ހއ. ދިއްދޫގައި ޙާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކެއް ހިމެނޭ އާއިލާއެއްގެ ދިރިއުޅުމުގެ ހާލަތު ރަނގަޅުކުރުމަށްޓަކައި އެ އާއިލާ ދިރިއުޅޭ ގެ މަރާމާތުކުރުމުގެ މަސައްކަތް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
މި އޯގާތެރި މަސައްކަތަކީ "ދި ފައުންޑޭޝަން" އާއި "އެހީ ޖަމިއްޔާ" ގެ އިތުރުން ދިއްދޫގެ ދީލަތި އެހީތެރިންގެ ބުރަ މަސައްކަތުން ކުރިއަށް ގެންދިޔަ މަޝްރޫޢެކެވެ.
ދި ފައުންޑޭޝަނުން ބުނިގޮތުގައި މި މަޝްރޫޢުގެ ދަށުން ދިއްދޫގެ ޕޫލްރަސަމް ގޭގެ އާބާތުރަ ފިލުވުމަށް ގިނަ މަސައްކަތްތަކެއް ވަނީ ކޮށްފައެވެ. އެގޮތުން ގޭގެ ތިން ކޮޓަރިއާއި ސިޓިންގް ރޫމްގައި މުށިޖަހައި، ދިރިއުޅެން ފަސޭހަވާނެ ފަދަ ގޮތަކަށް ވަނީ ބަދަލުކޮށްފައެވެ.
މީގެ އިތުރުން ގޭގެ ފާހަނާ އެއްކޮށް ތަޅާލުމަށްފަހު، އައު ފެންވަރަށް ވަނީ މަރާމާތުކޮށްދީފައެވެ.
ގޭގެ މަރާމާތުގެ މަސައްކަތްތައް ނިންމާލުމުގެ ގޮތުން މުޅި ގޭގައި ކުލަލައި، އާއިލާއަށް ހިތްފަސޭހަ މާހައުލެއް ވަނީ ގާއިމުކޮށްދީފައެވެ.
މި ބަދަލުތަކާއެކު އެ އާއިލާއަށް ދިރިއުޅުމުގައި ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ދި ފައުންޑޭޝަނުން ފާހަގަކުރެއެވެ.
މި މާތް މަސައްކަތުގައި މާލީގޮތުންނާއި އަމަލީގޮތުން އެހީތެރިވެދެއްވި އެންމެހައި ފަރާތްތަކަށް ދި ފައުންޑޭޝަނުން ވަނީ އިޚްލާޞްތެރި ޝުކުރު އަދާކޮށްފައެވެ. އަދި ދިއްދޫގެ ރައްޔިތުންގެ މެދުގައި އޮތް އެކުވެރިކަމާއި އޯގާތެރިކަން މިގޮތުގައި ދެމެހެއްޓެވުމަށް އެދި ދުޢާކޮށްފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!