ހދ. ކުމުންދޫގައި ދެ ޖިންސަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ ވޮލީ ކޭމްޕް ނިންމލައިފިއެވެ.
މި ވޮލީ ކޭމްޕަކީ ކުމުންދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީ (ޑަބްލިޔުޑީސީ) އާއި ކުމުންދޫ ކައުންސިލް އަދި ޕޮލިސްގެ އެހީތެރިކަމާއި އެކު ކުރިއަށް ގެންދިޔަ ކޭމްޕެކެވެ.
މި ފެބްރުއަރީ މަހުގެ 1 އިން 10 އަށް ކުރިއަށް ގެންދިޔަ މި ކޭމްޕްގެ މުދައްރިބެއްގެ ގޮތުގައި ހަރަކާތްތެރިވެފައި ވަނީ ފުލުހުންގެ ޚިދުމަތުގައި މަސައްކަތްކުރާ މަޝްހޫރު ވޮލީ ކުޅުންތެރިޔާ ސޯދިގް މޫސާ އެވެ.
މި ކޭމްޕް ނިންމުމަށް ބޭއްވި ރަސްމިއްޔާތުގައި ކޭމްޕް ފުރިހަމަކުރި ބައިވެރިންނަށް ހަނދާނީ ލިޔުން ދީފައިވާއިރު، ކޯހުގެ މުދައްރިބު ސޯދިގު ކޮށްދެއްވި މަސައްކަތުގެ އަގުވަޒަންކޮށް އޭނާ އަށް ވަނީ ހަނދާނީ ފިލައެއް ވެސް ދީފައެވެ.
މި ވޮލީ ކޭމްޕް ކުރިއަށް ގެންދިޔައީ ކުމުންދޫގެ 13 އަހަރުން މަތީގެ އަންހެން، ފިރިހެން ޖިންސުގެ ފަރާތްތަކަށް ފުރުސަތު ހުޅުވާލައިގެންނެވެ.
މިދިޔަ އަހަރު ފަހުކޮޅު އޮތް ތިލަދެކުނު ފުޓްސަލް މުބާރާތުގައި ކުމުންދޫއިން މޮޅު ކުޅުމެއްދެއްކި އަންހެންޓީމެއް ބައިވެރިކުރުމުގައި ކުމުންދޫ އަންހެނުންގެ ކޮމެޓީން މުހިންމު ދައުރެއް އަދާކޮށްފައިވާއިރު، އެ ކޮމެޓީން އަންނަނީ ރަށުގެ އިޖުތިމާއީ ދުޅަހެޔޮކަމަށާއި، އަންހެނުންގެ ކުރިއެރުމަށް އެކި ހަރަކާތްތައް ހިންގަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!