އީރާނަށް އަމާޒުކޮށް ދީފާނެ އަސްކަރީ ހަމަލާތަކެއްގައި އިނގިރޭސިވިލާތުގެ ވައިގެ ބޭސްތައް ބޭނުންކުރުމަށް އެމެރިކާއިން ކުރި އިލްތިމާސް ގަބޫލުކުރުމަށް އިނގިރޭސި ސަރުކާރުން އިންކާރުކޮށްފި ކަމަށް ބައިނަލްއަގުވާމީ މީޑިއާ ރިޕޯޓްތަކުން ހާމަކޮށްފިއެވެ.
ބޮޑުވަޒީރު ކިއަރ ސްޓާމާގެ ސަރުކާރުން މި ނިންމުން ނިންމާފައިވަނީ، ސްވިންޑަން ކައިރީގައި އޮންނަ 'އާރް.އޭ.އެފް ފެއާފޯޑް' މަރުކަޒުން އެމެރިކާގެ ދުރު ރާސްތާ ބޮން އެޅުމުގެ އޮޕަރޭޝަންތައް ކުރިއަށް ގެންދިއުމުގެ ހުއްދައަށް އެމެރިކާއިން އެދުމުންނެވެ. އިނގިރޭސި ސަރުކާރުން ބުނެފައިވަނީ، އީރާނަށް އިސްވެ ހަމަލާދިނުމުގައި ބައިވެރިވުމަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފު ކަމަކަށް ވެދާނެ ކަމަށެވެ.
މި މައްސަލަ މިހާރު ވަނީ ޗާގޯސްގެ ޑިއޭގޯ ގާސިއާގައި ހުރި އިނގިރޭސިވިލާތާއި އެމެރިކާގެ ގުޅިފައިވާ އަސްކަރީ މަރުކަޒުގެ މުސްތަގުބަލާ ގުޅިފައެވެ. ޑިއޭގޯ ގާސިއާ އަކީ ސަރަހައްދީ އަސްކަރީ އޮޕަރޭޝަންތަކުގައި ވަރަށް މުހިންމު ތަނެކެވެ. މިހާރު އޮތް އެއްބަސްވުންތަކުގެ ދަށުން ޑިއޭގޯ ގާސިއާ އިން ހަމަލާއެއް ދޭނަމަ އިނގިރޭސިވިލާތަށް ހަމައެކަނި އެންގުމުން ފުދޭއިރު، އިނގިރޭސިވިލާތުގެ އެހެން ވައިގެ ބޭސްތައް ބޭނުންކުރާނަމަ އެގައުމުގެ ސީދާ ހުއްދަ ބޭނުންވެއެވެ.
އިސްވެ ހަމަލާދިނުމަށް އެއްބާރުލުން ދިނުމަށް އިނގިރޭސިވިލާތުން ފަސްޖެހެނީ އެގައުމުގެ ސަރުކާރުގެ ތެރޭގައި ޒަމާނުއްސުރެ އޮންނަ ސިޔާސަތެއްގެ ސަބަބުންނެވެ. 2001 ވަނަ އަހަރަށްފަހު އެކުލަވާލި އުސޫލުތަކުގެ ދަށުން، އެކުވެރި ގައުމަކުން ހިންގާ ގާނޫނާ ޚިލާފު އަސްކަރީ އަމަލެއްގައި އެނގިހުރެ އެހީތެރިވެއްޖެނަމަ، އެކަމުގެ ޒިންމާ އެހީތެރިވި ގައުމަކުން ވެސް އުފުލަން ޖެހޭނެއެވެ. މީގެ ކުރިން ވެސް އީރާނުގެ ބައެއް އަމާޒުތަކަށް އެމެރިކާއިން ދިން ހަމަލާތަކުގައި އިނގިރޭސިވިލާތުން ސީދާ ބައިވެރިވެފައެއް ނުވެއެވެ.
މި ނިންމުމުގެ ސަބަބުން، ޗާގޯސް ޖަޒީރާތައް (ފޯޅަވަހި) މޮރިޝަސްއާ ހަވާލުކުރުމާ ގުޅޭގޮތުން ދެ ގައުމުގެ ދެމެދުގައި އުފެދިފައިވާ ނުތަނަވަސްކަން އިތުރަށް ބޮޑުވެދާނެ ކަމަށް ބެލެވެއެވެ. ޗާގޯސް ޖަޒީރާތައް މޮރިޝަސްއާ ހަވާލުކޮށް، ޑިއޭގޯ ގާސިއާ 99 އަހަރަށް ކުއްޔަށް ހިފުމަށް އިނގިރޭސިވިލާތުން ވެފައިވާ އެއްބަސްވުމުގެ އަގު 35 ބިލިއަން ޕައުންޑަށް އަރާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ މި އެއްބަސްވުމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އޭނާ ސޯޝަލް މީޑިއާގައި ލިޔުއްވާފައިވަނީ "ޑިއޭގޯ ގާސިއާ ދޫކޮށްނުލާށެވެ!" މިހެންނެވެ. އަދި މިއީ ހެދޭ ވަރަށް ބޮޑު ގޯހެއް ކަމަށް ވެސް އޭނާ ވަނީ ސިފަކުރައްވާފައެވެ.
އެމެރިކާއިން މިހާރު ދަނީ މެދުއިރުމަތީގައި އެގައުމުގެ އަސްކަރީ ބާރު ގަދަކުރަމުންނެވެ. ނަމަވެސް އިނގިރޭސިވިލާތުގެ މި ނިންމުމާއެކު، އީރާނާ ދެކޮޅަށް ހިންގަން ރާވާފައިވާ އޮޕަރޭޝަންތަކަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމަށް މުހައްލިލުން ދެކެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!