ވޭތުވި ދެ އަހަރަކީ ލާމަރުކަޒީ ޚިދުމަތްތައް ފުޅާކުރުމަށް އިތުރު ބާރާއި، ރައްޔިތުންގެ އިތުބާރު ހޯދައިދިނުމަށް ބޮޑެތި މަސައްކަތްތަކެއް ކުރެވުނު ދުވަސްތަކެއް ކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަކުރާ ލާމަރުކަޒީ ދުވަހުގެ މުނާސަބަތުގައި ދެއްވި ޚިޠާބުގައި ރައީސް ވަނީ ރާއްޖޭގެ ލާމަރުކަޒީ ނިޒާމަށް ގެނެވުނު ހެޔޮ ބަދަލުތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.

Ad
rt

ރައީސްގެ ޚިޠާބުގައި ފާހަގަކުރެއްވި ގޮތުގައި، ރާއްޖޭގެ ޖިއޮގްރަފީ އުފެދިފައިވާ ގޮތުން އެންމެ އިހު ޒަމާނުއްސުރެވެސް ދައުލަތުގެ ޚިދުމަތްތައް ފޯރުކޮށްދީފައިވަނީ ލާމަރުކަޒީ އުސޫލުންނެވެ. އަދި މިހާރު ޢަމަލުކުރަމުންދާ ޤާނޫނުއަސާސީގެ ދަށުން މި ނިޒާމު އިތުރަށް ހަރުދަނާކުރުމުގެ ފުރުޞަތު ފަހިވެފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ޚާއްޞަކޮށް ކައުންސިލްތަކަށް އާމްދަނީ ލިބޭނެ މަގުތައް ފަހިކޮށްދިނުމާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ޙައްޤު މަޤާމު ހޯދައިދިނުމަކީ މި ދެ އަހަރުގެ ތެރޭގައި ހާސިލުކުރެވުނު މުހިންމު ކާމިޔާބީތަކެއްގެ ގޮތުގައި ރައީސް ސިފަކުރެއްވިއެވެ.

"ކައުންސިލް މުވައްޒަފުންގެ މުސާރަ ބޮޑުކޮށްދިނުން ފަދަ، ލާމަރުކަޒީ ޤާނޫނު ވުޖޫދުވީއްސުރެ ކައުންސިލުންތަކުން އިންތިޒާރުކުރަމުން އައި އެތައް ކަމެއް މިއަދު އެވަނީ ޙަޤީޤަތަކަށް ވެފައި،" ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ކައުންސިލްތަކަށް ބޭނުންވާ ޒަމާނީ އައު އިމާރާތްތައް ބިނާކުރުމާއި، ކޮންމެ ރަށެއްގައި ފުލުހުންގެ ޚިދުމަތާއި އޭ.ޓީ.އެމް ފޯރުކޮށްދިނުމުގެ އިތުރުން، އަތޮޅުތަކުން އައި.ޑީ ކާޑާއި ޕާސްޕޯޓު ލިބޭނެ އިންތިޒާމު ހަމަޖައްސައިދީފައިވާކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ޢުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، މަގުހެދުމާއި ބަނދަރުހެދުން ފަދަ އެންމެ ގިނަ މަޝްރޫޢުތައް މުޅި ރާއްޖޭގައި އެއްފަހަރާ ހިނގަމުންދަނީ މި ވޭތުވި ދެ އަހަރުގެ ތެރޭގައި ކަމަށެވެ. އަދި ހުރިހާ ރަށަކަށް ފެނާއި ނަރުދަމާގެ ޚިދުމަތް ފުރިހަމަކޮށް، ކުޅިވަރު ކުޅޭނެ ވަސީލަތްތަކާއި ޕާކުތައް ޤާއިމުކުރުމުގައި ބޮޑެތި ކާމިޔާބީތަކެއް ހޯއްދަވާނެ ކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.

ރައްޔިތުންގެ ކަންބޮޑުވުންތަކަށް ޙައްލު ހޯދުމުގެ ގޮތުން، ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައާއި، މަސްތުވާތަކެއްޗާއި ގޭންގު ކުށްތަކަށް ދާއިމީ ޙައްލެއް ހޯދުމުގެ މަސައްކަތް ހުރިހާ ރަށެއްގައި ކުރިއަށްދާކަން ރައީސް ހާމަކުރެއްވިއެވެ. އަދި "މޯލްޑިވްސް 2.0" ގެ އަމާޒުތަކާއެކު ޑިޖިޓަލް ދިވެހިރާއްޖެއެއްގެ ފަސޭހަތައް ރައްޔިތުންނަށް ލިބި، ރަށްތަކުގައި ތިބެގެން އާމްދަނީ ހޯދުމުގެ ފުރުޞަތުތައް ފުޅާވެގެންދާނެ ކަމަށް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބު ނިންމަވާލެއްވީ، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއެކު ކައުންސިލްތަކުގެ ދައުރު އިތުރަށް ވަރުގަދަވެ، ސަރުކާރާ ގުޅިގެން ރަށްވެހި ތަރައްޤީ ގެނައުމުގައި ރައްޔިތުންގެ އުންމީދުތައް ޙަޤީޤަތަކަށް ވެގެންދިއުމަށް އެދިވަޑައިގަންނަވަމުންނެވެ.