މަސްތުވާތަކެތީގެ މައްސަލައެއްގައި ގއ. ވިލިނގިލި ފަޅުގައި އޮތް ލޯންޗެއްގެ ތެރެއިން މީހަކު ހައްޔަރުކޮށް، އޭނާ ޝަރީޢަތް ނިމެންދެން ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފިއެވެ.

ފުލުހުން ބުނިގޮތުގައި މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ގއ. މާމެންދޫ، އާރާދަނާ، އަޞްޢަދު ޢަލީ (35އ) އެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ވިލިނގިލި ފަޅުގައި އޮތް ލޯންޗެއްގައި ހުއްޓާ ކަމަށް ފުލުހުން މަޢުލޫމާތު ދެއެވެ.

Ad
rt

ފުލުހުން ބުނި ގޮތުގައި، މިއީ މި ފެބުރުވަރީ މަހުގެ 1 ވަނަ ދުވަހު ވިލިނގިލީ ޕޮލިހުން ރަށުތެރެ ޕެޓްރޯލުކުރަމުން ދިޔައިރު، އޭނާއާމެދު ތުހުމަތުކުރެވިގެން ހިންގި އޮޕަރޭޝަނެކެވެ.

ފުލުހުން އެ ލޯންޗަށް އަރައި އޭނާ ހުއްޓުވައި ބަލައިފާސްކުރިއިރު، މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ކޮތަޅެއް ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ހާމަކުރި ގޮތުގައި، ފެނުނު މަސްތުވާތަކެތީގެ ވަގުތީ ބަރުދަނަކީ 49 ގުރާމެވެ. މި މައްސަލައާ ގުޅިގެން އަޞްޢަދު ޢަލީގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، މައްސަލައިގެ ޝަރީޢަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

މި މައްސަލަ ގއ. ވިލިނގިލީ ޕޮލިސް ސްޓޭޝަނުން މިހާރު ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ