މި ސަރުކާރަކީ ވީހާވެސް ބޮޑަކަށް ރައްޔިތުންގެ އަޑުއަހާ، ރައްޔިތުންނާ ގާތުން ޚިދުމަތްދޭ ސަރުކާރަކަށް ހެއްދެވުމަށްޓަކައި، ރައްޔިތުންގެ ކަންބޮޑުވުންތަކާއި ޝަކުވާތައް ހުށަހެޅުމަށް ޚާއްސަ އޮފީހެއް ގާއިމުކުރަން ނިންމަވާފައިވާކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު އިޢުލާން ކުރައްވައިފިއެވެ.
މިއަދު ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ، "ސިޓިޒެންސް ކޮމްޕްލެއިންޓްސް ބިޔުރޯ"ގެ ނަމުގައި މި އޮފީސް ގާއިމުކުރާނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކަމަށެވެ. އަދި މިއީ 24 ގަޑިއިރު ޚިދުމަތް ދޭނޭ ތަނެއްގެ ގޮތުގައި ހަމަޖައްސަވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މި ބިޔުރޯގެ މައިގަނޑު މަސްއޫލިއްޔަތަކީ ސިޓީ، އީމެއިލް، ރައްޔިތުންގެ އަޑު، ޖެމްސް، ފޯނު އަދި ސޯޝަލް މީޑިއާ ފަދަ އެކި ވަސީލަތްތައް މެދުވެރިކޮށް ރައްޔިތުން ހުށަހަޅާ ޝަކުވާތައް ޑިޖިޓަލް ސިސްޓަމެއްގެ ތެރެއިން މެނޭޖުކުރުމެވެ. މިގޮތުން، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އެކުލެވޭ، ޒަމާނީ އޮޓޮމޭޓެޑް ސިސްޓަމެއްގެ އެހީގައި ކޮންމެ ޝަކުވާއަކަށް ޓިކެޓެއް ދޫކޮށް، އެ މައްސަލައަކަށް ޖަވާބު ލިބެންދެން ޓްރެކް ކުރެވޭނެ އިންތިޒާމު ހަމަޖެހޭނެއެވެ.
ރައީސް މުޢިއްޒު އިތުރަށް ތަފްސީލުކޮށްދެއްވި ގޮތުގައި، މި ބިޔުރޯގެ ދަށުން 24 ގަޑިއިރު ހިދުމަތްދޭ "ކޯލް ސެންޓަރ" އެއް ހުންނާނެއެވެ. އަދި ސަރުކާރުގެ ހުރިހާ އިދާރާތަކެއްގައިވެސް މި ޑިޖިޓަލް ސިސްޓަމް ބޭނުންކޮށް، "ވަން ސިންގަލް ކޮމްޕްލެއިންޓްސް މެނޭޖްމަންޓް މެކޭނިޒަމް" އެއްގެ ދަށުން ޝަކުވާތައް ބަލަހައްޓާނެއެވެ. މީގެ އިތުރުން، ވަކިވަކި އިދާރާތަކުން ޝަކުވާތަކަށް ޖަވާބުދޭ މިންވަރު މޮނިޓަރުކޮށް، އެ އިދާރާތައް ޒިންމާދާރުކުރުވާ އިދާރާއެއްގެ ގޮތުގައިވެސް މި ބިޔުރޯ ހަރަކާތްތެރިވާނެއެވެ.
މި އޮފީހަށް މުވައްޒަފުން ހޯދުމުގައި، ދައުލަތުގެ ޚަރަދު ކުޑަކުރުމުގެ ސިޔާސަތުގެ ދަށުން، އާ މުވައްޒަފުން ނެގުމުގެ ބަދަލުގައި ބޭނުންކުރާނީ މިހާރުވެސް ސަރުކާރުގެ އެކި އިދާރާތަކުގައި ތިއްބެވި ގާބިލު މުވައްޒަފުންނެވެ. އެ މުވައްޒަފުންނަށް ބޭނުންވާ ތަމްރީނު ދިނުމަށްފަހު، ކުރިއަށް އޮތް 5 މަސްދުވަހުގެ ތެރޭގައި މި ބިޔުރޯގެ ޚިދުމަތް ރައްޔިތުންނަށް ފޯރުކޮށްދޭން ފަށާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!