ރާއްޖޭގެ 110 ރަށެއްގެ މަގުހެދުމުގެ މަޝްރޫއު، ކުރިއަށް އޮތް 22 މަސް ދުވަހުގެ ތެރޭގައި ނިންމައި ހަވާލުކުރައްވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ބުރާސްފަތި ދުވަހު އިއްވެވި ރިޔާސީ ބަޔާނުގައެވެ.
ރައީސް ވިދާޅުވީ އެއްގަމު މަގުން ފެންވަރު ރަނގަޅު، ދެމެހެއްޓެނިވި ޓްރާންސްޕޯޓް އިންފްރާސްޓްރަކްޗަރ ގާއިމުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ވޭތުވެދިޔަ އަހަރުގެ ތެރޭގައި 6 ރަށެއްގެ މަގު ހެދުމުގެ މަސައްކަތް ނިންމާފައިވާ ކަމަށެވެ. އަދި މިދިޔަ އަހަރު އަލަށް ސޮއިކުރެވުނު 57 މަޝްރޫޢާއެކު، މިހާރު ޖުމްލަ 97 މަޝްރޫޢެއްގެ މަސައްކަތް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެކި މަރުހަލާގައި ކުރިއަށްދާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، މިއަހަރުގެ ތެރޭގައި އިތުރު 13 ރަށެއްގައި މަގު ހެދުމުގެ މަސައްކަތް ކުރުމަށް ހަވާލުކުރެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
"އިރާދަކުރެއްވިއްޔާ މި 110 ރަށުގެ މަގުހެދުމުގެ މަޝްރޫއު، ކުރިއަށް އޮތް 22 މަސް ދުވަހުގެ ތެރޭގައި ނިންމައި ޙަވާލުކުރާނަން،" ރައީސް ވިދާޅުވިއެވެ.
މަގު ހެދުމުގައި ލޯކަލް ޓޫރިޒަމް ކުރިއަރަމުން އަންނަ ރަށްތަކުގެ ރައްޔިތުން އެދިފައިވާ ގޮތަށް، ފެން ހިންދާ ނިޒާމާއެކު ވެލި މަގުތައް ހެދުމަށް ވެސް ވަނީ ނިންމާފައެވެ.
މަޝްރޫޢުތައް ހަލުއިކޮށް ޚަރަދު ކުޑަކުރުމަށްޓަކައި، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އަށް ބޭނުންވާ ޒަމާނީ މެޝިނަރީތައް މިއަހަރުގެ އެޕްރީލް މަސް ނިމުމުގެ ކުރިން ގެނެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. މީގެ ތެރެއިން އެއް ސެޓަޕް ގުޅިފަޅަށް މޮބިލައިޒްކޮށް، އެ ފަޅުގެ ފެނާއި، ނަރުދަމާ އަދި މަގު ހެދުމުގެ މަސައްކަތް މޭ މަހު ފަށާނެއެވެ. އަދި ގިރާވަރުފަޅުގެ ބިން ހިއްކައި ނިމުމުން، އެތަނުގެ އިންފްރާސްޓްރަކްޗަރ މަސައްކަތްތައް މިއަހަރުގެ މެދުތެރޭގައި ފެށުމަށް ވަނީ ރޭވިފައިކަމަށް ވެސް ވިދާޅުވިއެވެ.
މާލެ ސަރަހައްދުގެ މަގުތަކާ ގުޅޭގޮތުން ރައީސް ވިދާޅުވީ، ޗައިނާ ސަރުކާރުގެ ހިލޭ އެހީގައި މާލެ އަދި ވިލިމާލޭގެ މަގުތައް އަލުން ތަރައްޤީކުރުމުގެ މަޝްރޫޢުގެ ޑިޒައިން މަސައްކަތް މިއަހަރުގެ ކުރީކޮޅު ފެށޭނެ ކަމަށެވެ. އަދި މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް މިއަހަރުގެ ފަހުކޮޅު ފެށޭނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް ރައީސް މުޢިއްޒު ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!