައް ހަރުދަނާކުރުމާއި، ފެން ފަށަލަ ރައްކާތެރިކުރުމުގެ މުހިންމުކަމުގެ މައްޗަށް ރައީސް ބައްލަވާލެއްވިއެވެ. މިގޮތުން، ކޮމިއުނިޓީ ފެންވަރުގައި ވާރޭފެން ރައްކާކުރުމުގެ ވިލުންވެރި ނިޒާމުތައް ގާއިމުކުރުމާއި، ފަންނީ ގާބިލިއްޔަތު އިތުރުކުރުމުގެ އިތުރުން 'ކްލައިމެޓް ފައިނޭންސިންގ' ކަށަވަރުކުރުމަށް ކުރަންޖެހޭ މަސައްކަތްތަކަށް އެމަނިކުފާނު ބާރުއެޅުއްވިއެވެ.

ރައީސް މުޢިއްޒު ވަނީ ފެނުގެ ނިޒާމުތައް ހަރުދަނާކުރުމަށްޓަކައި މަދަނީ ޖަމިއްޔާތަކާއި، ޔޫޓިލިޓީ ހިދުމަތްދޭ ފަރާތްތަކާއި، ތަރައްގީގެ ބައިވެރިން ގުޅިގެން މަސައްކަތްކުރުމަށް ގޮވާލައްވާފައެވެ.

ކޮންމެ އަހަރެއްގެ މާރިޗް 22 ގައި ފާހަގަކުރާ ދުނިޔޭގެ ފެނުގެ ދުވަހުގެ މިއަހަރުގެ ޝިއާރަކީ "ފެން އަދި މިންތި" އެވެ.