ރާއްޖޭގެ ކުޅިވަރު އާއިލާގެ 385 ކުޅުންތެރިންނާއި އޮފިޝަލުންނަށް ހެލްތު އިންޝުއަރެންސް ލިބޭނެ އިންތިޒާމު ސަރުކާރުން މިއަދު ހަމަޖައްސައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު މިއަދު މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ކުޅުންތެރިންނަށް ޚާއްޞަ ހެލްތު އިންޝުއަރެންސްގެ ޚިދުމަތް ފޯރުކޮށްދޭން މިއަދު ފަށާފައިވާ ކަމަށެވެ.
މި މަޝްރޫޢުގެ ދަށުން ރާއްޖޭގެ ޤައުމީ 18 ކުޅިވަރު އެސޯސިއޭޝަނެއް ހިމެނޭ ގޮތަށް، ޖުމްލަ 385 ކުޅުންތެރިންނާއި އޮފިޝަލުންނަށް މި ޚިދުމަތް ލިބިގެންދާނެއެވެ.
ރައީސް ފާހަގަކުރެއްވި ގޮތުގައި، މިއީ ދިވެހި ކުޅިވަރުގެ އާއިލާއިން މިކަމަށް އެދެމުންދާތާ އެތައް އަހަރެއް ވެފައިވާ މުހިންމު ކަމެކެވެ. މި އިންޝުއަރެންސްގެ ސަބަބުން ކުޅުންތެރިންނަށް ލިބޭނެ އެންމެ ބޮޑު އެއް ލުޔަކީ، ރާއްޖޭގައި ބާއްވާ މުބާރާތްތަކުގެ އިތުރުން، ރާއްޖެއިން ބޭރުގައި ބާއްވާ ބައިނަލްއަޤްވާމީ މުބާރާތްތަކާއި ތަމްރީނުތަކުގައި ލިބޭ އަނިޔާތަކަށް ފަރުވާ ހޯދުމުގައި ބޮޑެތި ލުއިތަކެއް ލިބިގެންދިއުމެވެ.
މި ނިންމުމާއެކު، ދިވެހި އެތުލީޓުންގެ ޞިއްޙީ ރައްކާތެރިކަން ކަށަވަރުވެ، ކުޅިވަރުގެ ދާއިރާއިން ކުރިއަށް ދިއުމަށް ބޮޑު ހިތްވަރެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.
ކުޅިވަރު އެތުލީޓުންނަށް ހެލްތު އިންޝުއަރެންސްގެ ފުރުޞަތު ފަހިކޮށްދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!