މިދިޔަ ހުކުރު ދުވަހުން ފެށިގެން ތެލަސީމިއާ ސެންޓަރު ހުޅުވައި، ލޭ އެޅުމުގެ ޚިދުމަތް ލިބޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު އިޢުލާނު ކުރައްވައިފިއެވެ.

މިއީ އެ ސެންޓަރުގެ 31 އަހަރުވީ ތާރީޚުގައި ހުކުރު ދުވަހަކު ރަސްމީކޮށް ޚިދުމަތް ދޭން ފެށި ފުރަތަމަ ފަހަރެވެ.

Ad
rt

ރައީސުލްޖުމްހޫރިއްޔާ މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، 29 ޑިސެމްބަރ 1994 ގައި ތެލަސީމިއާ ސެންޓަރު ހުޅުވި ފަހުން ވޭތުވެދިޔަ ދިގު މުއްދަތުގައި ހުކުރު ދުވަހަކު އެ ސެންޓަރު ހުޅުވައިގެން ޚިދުމަތް ދީފައި ނުވާ ކަމަށެވެ. ނަމަވެސް، 20 ފެބްރުވަރީ 2026 ވީ ހުކުރު ދުވަހުން ފެށިގެން ކޮންމެ ހުކުރު ދުވަހަކު ވެސް ލޭ އެޅުމުގެ ޚިދުމަތް ދޭން މިހާރު ވަނީ ފަށާފައެވެ.

ޚިދުމަތް ފެށި ފުރަތަމަ ހުކުރު ދުވަހު، އެ ސެންޓަރުން ޖުމްލަ 14 ޓްރާންސްފިއުޝަން ހަދާފައިވާ ކަމަށާއި، އަދި 5 ފަރާތަކުން ލޭ ހަދިޔާކޮށްފައިވާ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. މިއީ ތެލަސީމިއާ ކުދިންނާއި އެކުދިންގެ އާއިލާތަކަށް ލިބިގެންދިޔަ ބޮޑު ލުޔެއްގެ ގޮތުގައި ސަރުކާރުން ދެކެއެވެ.

"މި ރަމަޟާން މަސް ނިމުމުންވެސް ހުކުރު ދުވަހު، ވަކި ގަޑިތަކެއްގައި ލޭއެޅުމުގެ ޚިދުމަތް ކުރިޔަށް ގެންދެވޭނެ" މި ބަދަލާ ގުޅޭގޮތުން ރައީސް އިތުރަށް ވިދާޅުވެފަވެއެވެ.

މީގެ ސަބަބުން އަތޮޅުތަކުން ހަފްތާ ބަންދާ ދިމާކޮށް މާލެ އަންނަ ފަރާތްތަކަށާއި، ލޭ ހަދިޔާކުރާ ފަރާތްތަކަށް ވެސް ހުކުރު ދުވަހު ޚިދުމަތް ހޯދުމަށް ފަސޭހަވެގެންދާނެއެވެ.

ތެލަސީމިއާ ކުދިންނަށް ދޭ ޚިދުމަތްތައް ފުޅާކުރުމުގެ ގޮތުން، މިދިޔަ ޖެނުއަރީ މަހުން ފެށިގެން ކޮންމެ ޕޭޝަންޓަކަށް 1000 ރުފިޔާގެ އެލަވަންސެއް ދޭން ވެސް ސަރުކާރުން ވަނީ ފަށާފައެވެ.