ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ގެ ތަށި ބޮޑު ތިލަދުންމައްޗަށް މިއަދު ގެންގޮސްފިއެވެ.
ހދ. ނައިވާދޫ ހޯދި މި ތަށި ފުރަތަމަ ގެންގޮސްފައި ވަނީ އެ އަތޮޅު ފިނެއަށެވެ.
ޓީމް ނައިވާދޫގެ އެސިސްޓެންޓް ކޯޗު އަހްމަދު ސިނާން ''ތިލަދުން'' އަށް ބުނީ އެތަށި ނައިވާދޫ އަށް ގެންދިޔުން އޮންނާނީ މިއަދު ހަވީރުކަމަށެވެ.
''މިހާރު ދެވަނަ ފްލައިޓުން އައި ކުޅުންތެރިން މިރަށަށް އެ އަންނަނީ، އެ ކުޅުންތެރިންނާއެކު ހަވީރު 16:15 އަށް ތަށި ހިފައިގެން ރަށަށް ދާނަން'' ސިނާން ބުންޏެވެ.
މި ތަށި ފިނޭއަށް ގެންދިޔުމާއި ގުޅިގެން ފިނޭ ކައުންސިލުން ބުނީ ގޯލްޑެން ފުޓްސަލް ޗެލެންޖް 2026 ގެ ފޯރިގަދަ ކުޅުމަށްފަހު، މުބާރާތުގެ ތަށި އުފުލާލައި، ޓީމް ނައިވާދޫ ހޯއްދި ފުރިހަމަ ކާމިޔާބީއަށްޓަކައި މަރުހަބާއާއި ތަހުނިޔާ ކިޔާ ކަމަށެވެ.
''މިއީ ހަމައެކަނި ޓީމަށް ލިބުނު ކާމިޔާބީއެއް ނޫން، މިއީ މުޅި ހދ. އަތޮޅަށް ލިބުނު ރީތި ނަމަކާއި ފަޚުރެއް. ތިޔަ ދެއްކެވި ހިތްވަރާއި، އެއްބައިވަންތަކަމާއި، ފުރިހަމަ ކުޅުމާމެދު ހދ. އަތޮޅުގެ ކޮންމެ ރައްޔިތަކުވެސް ފަޚުރުވެރިވޭ'' ފިނޭ ކައުންސިލުން ބުންޏެވެ.
14 ފެބްރުއަރީ 2026 ވަނަ ދުވަހު ރޭ ހުޅުމާލޭ ރެހެންދި ފުޓްސަލް ދަނޑުގައި ކުޅުނު މި މުބާރާތުގެ ފައިނަލް މެޗުގައި ނައިވާދޫ ޗެމްޕިއަންކަން ހޯދީ 9-3 ލަނޑުގެ ބޮޑު ތަފާތަކުން ގއ.ދެއްވަދޫ ބަލިކޮށްގެންނެވެ.
ދެއްވަދޫ ކޮޅަށް 9 ލަނޑުޖަހައި ނައިވާދޫ ފުޓްސަލްގެ ރަސްކަމަށް، ތަށި ބޮޑު ތިލަދުންމައްޗަށް
ނައިވާދޫ ވަނީ މިތައްޓާއެކު މިއަހަރު ތިން ތަށި ހޯދާފައެވެ. އަނެއް ދެ ތައްޓަކީ ހދ. އަތޮޅު ތައްޓާއި، ޒޯން 1 ގެ ތައްޓެވެ.
ނައިވާދޫ ވަނީ މި މުބާރާތުގައި ޒޯން 1ގެ ޗެމްޕިއަންކަން ޖުމްލަ ހަތަރު ފަހަރު ހޯދާފައެވެ. އެއީ 2026 ވަނަ އަހަރުގެ އިތުރުން 2025، 2023 އަދި 2018 ވަނަ އަހަރު އެވެ.
ނައިވާދޫ ވަނީ މި މުބާރާތުގެ ހދ.އަތޮޅުގެ ޗެމްޕިއަންކަން 2016، 2018، 2019، 2022، 2023، 2024، 2025 އަދި 2026 ގައި ހޯދާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!