ރާއްޖޭގެ 15 އަތޮޅެއްގެ 19 ރަށެއްގައި ޕަބްލިކް ވަރކްސް ޔުނިޓުތައް، އެންމެ ޒަމާނީ ވަސީލަތްތަކާއެކު ގާއިމުކޮށް މި އަހަރުގެ މެދުތެރޭގައި ނިންމަވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ބުރާސްފަތި ދުވަހު ރައްޔިތުންގެ މަޖިލީހަށް މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވައި ދެއްވަމުންނެވެ.
ރައީސް ވިދާޅުވީ ރާއްޖޭގެ ހުރިހާ ރަށެއްގައި ގާއިމުކުރެވޭ އުމްރާނީ ވަސީލަތްތައް ރަނގަޅު ގޮތުގައި ބެލެހެއްޓުމަކީ ނުވަތަ ރަނގަޅު މެއިންޓެނަންސް ޝެޑިއުލެއްގެ ދަށުން މަރާމާތު ކުރުމަކީ، ދެމެހެއްޓެނިވި ގޮތެއްގައި އަދި ޚަރަދުގެ ގޮތުން ބަލާއިރު ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކަމަށެވެ. އެގޮތުން އަތޮޅުތަކަށް ޕަބްލިކް ވަރކްސްގެ ޚިދުމަތް ފުޅާކުރުމަށްޓަކައި މިހާރު އެ ޚިދުމަތް ގާއިމުކުރެވިފައި ނުވާ ރަށްރަށުގައި މި ޔުނިޓުތައް ގާއިމުކުރުމުގެ މަސައްކަތް ކުރިއަށްދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މި އިންތިޒާމު ހަމަޖެހުމުން ރަށްރަށުގައި ގާއިމުކުރާ އުމްރާނީ ވަސީލަތްތަކުގެ މެއިންޓެނަންސް ކަންކަން ބެލެހެއްޓުން މިހާރަށްވުރެ ހަލުވިވެގެންދާނެއެވެ. މީގެ ތެރޭގައި ބަނދަރުތެރެ ފުންކުރުމާއި، ނެރު ފުންކުރުމާއި، ބަނދަރުގެ އެކިކަހަލަ މަރާމާތުތައް ކުރުން ހިމެނެއެވެ.
މީގެ އިތުރުން މަގުތައް މަރާމާތު ކުރުމާއި، އިމާރާތްތަކާއި އެކިކަހަލަ އުމްރާނީ ވަސީލަތްތަކުގެ މަރާމާތުގެ މަސައްކަތްތައް ވެސް މި ޔުނިޓުތަކުން ކުރިއަށް ގެންދާނެއެވެ.
ރައީސް މުޢިއްޒު އިތުރަށް ވިދާޅުވީ، މި ޔުނިޓުތަކުގެ ސަބަބުން "ވަރަށް ކުޑަ ޚަރަދެއްގައި، އަދި ވަރަށް ރިލަޔަބަލްކޮށް" މަރާމާތުގެ މަސައްކަތްތައް ކުރިއަށް ގެންދެވޭނެ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!