ޕީއެންސީގެ ކެންޑިޑޭޓުން ގޯހެއް ހަދައިފިނަމަ އެކަމުގެ ޒިންމާ ނަގާނެކަމަށް ވިދާޅުވެ މާލޭ ސިޓީ ކައުންސިލުގެ މެޖޯރިޓީ ޕީއެންސީއަށް ދިނުމަށް މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު (ބޮޗޭ) ގޮވާލައްވައިފި އެވެ.
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ކޮންގްރެސް ޕާޓީގެ ޓިކެޓުގައި މާފަންނުގެ ދާއިރާތަކަށް ކުރިމަތިލެއްވި ކެންޑިޑޭޓުންގެ ކެމްޕެއިން ރަސްމީކޮށް ފެށުމަށް ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން މެމްބަރު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒަށް އޮތް އިތުބާރު ޕީއެންސީގެ ކޮންމެ ކެންޑިޑޭޓަކަށް ވެސް އެބަ އޮތް ކަމަށެވެ.
"އަޅުގަނޑު މާފަންނުގެ ރައްޔިތުންނަށް އަދި އަޅުގަނޑުގެ ދާއިރާގެ ރައްޔިތުންނަށް އަރުވާ ޔަގީން ކަމަކީ އަޅުގަނޑު ޒިންމާވާނަމޭ މިއިން ކޮންމެ ކެންޑިޑޭޓަކު ގޯހެއް ހެދިޔަސް.އަޅުގަނޑަށް އިތުބާރުކޮށްފައި ޕީއެންސީގެ ކެންޑިޑޭޓުން ހޮވައިދެއްވާށޭ. ފޯނު ނުނަގައިފިއްޔާ އަޅުގަނޑު ދާނަން ކެންޑިޑޭޓުންގެ އަރިހަށް. ހިދުމަތެއް ނުލިބިއްޖެ ނަމަ ވެސް އަޅުގަނޑު ދާންނަ އެބޭފުޅުންގެ އަރިހަށް". މެމްބަރު ވިދާޅުވިއެވެ.
މިހާ ބޮޑު ޔަގީންކަމެއް ރައްޔިތުންނަށް ދިނީ މިހާރު ވެސް އެ ދާއިރާއަށް ނިސްބަތްވާ ކައުންސިލަރުންނާއި މާލޭގެ ޑެޕިއުޓީ މޭޔަރު ކުރައްވާ މަސައްކަތް އެނގޭތީކަމަށް މެމްބަރު ވިދާޅުވިއެވެ.
ސަރުކާރު ހިންގާ ޕީއެންސީގެ ފަރާތުން މާލޭ ސިޓީ ކައުންސިލަށް އިންތިހާބުވެފައިވާ ކައުންސިލަރުންނަކީ، ވަޒީފާގެ ޒިންމާ އަދާ ކުރެވޭ ބައެއް ނޫންކަމަށް ބުނެ މާލޭގެ މިހާރުގެ މޭޔަރު އާދަމް އާޒިމް ދައްކަވަމުން އަންނަ ވާހަކަތަކަށް ވެސް މެމްބަރު ރިފާއު ވަނީ މި ހަފްލާގައި ރައްދު ދެއްވާފައެވެ. އެގޮތުން ޕީއެންސީ މެމްބަރުން ނިދާފައި ތިބިނަމަ އާޒިމަށް ސިޓީ ކައުންސިލުގެ ތެރެއިން އެއްކަމެއް ވެސް ނުކުރެއްވޭނެކަމަށް މެމްބަރު ވިދާޅުވިއެވެ. ނަމަވެސް ހިޔާލު ތަފާތު ވިޔަސް ރައްޔިތުންނަށް ހިދުމަތް ދިނުމުގައި މޭޔަރަށް އެއްބާރުލުން ދެމުން އަންނަކަމަށާއި މިއީ މީގެ ކުރިން އެމްޑީޕީގެ ވެރިކަމުގައި ފެނުނު ކަމެއް ނޫން ކަމަށް މެމްބަރު ވިދާޅުވިއެވެ.
ރައްޔިތުންނަށް މި ލިބޭ ފުރުސަތުގެ ބޭނުން ހިއްޕަވައި "ދޫންޏަށް" ވޯޓު ދިނުމަށް، މާލޭގެ ރައްޔިތުންނަށް މެމްބަރުވަނީ ގޮވާލައްވާފައެވެ. .
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!