ވޭތުވެދިޔަ އަހަރުގެ ތެރޭގައި އިސްލާމީ ދާއިރާއިން ޖުމްލަ 90 މަޝްރޫޢެއް ކުރިއަށް ގެންގޮސް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި މިސްކިތްތައް މަރާމާތުކުރުމަށް 19.4 މިލިއަން ރުފިޔާ ސަރުކާރުން ޚަރަދުކުރައްވާފައިވާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ، އިސްލާމީ ދާއިރާ ކުރިއެރުވުމަށް ސަރުކާރުން ދެއްވާ އިސްކަމުގެ ދަށުން ނިމިދިޔަ އަހަރު 74 މިސްކިތަކާއި، 7 އިސްލާމީ މަރުކަޒަކާއި، 3 ޤުރުއާން މަރުކަޒެއްގެ އިތުރުން 6 ވަޤްފު ބިނާއެއް ހިމެނޭހެން ޖުމްލަ 90 މަޝްރޫޢެއްގެ ޢަމަލީ މަސައްކަތް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.

Ad
rt

ރައީސްގެ ބަޔާނުގައި މިސްކިތްތަކުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ވިދާޅުވީ، ދިވެހީންގެ ދެ ދުނިޔޭގެ ސަލާމަތަކީ މާތްވެގެންވާ އިސްލާމްދީން ކަމަށާއި، މިސްކިތްތަކަކީ އިސްލާމީ ޙަޟާރަތުގެ އެންމެ ޒީނަތްތެރި މަލަތައް ކަމަށެވެ. އަދި އެ ޒީނަތްތެރިކަން ސައްތައިން ސައްތަ ދިވެހިރާއްޖެއިން ފުރިހަމައަށް ފެންނަން ޖެހޭނެ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"މިސްކިތްތައް އަޅާ ހުޅުވުމުގެ އިތުރުން ބޭނުންކުރަމުންދާ މިސްކިތްތައް މަރާމާތު ކުރުމަށްވެސް މި ސަރުކާރުން ޚާއްސަ ސަމާލުކަމެއްދެން. އެގޮތުން ނިމިދިޔަ އަހަރު 19.4 މިލިއަން ރުފިޔާ ދިވެހިރާއްޖޭގެ އެކި ރަށްރަށުގައި ހުރި މިސްކިތްތައް މަރާމާތުކުރުމަށް ހޭދަކުރިން،" ރައީސް ވިދާޅުވިއެވެ.

ކުރިއަށް ހުރި މަޝްރޫޢުތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ހުޅުމާލޭގައި "ގްރޭންޑް މިސްކިތް" އެޅުމުގެ ތަސައްވަރު އެކުލަވާލާފައިވާ ކަމަށާއި، އިރާދަކުރެއްވިއްޔާ އެ މިސްކިތުގެ ޢަމަލީ މަސައްކަތް މިއަހަރުގެ ތެރޭގައި ފެށޭނެ ކަމަށެވެ.

މީގެ އިތުރުން، ކުރިއަށް އޮތް ރަމަޟާން މަހުގެ ކުރިން އިތުރު 8 މިސްކިތެއް ހުޅުވުމަށް ތައްޔާރުވަމުންދާ ކަމަށާއި، މިއަހަރުގެ ތެރޭގައި އިތުރު 10 ރަށެއްގައި އިސްލާމީ މަރުކަޒު ބިނާކުރުމާއި 17 ރަށެއްގައި މިސްކިތް ބިނާކުރުމުގެ މަސައްކަތް ފެށޭނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ޤުރުއާން އުނގަންނައިދިނުމާއި ޙާފިޡުންނަށް ދޭ ސަމާލުކަމާ ގުޅޭގޮތުން ރައީސް ވިދާޅުވީ، ޙާފިޡުންގެ އަގުވަޒަންކުރުމުގެ ގޮތުން އެބޭފުޅުންނަށް ސަރުކާރުން ދެމުން އައި އެލަވަންސް މިހާރު 2,000 ރުފިޔާ އިން 4,000 ރުފިޔާ އަށް ބޮޑުކޮށްފައިވާ ކަމަށެވެ. މިއީ ކީރިތި ޤުރުއާން ހިތުދަސްކުރައްވާ ބޭފުޅުންނަށް ހިތްވަރު ދިނުމުގެ ގޮތުން އެޅުއްވި ފިޔަވަޅެއް ކަމުގައި ރައީސް ފާހަގަކުރެއްވިއެވެ.