އިސްރާއީލަށް ތާއީދުކުރާ ކަމަށް ބުނެ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްދާ ބޮއިކޮޓް ކެމްޕޭނުތަކާ ގުޅިގެން، ދުނިޔޭގެ މަޝްހޫރު ކާބޯތަކެތި އުފައްދާ ނެސްލޭ ކުންފުނީގެ ވިޔަފާރިއަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެ، ސާފު ފައިދާއިން ބޮޑުތަނުން ދަށަށް ގޮސްފައިވާކަން އެ ކުންފުނީގެ ފަހުގެ ރިޕޯޓްތަކުން ހާމަވެއްޖެއެވެ.
19-20 ފެބްރުއަރީ 2026 ގައި އާންމުކޮށްފައިވާ އެ ކުންފުނީގެ މާލީ ރިޕޯޓްތަކަށް ބަލާއިރު، 2025 ވަނަ އަހަރު ހިއްސާދާރުންނަށް ލިބުނު ސާފު ފައިދާ ވަނީ 17 އިންސައްތަ ދަށަށް ގޮސްފައެވެ. އެއީ 9.03 ބިލިއަން ސްވިސް ފްރޭންކް (ސީއެޗްއެފް) އެވެ. މިއީ 2024 ވަނަ އަހަރު ލިބުނު 10.88 ބިލިއަން ސީއެޗްއެފް އާ އަޅާބަލާއިރު ބޮޑު ދަށަށް ދިއުމެކެވެ. މީގެ އިތުރުން ކުންފުނީގެ ޖުމްލަ ސޭލްސް ވެސް ވަނީ 2 އިންސައްތަ ދަށަށް ގޮސް 89.49 ބިލިއަން ސީއެޗްއެފް އަށް ތިރިވެފައެވެ.
ނެސްލޭއިން ބުނާ ގޮތުގައި ފައިދާ ދަށަށް ދިއުމުގެ މައިގަނޑު ސަބަބުތަކަކީ އުފެއްދުންތަކަށް ބޭނުންވާ ކޮފީ އާއި ކޯކޯ ފަދަ ތަކެތީގެ އަގު ބޮޑުވުމާއި، ބޭރު ފައިސާގެ މުއާމަލާތްތަކުން ލިބުނު ގެއްލުމެވެ. ނަމަވެސް، އިސްރާއީލުގެ އޯސެމް ކުންފުނީގެ ހިއްސާ ނެސްލޭގެ އަތުގައި އޮތުމުން، މެދުއިރުމައްޗާއި އޭޝިއާގެ މުސްލިމް ގައުމުތަކުގައި ކުރިއަށްދާ ބޮއިކޮޓް ކެމްޕޭނުގެ ސަބަބުން ވިޔަފާރިއަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައިވާކަން ރިޕޯޓްތައް ބުނެއެވެ. ކުންފުނިން ވަނީ ބައެއް މާކެޓްތަކުގައި ކަސްޓަމަރުންގެ "ޖެހިލުންވުންތަކެއް" ހުރިކަމަށް މީގެ ކުރިން އިއުތިރާފުވެފައެވެ.
މި ގޮންޖެހުންތަކާ އެކު، ކުންފުނީގެ ހަރަދުތައް ކުޑަކުރުމުގެ ގޮތުން އައު ސީ.އީ.އޯ ފިލިޕް ނަވްރާތިލްގެ އިރުޝާދުގެ ދަށުން 16,000 ވަޒީފާ މަދުކުރުމަށް ވަނީ ނިންމާފައެވެ. މިއީ ކުންފުނީގެ މުޅި މަސައްކަތްތެރިންގެ 6 އިންސައްތައެވެ. މި ފިޔަވަޅުގެ ބޭނުމަކީ 2027 އާ ހަމައަށް 3 ބިލިއަން ސީއެޗްއެފް ސަލާމަތްކުރުމެވެ. މީގެ އިތުރުން، ކުންފުނީގެ މައިގަނޑު ދާއިރާތަކަށް ސަމާލުކަން ދިނުމުގެ ގޮތުން، ކިޓްކެޓް ފަދަ ބްރޭންޑްތައް ހިމެނޭ އައިސްކްރީމް ވިޔަފާރި ވިއްކާލުމުގެ ފަހުގެ މަޝްވަރާތައް ވެސް ދަނީ ކުރަމުންނެވެ.
ނެސްލޭއަށް މާލީ ގޮތުންނާއި އަބުރަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ މި ދަނޑިވަޅުގައި، 2025 ޑިސެމްބަރު މަހު އެ ކުންފުނީގެ ކުޑަކުދިންގެ ކާނާގެ ބައެއް ބާވަތްތަކުގައި ޖަރާސީމުން ތަޣައްޔަރުވެފައި ހުރެދާނެތީ 60 އަށް ވުރެ ގިނަ ގައުމުން އަނބުރާ ގެންދަން ޖެހުމަކީ ވެސް ކުންފުންޏަށް ކުރިމަތިވި އިތުރު ގޮންޖެހުމެކެވެ.
މި ހުރިހާ ދަތިތަކަކާ އެކުވެސް، 2026 ވަނަ އަހަރު 3 އިންސައްތަ އާއި 4 އިންސައްތައާ ދެމެދުގެ ކުރިއެރުމެއް ލިބޭނެ ކަމަށް ނެސްލޭއިން އުންމީދު ކުރެއެވެ. ނަމަވެސް، އިސްރާއީލަށް ތާއީދުކުރާ ކުންފުނިތަކާ ދެކޮޅަށް މުސްލިމް އުންމަތުން ކުރަމުންދާ ބޮއިކޮޓްގެ އަސަރު އެ ކުންފުނީގެ މުސްތަގުބަލަށް ބޮޑު ނުފޫޒެއް ފޯރުވާނެ ކަމަށް އިގްތިސާދީ މާހިރުން ލަފާކުރެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!