އިންޑިއާގެ ދިދަ ޖަހާފައިވާ ތެޔޮ ޓޭންކަރުތަކަށް، ހުރުމުޒު ކަނޑުއޮޅިން ދަތުރުކުރުމުގެ ހުއްދަ އީރާނުން ދޭން ނިންމާފައިވާ ކަމަށް އިންޑިއާގެ މަސްދަރަކުން ބުރާސްފަތި ދުވަހު ‘ރޮއިޓާސް’ އަށް މައުލޫމާތު ދީފިއެވެ.
އިންޑިއާއަށް އެތެރެކުރާ ސާފުނުކުރާ ތެލުގެ 40 އިންސައްތަ ދަތުރުކުރަނީ މި ކަނޑުއޮޅި މެދުވެރިކޮށެވެ. ނަމަވެސް، އީރާނުގެ ބޭރުގައި ހުރި މަސްދަރަކުން ވަނީ މިފަދަ އެއްބަސްވުމެއް ގާއިމުކުރެވިފައިވާކަން ދޮގުކޮށްފައެވެ.
މިކަމާ ގުޅޭގޮތުން އިންޑިއާގެ ފޮރިން މިނިސްޓްރީއާއި ނިއުދިއްލީގައި ހުންނަ އީރާނު އެމްބަސީން ވަގުތުން ވަކި ޖަވާބެއް ދީފައެއް ނުވެއެވެ.
‘ރޮއިޓާސް’ އަށް މައުލޫމާތު ދިން އިންޑިއާގެ މަސްދަރުން ނަން ހާމަނުކުރުމަށް އެދިފައިވަނީ މީޑިއާއާ ވާހަކަދެއްކުމުގެ ހުއްދަ ނެތުމުންނެވެ. އަދި އީރާނުގެ މަސްދަރުން ބުނެފައިވަނީ މިއީ މިވަގުތު އޮތް ނާޒުކު މައްސަލައެއް ކަމަށެވެ.
ހުޅަނގު އިންޑިއާގެ ކަންޑްލާ ބަނދަރަށް ދަތުރުކުރި ތައިލެންޑުގެ އުޅަނދަކަށް މިދިޔަ ބުދަ ދުވަހު ހަމަލާދިނުމާ ގުޅިގެން، އިންޑިއާއިން ވަނީ އެކަން ވަރަށް ބޮޑަށް ކުށްވެރިކޮށްފައެވެ. އިންޑިއާގެ ފޮރިން މިނިސްޓްރީން ބުނެފައިވަނީ ހުޅަނގު އޭޝިއާގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ތެރެއިން ވިޔަފާރި އުޅަނދުފަހަރަށް އަމާޒުކޮށް ދޭ ހަމަލާތަކަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
މި ހަމަލާތަކުގެ ނުރައްކާ ދަނީ އިތުރުވަމުންނެވެ. މި ހަމަލާތަކުގެ ކުރީކޮޅުގައިވެސް އިންޑިއާގެ ރައްޔިތުން ހިމެނޭހެން އެތައް ބައެއްގެ ފުރާނަ ވަނީ ގެއްލިފައެވެ. އަދި މިހާރު މި ދެވޭ ހަމަލާތަކުގެ ބާރުގަދަވެ، މަރުވާ މީހުންގެ އަދަދު އިތުރުވެދާނެ ކަމުގެ ބިރު ވަނީ ބޮޑުވެފައެވެ.
އިޒްރޭލާއި އެމެރިކާއިން އީރާނާ ދެކޮޅަށް ހަނގުރާމަ ފެށި ފަހުން، މި ކަނޑުއޮޅިން ދަތުރުކުރި މަދުވެގެން 16 އުޅަނދަކަށް އީރާނުން ހަމަލާދީފައިވެއެވެ.
ތެހެރާނުން ވަނީ ތެލުގެ އަގު ފީފާއަކަށް 200 ޑޮލަރަށް އުފުލިދާނެ ކަމުގެ އިންޒާރު ދީފައެވެ. މިއީ މިހާރު ތެލުގެ އަގު ހުރި މިންވަރާ އަޅާބަލާއިރު ގާތްގަނޑަކަށް ދެގުނަ އިތުރުވުމެކެވެ.
އިންޑިއާގެ ޚާރިޖީ ވަޒީރު އެސް. ޖަޔަޝަންކަރު ވަނީ އީރާނުގެ ޚާރިޖީ ވަޒީރު ސައްޔިދު އައްބާސް އަރާގްޗީއާ މި ހަފުތާގެ ކުރީކޮޅު ފޯނުން ގުޅުއްވައި މަޝްވަރާ ކުރައްވާފައެވެ. މި ފޯނު ކޯލުގައި މައިގަނޑު ގޮތެއްގައި ވާހަކަދެކެވުނީ ކަނޑުދަތުރުފަތުރުގެ ރައްކާތެރިކަމާ ގުޅޭގޮތުން ކަމަށް އީރާނުން ހާމަކޮށްފައިވެއެވެ.
ދުނިޔޭގެ ތިންވަނައަށް އެންމެ ގިނައިން ތެޔޮ ބޭނުންކުރާ އިންޑިއާއަށް، މި މަގު ބަންދުވުމުގެ ބިރު އޮތުމުން، ރަޝިޔާ ފަދަ ގައުމުތަކުން އިތުރަށް ތެޔޮ ގަތުން ފަދަ އެހެން ގޮތްތައް ހޯދުމަށް ވަނީ މަޖުބޫރުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!