ކުޅުދުއްފުށީ ސިޓީގައި ހުއްޓިފައި ހުރި 400 ހައުސިން ޔުނިޓުގެ މަސައްކަތް ފެށުމުގެ އެންމެ ފަހުގެ ތައްޔާރީތައް މިހާރު ކުރަމުން އަންނަކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.
އެޗްޑީސީން މީސް މީޑިއާގައި ކުރި ކުރި ޕޯސްޓެއްގައި ބުނީ ކުޅުދުއްފުށީގައި 400 ހައުސިންގ ޔުނިޓް އިމާރާތްކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތަށް ބޭނުންވާ ތަކެތި އެ ރަށަށް ގެންގޮސް، މަސައްކަތް ފެށުމުގެ އެންމެ ފަހުގެ ތައްޔާރީތައް މިހާރު ކުރަމުން އަންނަ ކަމަށެވެ.
ކުޅުދުއްފުށީގައި ހައުސިން ޔުނިޓް މަޝްރޫއު ފަށާފައި ވަނީ 2023 ވަނަ އަހަރުގެ މެއި މަސް ތެރޭގައެވެ. މި މަޝްރޫއުގެ ދަށުން އެ ރަށުގައި އެޅުމުގެ މަސައްކަތް ފަށާފައި ވަނީ 11 ފަންގިފިލާގެ 5 ޓަވަރެވެ. އެއީ 400 ހައުސިން ޔުނިޓެވެ.
ހދ. ކުޅުދުއްފުށީގައި 400 ހައުސިންގ ޔުނިޓް އިމާރާތްކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތަށް ބޭނުންވާ ތަކެތި އެ ރަށަށް ގެންގޮސް، މަސައްކަތް ފެށުމުގެ އެންމެ ފަހުގެ ތައްޔާރީތައް މިހާރު ދަނީ ކުރަމުން.#WithHDC#Rayyithungaathah pic.twitter.com/SP01ikBxyw
— Housing Development Corporation (@hdcmaldives) March 11, 2026
މި މަޝްރޫއުގެ ދަށުން މިހާތަނަށް ކުރިއަށް ގެންގޮސްފައިވަނީ ބައެއް ޓަވަރުތަކުގެ ފައުންޑޭޝަން މަސައްކަތާއި ބައެއް ޓަވަރުގެ ތަނބުތައް ޖެހުމުގެ މަސައްކަތް އެކަންޏެވެ. އޭގެފަހުން މަސައްކަތްތައް ނުނިމި، އޮތީ މުޅިން ހުއްޓިފައެވެ. އެ މަސައްކަތް ޙަވާލުކުރައްވާފައިވަނީ ދޮންބޭޒް ޕްރައިވެޓް ލިމިޓެޑް ޖޮއިންޓް ވެންޗަރ ކުންފުނިކަމުގައިވާ ޓުވެންޓީ ތާރޑް މެޓާލާރޖިކަލް ކޮންސްޓްރަކްޝަން ގްރޫޕް ކޯ ލިމިޓެޑާއެވެ.
އެއިގެ ފަހުން މި ސަރުކާރުން މި މަސައްކަތް ވަނީ އެޗްޑީސީ އާއި ހަވާލުކޮށްފައެވެ.
ކުޅުދުއްފުށީގައި ފެށި 400 ޔުނިޓަކީ 3 ކޮޓަރީގެ އެޕާޓްމަންޓްތަކެވެ. މި މަޝްރޫޢުއަށް 443.9 މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުވާނެކަމަށް ސަރުކާރުން ވަނީ އެއިރު ލަފާކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!