ސަރުކާރުގެ ކުންފުންޏެއް މެދުވެރިކޮށް ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި 10 ރިސޯޓު ތަރައްގީކޮށް، އެ ރިސޯޓުތަކުން ލިބޭ ފައިދާ ސީދާ ރައްޔިތުންނަށް ދިނުމަށް ސަރުކާރުން ނިންމައިފިއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު މިކަން އިއުލާނު ކުރެއްވީ މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުންނެވެ.
ކޮންމެ ރައްޔިތަކަށް އަހަރަކު 400 ޑޮލަރު
ރައީސް ވިދާޅުވީ، މި މަޝްރޫއުގެ ދަށުން 2030 ވަނަ އަހަރުން ފެށިގެން ކޮންމެ ދިވެހި ރައްޔިތެއްގެ ބޭންކު އެކައުންޓަށް އަހަރަކު މަދުވެގެން 400 އެމެރިކާ ޑޮލަރު ޖަމާކުރަން ފަށާނެ ކަމަށެވެ. ފަސް މެމްބަރުންގެ އާއިލާއަކަށް ނަމަ އަހަރަކު މަދުވެގެން 2,000 ޑޮލަރުގެ އާމްދަނީއެއް ސީދާ ގޮތެއްގައި ލިބިގެންދާނެކަން މިސާލެއްގެ ގޮތުގައި ރައީސް ފާހަގަކުރެއްވިއެވެ.
ރައީސް ފާހަގަކުރެއްވި ގޮތުގައި ރާއްޖޭގެ ގުދުރަތީ ވަސީލަތްތަކުގެ ހަގީގީ ވެރިންނަކީ ދިވެހި ރައްޔިތުން ކަމަށްވާތީ، ޓޫރިޒަމްގެ ފައިދާ ސީދާ ރައްޔިތުންނަށް ލިބޭނެ ނިޒާމެއް ގާއިމުކުރުމަކީ އެންމެ އަދުލުވެރި ގޮތެވެ.
"މިގޮތުން ތަރައްގީކުރާ 10 ރިސޯޓުގެ ހިއްސާދާރުންނަކީ ދިވެހި ރައްޔިތުން ކަމުގައި ގާނޫނީ ގޮތުން ކަނޑައަޅުއްވާނެ،" ރައީސް ވިދާޅުވިއެވެ.
ފަތުރުވެރިކަމުގެ ސިނާއަތުގެ ކުރިމަގު
ރާއްޖޭގެ ޓޫރިޒަމް ސިނާއަތް ކުރިއަރަމުންދާ މިންވަރަށް ބަލާއިރު، ނިމިދިޔަ އަހަރު ރާއްޖެއަށް 5.5 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ. ސަރުކާރުގެ އަމާޒަކީ ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އަހަރަކު 2.5 މިލިއަނަށް އިތުރުކޮށް، އިގްތިސާދީ މަންފާ ފުޅާކުރުމެވެ.
މި މަޝްރޫއަކީ ރާއްޖޭގެ ތާރީޚުގައިވެސް ފަތުރުވެރިކަމުގެ ނަފާ ސީދާ ރައްޔިތުންގެ ޖީބަށް ވަންނާނެ ގޮތަށް ފަރުމާކުރެވިގެން ހިންގާ ފުރަތަމަ ބޮޑު މަޝްރޫއެވެ. ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި މި ރިސޯޓުތައް ތަރައްގީކޮށް ނިންމުމަކީ ސަރުކާރުގެ މުހިންމު އަމާޒެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!