އަނބިމީހާ ނުވަތަ ފިރިމީހާގެ ނަމުގައި ބޯހިޔާވަހިކަމެއް އޮތް ނަމަވެސް، ސަރުކާރުގެ "ގޯތިގެދޮރު" ޕްރޮގްރާމުގެ ދަށުން ގޯއްޗަށް އެދި ފޯމު ހުށަހެޅުމުގެ ފުރުޞަތު ހައުންސިން އެންޑް އިންފްރާސްޓަކްޗަރ މިނިސްޓްރީން މިއަދު ހުޅުވާލައިފިއެވެ.
މިއީ ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ މަޝްރޫޢެކެވެ.
މިނިސްޓްރީން ހާމަކުރި ގޮތުގައި، 1 މާރިޗު 2026 ގައި ގެޒެޓުކޮށްފައިވާ އުސޫލު ނަންބަރު 5-ޖީ/2026 ގެ ދަށުން ކުރިއަށްގެންދާ މި ޕްރޮގްރާމަށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުޞަތު މިއަދު، 8 މާރިޗު 2026 ވީ އާދީއްތަ ދުވަހުގެ ހެނދުނު 11:00 އިން ފެށިގެން ވަނީ ހުޅުވާލާފައެވެ.
ފޯމު ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ 30 އެޕްރީލު 2026 ވާ ބުރާސްފަތި ދުވަހުގެ ރޭގަނޑު 23:59 އެވެ.
މި ޕްރޮގްރާމުގެ ދަށުން ގޯއްޗަށް އެދި ހުށަހަޅަންޖެހޭނީ ޚާއްޞަ ޕޯޓަލް https://boahiyaavahikan.housing.gov.mv މެދުވެރިކޮށެވެ.
މި މަޝްރޫޢުގެ ދަށުން ދޫކުރުމަށް ހަމަޖެހިފައިވަނީ ރަސްމާލެއިން 1,250 އަކަފޫޓުގެ ގޯތިތަކެވެ. މި ފުރުޞަތު ދެ ކެޓަގަރީއަކަށް ބަހާލައިގެން ވަނީ ހުޅުވާލާފައެވެ. އެއީ މާލޭ ރަށްވެހިންނަށް ޚާއްޞަ ކެޓަގަރީ 1 އަދި މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ ރަށްވެހިންނަށް ޚާއްޞަ ކެޓަގަރީ 2 އެވެ.
ގޯއްޗަށް އެދޭ ފަރާތްތަކުން އެޕްލިކޭޝަން މަރުޙަލާގައި ހުށަހަޅަންޖެހޭ ލިޔެކިޔުންތަކުގެ ތަފްސީލު މިނިސްޓްރީގެ އިޢުލާނުގެ ޖަދުވަލުގައި ހިމަނާފައިވެއެވެ. މި އިޢުލާނާ ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރުމަށް މިނިސްޓްރީގެ ހޮޓްލައިން ނަންބަރުތައް ކަމަށްވާ 4004860 އިން ފެށިގެން 4004865 އާ ދެމެދުގެ ނަންބަރުތަކަށް ގުޅުއްވޭނެއެވެ.
މީގެ އިތުރުން، އެއްވެސް މަޢުލޫމާތެއް ސާފުކުރަން ބޭނުންވާނަމަ hotline@infrastructure.gov.mv އަށް އީމެއިލް ކުރުމުގެ ފުރުޞަތުވެސް ވަނީ ހުޅުވާލާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!