ކ. ގުޅީފަޅު ކައިރިން ދަތުރުކުރަމުންދަނިކޮށް، ފަތުރުވެރިން ގޮވައިގެން ދަތުރުކުރި ލޯންޗެއް ބަންޑުންޖަހާލައިފިއެވެ.

މި ހާދިސާގައި ކަނޑުވި މީހުންނަށް އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއިން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.

Ad
rt

"ބުލެޓް ސްޕީޑް" ނަމަކަށް ކިޔާ މި ލޯންޗު ބަންޑުންޖަހާލިއިރު، އޭގައި 9 ފަތުރުވެރިންނާއި، 2 ފަޅުވެރިންގެ އިތުރުން ލޯންޗުގެ ކެޕްޓަން ހިމެނޭހެން ޖުމްލަ 12 މީހުން ތިއްބެވެ. ލޯންޗު ބަންޑުންޖަހާލުމާ ގުޅިގެން ކަނޑުވެފައި ތިއްބައި މި އެންމެން ފުރަތަމަ ނަގާފައިވަނީ އެ ސަރަހައްދުން ދަތުރުކުރަމުންދިޔަ "ބީޗް ސްޓޯން" ނަމަކަށް ކިޔާ ލޯންޗަކަށެވެ.

އެމްއެންޑީއެފުން މަޢުލޫމާތުދިން ގޮތުގައި، ހާދިސާގެ ރިޕޯޓު ލިބުމާއެކު ކޯސްޓްގާޑްގެ ހާބަރކްރާފްޓް ވަނީ އެ ސަރަހައްދަށް ގޮސް އެހީތެރިކަން ފޯރުކޮށްދޭން ފަށާފައެވެ. "ބީޗް ސްޓޯން" ލޯންޗަށް ނަގާފައި ތިބި މީހުން ކޯސްޓްގާޑްގެ އުޅަނދަށް ބަދަލުކޮށް، މިއަދު ހެނދުނު 09:40 ހާއިރު އެ އެންމެން ވަނީ ސަލާމަތްތެރިކަމާއެކު މާލެއަށް ގެނެސްދީފައެވެ.

މި ހާދިސާގައި ކަނޑުވި އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައި ނުވާކަމަށް އެމްއެންޑީއެފުން ބުނެއެވެ.