ހދ. ކުމުންދޫ ކައުންސިލްގެ ރައީސް އަމީން މުހައްމަދު، ވިދިވިދިގެން ތިން ދައުރު ކައުންސިލްގައި ޚިދުމަތް ކުރެއްވުމަށްފަހު، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަނުކުރެއްވުމަށް ނިންމަވައިފިއެވެ.
އަމީން މިކަން ހާމަކުރެއްވީ މިއަދު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައެވެ.
އަމީން ވިދާޅުވި ގޮތުގައި، 2014 ވަނަ އަހަރުން ފެށިގެން ކުމުންދޫ ކައުންސިލްގެ މެންބަރުކަމާއި ރައީސްކަމުގެ މަޤާމުގައި ރަށުގެ ތަރައްޤީއަށް ޚިދުމަތް ކުރުމުގެ ފުރުޞަތު ރައްޔިތުން ވަނީ ދެއްވާފައެވެ. ނަމަވެސް، 2026 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ކައުންސިލް އިންތިޚާބުގައި ވާދަނުކުރުމަށް ނިންމެވީ، ރަށުގެ އިދާރީ ހިންގުމާއި ތަރައްޤީގެ މަސައްކަތްތަކުގައި އާ ޚިޔާލުތަކާއި އާ ވިސްނުންތަކަށް ފުރުޞަތު ދިނުމުގެ މަޤުޞަދުގައި ކަމަށް އޭނާ ވިދާޅުވިއެވެ.
13 އަހަރުގެ ޚިދުމަތަށްފަހު ވަކިވުން
ވޭތުވެދިޔަ 13 އަހަރުގެ ދިގު މުއްދަތުގައި އެކި ގޮތްގޮތުން އެހީތެރިކަމާއި އެއްބާރުލުން ދެއްވި އެންމެހާ ފަރާތްތަކަށް އަމީން ވަނީ ޝުކުރު އަދާކުރައްވާފައެވެ.
"ޚާއްޞަކޮށް، އެމް.ޑީ.ޕީގެ ލޮބުވެތި މެންބަރުންނާއި ކުމުންދޫގެ އެކި ފިކުރުގެ ރައްޔިތުން އަޅުގަނޑަށް ކުރެއްވި އިތުބާރަށާއި ދެއްވި ފުރުޞަތަށްޓަކައި ނުހަނު ބޮޑަށް ޝުކުރުވެރިވަމެވެ،" އަމީން ވިދާޅުވިއެވެ.
ކުރިއަށް އޮތް އިންތިޚާބު ކާމިޔާބުކޮށް ކައުންސިލާ ހަވާލުވާ ފަރާތްތަކަކީ ރަށާއި ރައްޔިތުންނަށް ލާބަޔާއި މަންފާހުރި ކާމިޔާބު ޚިދުމަތްތަކެއް ކޮށްދޭނެ ބަޔަކަށް ވުމަށް އުންމީދުކުރަށްވާކަމަށް ވެސް އަމީން ވިދާޅުވިއެވެ.
އަމީން ވަނީ ހދ.އަތޮޅު ކައުންސިލްގެ މި ދައުރުގައި ނައިބު ރައީސްގެ މަގާމު ވެސް ފުރުއްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!