މާލޭގެ ބަރުބަރީ މިސްކިތް، 16 ފެބްރުއަރީ 2026 ވާ ހޯމަ ދުވަހުގެ އަޞްރު ނަމާދަށް ރަސްމީކޮށް ހުޅުވާނެކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ބުނެފިއެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދިން ގޮތުގައި، މި މިސްކިތަކީ ޖުމްލަ ތިން ބުރިއަށް، ޒަމާނީ ފެންވަރަށް ބިނާކޮށްފައިވާ މިސްކިތެކެވެ. މި މިސްކިތުގައި އެއްފަހަރާ 1،400 މީހުންނަށް ނަމާދު ކުރެވޭނެއެވެ.

Ad
rt

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ބުނިގޮތުގައި ސަރުކާރުގެ އަމާޒަކީ މާލެ ސިޓީގައި ހުރި ދުވަސްވީ މިސްކިތްތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުން ކަމަށް އެ ވުޒާރާއިން ބުނެއެވެ. މިގޮތުން، ވިލިމާލޭ މަސްޖިދުއްސަލާމާއި މާލޭ ޒިކުރާ މިސްކިތް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ އަމަލީ މަސައްކަތް މިއަހަރުގެ ރަމަޟާން މަހަށް ފަހު ފަށާނެއެވެ. ރަމަޟާން މަސް ކައިރިވެފައިވާތީ، މި ދެ މިސްކިތް ތަޅާނުލައި މަސައްކަތް ލަސްކޮށްލީ އާންމު ރައްޔިތުންނަށް ދިމާވެދާނެ ދަތިތަކަށް ރިއާޔަތްކުރުމަށްފަހުގައިކަމަށް އެ ވުޒާރާއިން ބުންޏެވެ. އަދި މި ދެ މިސްކިތް ތަރައްޤީ ކުރުމަށް މިހާރު ވަނީ ސްޕޮންސަރުންވެސް ލިބިފައެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން އިތުރަށް ބުނި ގޮތުގައި، މާލެ ސަރަހައްދުގައި ދެން ބާ މިސްކިތެއްގެ ގޮތުގައި ހުރީ ހެންވޭރު އަފީފުއްދީން މިސްކިތް އެކަންޏެވެ. އެ މިސްކިތް ތަރައްޤީ ކުރުމަށް ބޭނުންވާ އެހީވެސް ހަމަޖެހިގެންދާނެ ކަމަށް އެ ވުޒާރާއިން ބުނެއެވެ. މީގެ އިތުރުން، މާފަންނު ބޮޑުގެ މިސްކިތުގެ މަސައްކަތްވެސް ބާރުސްޕީޑުގައި ކުރިއަށްދާ ކަމަށާއި، އަންނަ އަހަރުގެ ރަމަޟާން މަހަށް އެ މިސްކިތުގެ މަސައްކަތް ނިމޭނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް އެ ވުޒާރާއިން ހާމަކުރެއެވެ.

މިސްކިތްތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރަމުންދާއިރު، ރާއްޖޭގައި ހުރި ހިރިގަލުގެ އާސާރީ މިސްކިތްތައް، އާސާރީ ތަންތަނުގެ ގޮތުގައި ރައްކާތެރިކަމާއެކު ދަމަހައްޓާނެ ކަމުގެ ޔަގީންކަންވެސް ސަރުކާރުން ވަނީ ދީފައެވެ.