މި މަންޒަރުން ހާމަވަނީ އިސްރާއީލުގެ ރަހުމުކުޑަ ހަމަލާތަކުގެ ސަބަބުން ކުރިމަތިވެފައިވާ ނިކަމެތިކަމާއި ދަތި އުނދަގޫ ހާލަތުގައިވެސް، ފަލަސްތީނުގެ ޣައްޒާގެ ރައްޔިތުންގެ ހިތްތަކުގައިވާ ސާބިތުކަމާއި ނުގުޑާފަދަ ވަރުގަދަ އީމާންތެރިކަމެވެ.

ދެކުނު ޣައްޒާގެ ޚާން ޔޫނިސްގައި ހުންނަ އަލް-ޙަބީބު މުޙައްމަދު މިސްކިތް، އިސްރާއީލުގެ އިސްތިއުމާރީ ބާރުތަކުން ސުންނާފަތިކޮށްލާފައިވީ ނަމަވެސް، އެ މިސްކިތުގެ ކުނިބުނިތަކުގެ ތެރޭގައި ތިބެ ކުޑަކުދިން ކީރިތި ޤުރުއާން ކިޔަވަމުންދާ މަންޒަރަކީ ހިތްތަކަށް ނުހަނު އަސަރުކުރުވާ މަންޒަރެކެވެ. 2026 ވަނަ އަހަރުގެ ބަރަކާތްތެރި ރަމަޟާން މަހުގެ ރޯދަވީއްލުމުގެ ވަގުތަށް އިންތިޒާރުކުރަމުން، އެ ކުދިން އެ ކުރިއަށްގެންދަނީ އެންމެ މަތިވެރި އަޅުކަމެވެ.

Ad
rt

ޣައްޒާގެ އެތައް ސަތޭކަ މިސްކިތެއް ބިމާހަމަކޮށްލާފައިވީ ނަމަވެސް، ފަލަސްތީނުގެ އާ ޖީލުތަކުން ދަނީ އެ ބިނާތަކުގެ ކުނިބުނިތަކުގެ މަތީގައި ތިބެގެންވެސް އިސްލާމީ އުސޫލުތަކާއި ދީނީ ރޫހު ދިރުވައި އާލާކުރަމުންނެވެ.

އިސްރާއީލުން ފުނޑުފުނޑުކޮށްލާފައިވާ ގެދޮރު ކައިރީ ފަލަސްތީނު ކުދިން ގުރުއާން ކިޔަވަނީ، ފޮޓޯ: ޔެނީ ޝަފަކް:

ކާބޯތަކެއްޗާއި ބޯހިޔާވަހިކަމުގެ ދަތިކަން އިންތިހާއަށް އޮތް ހާލަތުގައިވެސް، އެ ދަރިވަރުން ދައްކުވައިދެނީ ކެތްތެރިކަމާއި އުންމީދުގެ މަތިވެރި ނަމޫނާއެކެވެ.

ސުންނާފަތިކޮށް ބިމާ ހަމަކޮށްލާފައިވާ އަމިއްލަ ގެދޮރުތައް ހުރި ތަންތަނުގައި އެރައްޔިތުން ރޯދަ ވީއްލުމުގެ މަތިވެރި ނަސީބު ލިބިގަންނަނީ ޝުކުރުވެރިކަމާއި، މިންވަރަށް އީމާންވުމުގެ މަތިވެރި ނަމޫނާ ދައްކަމުންނެވެ.

ސުންނާފަތިކޮށްލާފައި ގެދޮރު ތެރޭ ބައްޕަ ޝަހީދުވެފައިވާ ކުދިންތަކަކާއެކު މަޔަކު ރޯދަ ވީއްލަނީ

ފަލަސްތީނަކީ މާތްވެގެންވާ އަގްސާ މިސްކިތް ހުރި މާތް ބިން ވެސް މެއެވެ. އިސްރާއީލުގެ ޖައްބާރުންގެ ދުއްތުރާތަކާއި ބިރުދެއްކުން ކިތަންމެ ބޮޑަށް ފަލަސްތީނު ރައްޔިތުން ދަނީ އެ މިސްކިތާއި އެ މިސްކިތުގެ އިންވެގެންވާ ސަރަހައްދުތަކަށް އެއްވެ ނަމާދުކޮށް މާތްﷲ އަށް ކުއްތަންވުމުގެ މަތިވެރި ނަސީބު ލިބިގަންނަމުންނެވެ.

އަގްސާ މިސްކިތް ސަރަހައްދުގައި ފަލަސްތީނު ރައްޔިތުން ތަރާވީސް ނަމާދު ކުރަނީ

މިފަދަ މަންޒަރުތަކުން ރަމަޟާން މަހުގެ އަސްލު ރޫހު ޣައްޒާގައި ދެމިއޮތްކަން ހާމަކޮށްދެއެވެ. އެއީ ކުރިމަތިވާ ކޮންމެ ހުރަހަކާއެކުވެސް އަޅުކަމުގައި ސާބިތުވެ ތިބުމާއި، ހިތްދަތިކަމުގެ ތެރެއިންވެސް ހިތްހަމަޖެހުން ހޯދުމެވެ.

މާތްﷲ ފަލަސްތީނުގެ ލޮބުވެތި އަޚުންނާއި އުޚުތުންގެ އުނދަގޫތައް ފަސޭހަކޮށްދެއްވައި، އެބައިމީހުންގެ އަޅުކަން ގަބޫލުކުރައްވައި، ކެތްތެރިކަމާއި ނަޞްރު މިންވަރުކުރައްވާށިއެވެ. އަދި ފަލަސްތީނުގެ ބިމަށް އަމާންކަމާއި އިންސާފު ގެނެސްދެއްވާށިއެވެ. އާމީން.