ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މިއަދު ވެސް ދުންފުނީގެ (Haze) އަސަރުކޮށް، ވައި ނުރައްކާތެރި މިންވަރަކަށް ނުސާފުވެފައިވާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.

މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސަސްގެ ތަފާސް ހިސާބުތަކާ ހަވާލާދީ އެޗްޕީއޭ އިން ބުނީ، ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މިކަމުގެ އަސަރު ކުރާނެ ކަމަށެވެ.

Ad
rt

ވައިގެ ކޮލިޓީ ހުރި މިންވަރު

އެޗްޕީއޭ އިން އާންމުކުރި މައުލޫމާތަށް ބަލާއިރު، ވިލިމާލޭގައި ހުންނަ ގައުމީ ޔުނިވާސިޓީގެ ސެންޓަ ފޯ މެރިޓައިމް ސްޓަޑީސްގެ ކެމްޕަސް އިމާރާތުގައި ބަހައްޓާފައިވާ އެއާ ކޮލިޓީ މޮނީޓަރިން ސިސްޓަމުން ދައްކާ ގޮތުގައި އެ ސަރަހައްދުގެ ވައިގެ ކޮލިޓީ މިވަގުތު ހުރީ 154 ގައެވެ. މީގެ އިތުރުން ހދ. ކުޅުދުއްފުށީ ސިޓީގެ އެއާ ކޮލިޓީ ހުރީ 159 ގައެވެ. މި ދެ ސަރަހައްދު ވެސް މިހާރު އޮތީ ރެޑް އެލާޓް ގައެވެ.

އެއާ ކޮލިޓީ އިންޑެކްސް 151 އާއި 200 އާ ދެމެދުގައި ހުންނަ ނަމަ ނެރެނީ ރެޑް އެލާޓެވެ. އޭގެ މާނައަކީ ވައިގެ ނުސާފުކަން އެންމެންނަށް ނުރައްކާވާ މިންވަރަށް ހުރުމެވެ. "އައިކިއު އެއާ" ގެ މައުލޫމާތުން ދައްކާ ގޮތުގައި ވިލިމާލޭގައި ހިރަފުސް ކުނޑި ނުވަތަ ޕީއެމް2.5 މިހާރު ހުރީ ކޮންމެ ކިއުބިކް މީޓަރެއްގައި 60 މައިކްރޯ ގްރާމްގައެވެ. މިއީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ކަނޑައަޅާފައިވާ އެންމެ ދަށް މިންވަރަށް ވުރެ 12 ގުނަ މަތީ މިންވަރެކެވެ.

އެހެން ސަރަހައްދުތަކުގެ ހާލަތު

ރާއްޖޭގެ އެހެން ބައެއް ރަށްތަކުގެ ވައިގެ ކޮލިޓީ ހުރި މިންވަރަށް ބަލާއިރު:
- ދ. ކުޑަހުވަދޫ: 119 (އޮރެންޖު އެލާޓް)
- އައްޑޫ ސިޓީ: 110 (އޮރެންޖު އެލާޓް)
- ފުވައްމުލައް ސިޓީ: 82
- ށ. ފުނަދޫ: 68

އެއާ ކޮލިޓީ އިންޑެކްސް 101 އާއި 150 އާ ދެމެދުގައި ހުންނަ ނަމަ ނެރެނީ އޮރެންޖު އެލާޓެވެ. މީގެ މާނައަކީ ބަލި މީހުންނާއި ކުޑަކުދިން ފަދަ ހައި ރިސްކު މީހުން ހާއްސަ ސަމާލުކަމެއް ދޭން ޖެހުމެވެ.

ރައްކާތެރިކަމުގެ ފިޔަވަޅުތައް

ވައި ނުސާފުވެފައިވާ މި ދަނޑިވަޅުގައި ބޭރުތެރޭގައި އުޅޭ މިންވަރު މަދުކުރުމަށާއި، ބޭރަށް ނުކުންނަ ނަމަ މާސްކު އެޅުމަށް އެޗްޕީއޭ އިން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ގޭތެރެއަށް ނުސާފު ވައި ވަނުން ކުޑަކުރުމަށް ދޮރުތައް ބަންދުކޮށްފައި ބެހެއްޓުމަށާއި، ގޭގައި އެއާ ޕިއުރިފަޔާއެއް ބޭނުންކުރުމަށް ވެސް ލަފާދީފައިވެއެވެ.

"މިކަމާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުއްވުމަށް ހާއްސަ ސަމާލުކަމެއް ދެއްވާ،" އެޗްޕީއޭ އިން ބުނެފައިވެއެވެ.

ވައި ސާފު މިންވަރު ބެލުމަށް މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމެންޓްގެ ވެބްސައިޓް ނުވަތަ IQAir Visual އެޕް ބޭނުންކުރުމަށް ވެސް އެ އެޖެންސީން އިރުޝާދު ދެއެވެ.

ރަތް ސަމާލު

  • ސިއްހީގޮތުން ނޭދެވޭ އަސަރުތައް ކުރުމާއި، ފުއްޕާމެއާއި ހިތުގެ ބަލިތައް ނުރައްކާ ހުރިހާ އެންމެންނަށް ވެސް ބޮޑު،
  • މި ސަމާލުގެ ވަގުތުގައި ބޭރުގައި ކުޅިވަރު ކުޅުމާއި ކަސްރަތުކުރުން މަޑުޖައްސާލަން އިރުޝާދު ދީފައިވޭ،
  • އެންމެވެސް ބޭރަށް ނުކުންނަށް ޖެހޭ ހާލަތްތަކުގައި އެން95 ނުވަތަ އެފަދަ އެހެން މާސްކެއް އެޅުމަށް އިރުޝާދު ދީފައިވޭ،
  • ނުސާފުވައި ނުވަންނާނެހެން ގޭގެ ކުޑަދޮރުތައް ލައްޕާފައި ބެހެއްޓުމަށް އިރުޝާދު ދީފައިވޭ،

އޮރެންޖް އިންޒާރު

  • ނާޒުކު ހާލަތްތަކުގައިވާ ފަރާތްްތަކަަށާއި އެހެންމީހުންނަށް ވެސް ނޭވާލާ ނިޒާމުގެ މައްސަލަތައް ޖެހުމުގެ ފުރުސަތުބޮޑު،
  • ނާޒުކު ހާލަތްތަކުގައިވާ ފަރާތްތައް ބޭރުގައި ކުޅިވަރު ކުޅުމާއި ކަސްރަތުކުރުން މަޑުޖައްސާލަން އިރުޝާދު ދީފައިވޭ،
  • އެންމެވެސް ބޭރަށް ނުކުންނަށް ޖެހޭ ހާލަތްތަކުގައި އެން95 ނުވަތަ އެފަދަ އެހެން މާސްކެއް އެޅުމަށް އިރުޝާދު ދީފައިވޭ،
  • ނުސާފުވައި ނުވަންނާނެހެން ގޭގެ ކުޑަދޮރުތައް ލައްޕާފައި ބެހެއްޓުމަށް އިރުޝާދު ދީފައިވޭ،