ސައިންސްގެ ދާއިރާއަށް ޝައުޤުވެރިކަން ހުންނަ ކޮންމެ ދިވެހި އަންހެން ކުއްޖަކަށްވެސް ޤައުމުގެ ތަރައްޤީގައި ބައިވެރިވެވޭނެ މަގު ފަހިކޮށްދިނުމަށްޓަކައި، ކުރިމަތިވާ ހުރަސްތައް ނައްތާލުމުގައި ސަރުކާރު ސާބިތުކަމާއެކު ދެމިއޮންނާނެކަމުގެ ޔަޤީންކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ދެއްވައިފިއެވެ.

ރައީސް މި ޔަގީންކަން ދެއްވީ، ބައިނަލްއަޤުވާމީ ފެންވަރުގައި މިއަދު ފާހަގަކުރަމުންދާ "އިންޓަރނޭޝަނަލް ޑޭ އޮފް ވިމެން އެންޑް ގަރލްސް އިން ސައިންސް" ނުވަތަ ސައިންސްގެ ދާއިރާގައި ހަރަކާތްތެރިވާ އަންހެނުންނާއި އަންހެން ކުދީންގެ ދުވަހުގެ މުނާސަބަތުގައި މީސް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.

Ad
rt

ރައީސް ޑރ. މުޢިއްޒު ވިދާޅުވީ، ސައިންސްގެ ދާއިރާގައި މަސައްކަތްކުރާ އަންހެނުންނާއި އަންހެން ކުދިންގެ ބައިނަލްއަޤްވާމީ ދުވަހަކީ، ސިއްޙަތާއި މޫސުމަށް އަންނަ ބަދަލުތަކުން ފެށިގެން ޓެކްނޮލޮޖީއާއި އީޖާދީ ކަންކަމާ ހަމައަށް، ޢިލްމު ކުރިއެރުވުމުގައި އަންހެނުން އަދާކުރާ މުހިންމު ދައުރު ހަނދާންކޮށްދޭ ދުވަހެއް ކަމަށެވެ. އަދި މި ދާއިރާއިން އަންހެނުން ފޯރުކޮށްދޭ ޚިދުމަތްތަކަކީ އަގުނުކުރެވޭ ފަދަ މުހިންމު ޚިދުމަތްތަކެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ތަޢުލީމާއި، ތަމްރީނާއި، އަދި ލިބެމުންދާ އައު ފުރުޞަތުތަކުގެ އެހީގައި، ދިވެހިރާއްޖޭގެ ގިނަ އަދަދެއްގެ އަންހެން ކުދިން 'ސްޓެމް'ގެ ދާއިރާތަކުން ކުރިއަށްދާ މަންޒަރު ފެނުމަކީ ފަޚުރުވެރިވާ ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ. މިއީ ސައިންސާއި އީޖާދީ ދާއިރާއިން އުޖާލާ އަދި އެންމެން ބައިވެރިވާ މުސްތަޤްބަލަކަށް މަގުކޮށްދޭ ކަމެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ.

މީގެ އިތުރުން، ރައީސްގެ މެސެޖުގައި ވަނީ ސައިންސްގެ ދާއިރާގައި ހުރި ހުރަސްތައް ގިރާކުރި ކަނބަލުންގެ އަގު ވަޒަންކުރައްވާފައެވެ. އަދި ކޮންމެ އަންހެން ކުއްޖަކަށްވެސް އުނގެނުމާއި، ޚިދުމަތްކުރުމާއި، އަދި އިސްނެގުމުގެ ފުރުޞަތު ކަށަވަރުކޮށްދިނުމަށް ސަރުކާރުން ވެފައިވާ ވަޢުދު އެމަނިކުފާނު މިއަދު ވަނީ އާކުރައްވާފައެވެ.

ރައީސް ޑރ. މުޢިއްޒު ވަނީ، ސައިންސްގެ ދާއިރާއަށް ޝައުޤުވެރިކަން ހުންނަ ކޮންމެ ދިވެހި އަންހެން ކުއްޖަކަށްވެސް ޤައުމުގެ ތަރައްޤީގައި ބައިވެރިވެވޭނެ މަގު ފަހިކޮށްދިނުމަށްޓަކައި، ކުރިމަތިވާ ހުރަސްތައް ނައްތާލުމުގައި ސަރުކާރު ސާބިތުކަމާއެކު ދެމިތިބޭނެކަމުގެ ފުރިހަމަ ޔަޤީންކަން ދިވެހި ކަނބަލުންނަށް އަރުވާފައެވެ.