ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަނާއި (އެމްއެންޔޫއެސްޔޫ) ޖަމްޢިއްޔަތުއް ރަޙްމާ ގުޅިގެން، ރާއްޖޭގެ ޔުނިވަރސިޓީތަކާއި ކޮލެޖްތަކުގެ ދަރިވަރުންނަށް ޚާއްޞަ ރޯދަވީއްލުމެއް ބާއްވައިފިއެވެ.

ޖަމްޢިއްޔަތުއް ރަޙްމާއިން މަޢުލޫމާތު ދެއްވި ގޮތުގައި، މި ރޯދަވީއްލުމަކީ ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ޝާރިޖާ ޗެރިޓީ އެސޯސިއޭޝަނުން ދެއްވި ދީލަތި އެހީތެރިކަމާއެކު އިންތިޒާމު ކުރެވުނު ހަރަކާތެކެވެ.

Ad
rt

މި ރޯދަވީއްލުމުގައި އެކި ކޮލެޖްތަކާއި ޔުނިވަރސިޓީތަކުގެ ދަރިވަރުންގެ ޔޫނިއަންތަކުގެ މަންދޫބުން ބައިވެރިވިއެވެ.

މީގެ އިތުރުން، ޔޫއޭއީ އެއިޑްގެ އެހީތެރިކަމާއެކު ޖަމްޢިއްޔަތުއް ރަޙްމާއިން ވަނީ ޅ. ނައިފަރުގައި ތަޢުލީމު ހާސިލުކުރަމުންދާ ޙިފްޡު ކުލާސްތަކުގެ ދަރިވަރުންނަށްވެސް ޚާއްޞަ ރޯދަވީއްލުމެއް ބާއްވާފައެވެ.

ނައިފަރުގައި ތަޢުލީމު ހާސިލުކުރަމުންދާ ޙިފްޡު ކުލާސްތަކުގެ ދަރިވަރުންނަށް ރަހްމާ ޖަމިއްޔާ ބޭއްވި ރޯދަ ވީއްލުމުގެ ތެރެއިން، ފޮޓޯ: ރަހްމާ ޖަމިއްޔާ

މި ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ ޝައިޚް ނާޒިލް އިންސްޓިޓިއުޓްގައި ޤުރުއާން ހިތުދަސްކުރަމުންދާ ދަރިވަރުންނަށް އަމާޒުކޮށްގެންނެވެ.

ޝައިޚް ނާޒިލް ފައުންޑޭޝަނާ ގުޅިގެން ބޭއްވި މި ރޯދަވީއްލުމުގައި ޤުރުއާން ކިޔެވުމާއި ހިތުދަސްކުރުމުގެ ބޮޅުތަކުގައި ހިމެނޭ ގިނަ އަދަދެއްގެ ދަރިވަރުންނާއި އެ ދަރިވަރުންގެ ޢާއިލާތަކުން ބައިވެރިވިއެވެ. މި ހަރަކާތުގެ ތެރެއިން ދަރިވަރުންގެ މެދުގައި އޮތް އުޚުއްވަތްތެރިކަމާއި، ޝުކުރުވެރިވުމުގެ ރޫޙު ފެނިގެން ގޮސްފައިވާ ކަމަށް އެ ޖަމްޢިއްޔާއިން ފާހަގަކުރެއެވެ.

ޖަމްޢިއްޔަތުއް ރަޙްމާއިން އުންމީދު ކުރާ ގޮތުގައި، މިފަދަ ދީލަތި އެހީތެރިކަމާއި ކީރިތި ޤުރުއާނަށް އޮތް ލޯބީގެ ސަބަބުން، ބަރަކާތްތެރި ރަމަޟާން މަހުގެ ބާކީ ދުވަސްތަކުގައި ދަރިވަރުންނަށް އިތުރު ހިތްވަރެއް ލިބިގެންދާނެއެވެ.