އިނގިރޭސި ޕްރިމިއަރ ލީގުގެ މަޝްހޫރު ކްލަބް، ލިވަޕޫލަށް ކުޅެމުން އަންނަ ފްރާންސްގެ ހުނަރުވެރި ފޯވާޑް ހޫގޯ އެކިޓީކޭ އަކީ މުސްލިމެއްކަން އޭނާ ރަސްމީކޮށް ކަށަވަރުކޮށްދީފިއެވެ.

2025 ވަނަ އަހަރުގެ ހޫނުމޫސުމުގައި 80 މިލިއަން ޔޫރޯގެ ބޮޑު އަގަކަށް ލިވަޕޫލާ ގުޅުނު އެކިޓީކޭ މިކަން ހާމަކުރީ، މި ފެބްރުއަރީ މަހުގެ 19 ވަނަ ދުވަހު ލިވަޕޫލްގެ ރަސްމީ ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް ކަމަށްވާ އެކްސް، އިންސްޓަގްރާމް، ޓިކްޓޮކް އަދި ފޭސްބުކްގައި އާންމުކުރި ވީޑިއޯއެއްގައެވެ.

Ad
rt

"ލިވަޕޫލްގެ ހުރިހާ މެންބަރުންނާއި ހޫގޯ އެކިޓީކޭގެ ފަރާތުން ރަމަޟާން މުބާރަކް" މި ސުރުޚީގެ ދަށުން އާންމުކުރި މި ވީޑިއޯގައި އޭނާ ވަނީ ބަރަކާތްތެރި ރަމަޟާން މަހާ ގުޅޭގޮތުން ޝުއޫރު ފާޅުކޮށްފައެވެ.

މި ވީޑިއޯގައި އެކިޓީކޭ ބުނެފައިވަނީ، "އަހަރެންނަކީ ހޫގޯ އެކިޓީކޭ، އަދި އަހަރެންނަކީ މުސްލިމެއް" ކަމަށެވެ. ރަމަޟާން މަހަކީ ދީނާ ގާތްވުމަށާއި، އާއިލީ ގުޅުން ބަދަހިކުރުމުގެ އިތުރުން ހެޔޮ އަމަލުތައް ކުރުމަށް ލިބޭ ރަނގަޅު ފުރުސަތެއްގެ ގޮތުގައި އޭނާ ސިފަކުރިއެވެ. އަދި ރޯދަ ހިފުމަށާއި، ރޯދަ ވީއްލުމުގެ ވަގުތުތަކުގެ އިތުރުން ﷲ އާ ކުއްތަންވުމަށް އޭނާ ކެތްތެރިކަމާއެކު އިންތިޒާރުކުރާ ކަމަށްވެސް ބުންޏެވެ. މީގެ އިތުރުން، ހަމައެކަނި ރަމަޟާން މަހު ނޫން ކަމަށާއި، އަބަދުވެސް ކަލާނގެއާ ކުއްތަންވެ ހުރުމަށް މަސައްކަތްކުރާ ކަމަށްވެސް އޭނާ ފާހަގަކުރިއެވެ.

އެކިޓީކޭ މުސްލިމްކަން ހާމަކުރުމާއެކު، ލިވަޕޫލްގައި ހިމެނޭ މުހައްމަދު ސަލާހް އަދި އިބްރާހިމާ ކޮނާޓޭ ފަދަ މުސްލިމް ކުޅުންތެރިންނެކޭ އެއްފަދައިން، ކުރިއަށް އޮތް ރަމަޟާން މަހުގެ މެޗުތަކުގެ ތެރޭގައި ރޯދަ ވީއްލުމަށް ދެވޭ ވަގުތުތަކުގެ ފުރުސަތު އޭނާއަށްވެސް ލިބިގެންދާނެއެވެ.

އުމުރުން 23 އަހަރުގެ އެކިޓީކޭ އަކީ މުސްލިމެއްކަން މީގެ ކުރިންވެސް ބައެއް ކަންކަމުން ވަނީ ފާހަގަކުރެވިފައެވެ. އެގޮތުން 2022 ވަނަ އަހަރު ޕީ.އެސް.ޖީ އަށް ކުޅުނު ދުވަސްވަރު ޖަހާ ލަނޑުތަކަށްފަހު ސޯޝަލް މީޑިއާގައި "އަލްހަމްދުލިއްލާހި" ފަދަ ބަސްތައް އޭނާ ބޭނުންކޮށްފައިވެއެވެ.

ލިވަޕޫލްގެ ރަސްމީ ވަސީލަތްތަކުން މި މައުލޫމާތު އާންމުކޮށްފައިވާތީ، މިއީ ސައްހަ މައުލޫމާތެއްކަން މިހާރު ވަނީ ކަށަވަރުވެފައެވެ.

އެކިޓީކޭ އަކީ މިހާރު ޕްރިމިއަރ ލީގުގައި އެންމެ ވިދަމުން އަންނަ އެއް ތަރިއެވެ. މި ސީޒަނުގައި މިހާތަނަށް 10 އަށްވުރެ ގިނަ ލަނޑު ޖަހާފައިވާ އެކިޓީކޭ އަކީ 2026 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ފްރާންސްގެ ގައުމީ ޓީމުން މުހިންމު ޖާގައެއް ހޯދާނެ ކަމަށް ބެލެވޭ ކުޅުންތެރިއެކެވެ.

ފްރާންސަށް އުފަން، މިހާރު އިނގިރޭސި ޕްރިމިއަރ ލީގުގެ ލިވަޕޫލް އެފްސީ އާއި ފްރާންސްގެ ގައުމީ ޓީމަށް ކުޅެމުން އަންނަ ހުނަރުވެރި ފޯވާޑް ހޫގޯ އެކިޓިކޭގެ ފުޓްބޯޅަ ކެރިއަރު ފެށީ ސްޓޭޑް ޑި ރެއިމްސް އިން ކަމަށްވާއިރު، އޭނާ ވަނީ ޕީ.އެސް.ޖީ އާއި ޖަރުމަނުގެ އައިންޓްރަކްޓް ފްރެންކްފަޓްގައި ކާމިޔާބު ދުވަސްތަކެއް ހޭދަކޮށްފައެވެ.