ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން ފުލުހުންގެ ޚިދުމަތުން ރިޓަޔަރ ކުރެއްވުމާ ގުޅިގެން، އެ އިދާރާ ހިންގުން ވަގުތީ ގޮތުން ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީއާ ހަވާލުކޮށްފިއެވެ.
މި ބަދަލު ގެންނަވާފައިވަނީ ކޮމިޝަނަރ ނަވީން އިއްޔެގެ ވަގުތެއްގައި ޚިދުމަތުން ޝަރަފުވެރިކަމާއެކު ވަކިވެވަޑައިގަތުމާ ގުޅިގެންނެވެ.
ފުލުހުންގެ އިދާރާއިން މިއަދު ހާމަކުރި ގޮތުގައި، ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން 18 ފެބްރުވަރީ 2026 ވަނަ ދުވަހުން ފެށިގެން ރިޓަޔަރ ކުރައްވާފައިވާތީ، ދިވެހި ފުލުހުންގެ ޚިދުމަތުގެ ޤާނޫނުގެ 58 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެމަތިން، އެ ޚިދުމަތް ވަގުތީގޮތުން ހިންގަވާނީ ފަރުހާދު ފިކުރީ ކަމަށް މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ ޢަލީ އިޙްސާން ވަނީ ކަނޑައަޅުއްވާފައެވެ.
މިވަގުތު ޑެޕިއުޓީ ކޮމިޝަނަރުގެ މަޤާމުގައި ހުންނެވީ ފަރުހާދު އެކަންޏެވެ.
ފުލުހުންގެ ޤާނޫނު ބުނާގޮތުން، ޕޮލިސް ކޮމިޝަނަރުގެ މަޤާމު ހުސްވާތާ 45 ދުވަހުގެ ތެރޭގައި އެ މަޤާމަށް އާ ބޭފުޅަކު އައްޔަންކުރަން ޖެހެއެވެ. މި މަޤާމަށް ބޭފުޅަކު އައްޔަންކުރެވޭނީ ހޯމް މިނިސްޓްރީން އެކަމަށް އާންމުކޮށް އިޢުލާންކޮށް، ކުރިމަތިލާ ފަރާތްތަކުގެ ތެރެއިންނެވެ.
ޤާނޫނުގައިވާ ގޮތުން ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމަށް ކުރިމަތިލެވޭނީ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ރޭންކުން ފެށިގެން މަތީގެ އޮފިސަރުންނަށެވެ.
އިސްމާޢީލް ނަވީނަކީ މި ސަރުކާރުގެ ދައުރުގައި ރިޓަޔަރ ކުރެއްވި ދެވަނަ ކޮމިޝަނަރެވެ. މީގެކުރިން މިދިޔަ އަހަރުގެ އޭޕްރިލް މަހު އެއިރުގެ ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު ވަނީ ޝަރަފުވެރިކަމާއެކު ރިޓަޔަރ ކުރައްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!