އީރާނުގެ އަސްކަރީ ސިޔާސަތުގައި ނިއުކްލިއާ ހަތިޔާރަށް އެއްވެސް ޖާގައެއް ނެތް ކަމަށާއި، އެފަދަ ހަތިޔާރަކާ ނުލައިވެސް އަމިއްލަ ދިފާއުގައި މަސައްކަތް ކުރުމުގެ ފުރިހަމަ ގާބިލުކަން އެ ގައުމަށް ލިބިގެންވާ ކަމަށް އެގަމުގެ ނިއުކްލިއާ އެޖެންސީގެ ވެރިޔާ މުޙައްމަދު އިސްލާމީ ވިދާޅުވެއްޖެއެވެ.

އަނަޑޯލޫ އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، އިސްލާމީ މިހެން ވިދާޅުވީ ލޯކަލް މީޑިއާއަކަށް ދެއްވި އިންޓަވިއުއެއްގައެވެ.

Ad
rt

އިސްލާމީ ފާހަގަކުރެއްވި ގޮތުގައި އީރާނަށް ނިއުކްލިއާ ބޮމެއް ބޭނުންނުވާ ކަމަށާއި، ދިފާއީ ގޮތުން ބޭނުންވާ ވަރުގަދަކަން އެ ގައުމުގައި މިހާރުވެސް އެބަހުއްޓެވެ. އޭނާ މި ވާހަކަތައް ދައްކަވާފައި ވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އީރާނުގެ ނިއުކްލިއާ އުންމީދުތައް ދޫކޮށްލުމަށް އިންޒާރު ދެއްވައި، އެމެރިކާގެ ބޮޑު ކަނޑުގެ ފައުޖެއް އެ ސަރަހައްދަށް ފޮނުވާފައިވާ ދަނޑިވަޅެއްގައެވެ.

އައިއޭއީއޭ އަށް ކުރާ ތުހުމަތުތައް

އީރާނުގެ ނިއުކްލިއާ ޕްރޮގްރާމް ސިޔާސީ ކުރަމުންދާ ކަމަށް ބުނެ އީރާނުން ވަނީ އދ. ގެ ނިއުކްލިއާ ވޮޗްޑޮގް (އައިއޭއީއޭ) އަށް ބޮޑެތި ތުހުމަތުތަކެއް ކޮށްފައެވެ. ޚާއްޞަކޮށް، މިދިޔަ އަހަރުގެ ޖޫން މަހު އިސްރާއީލުން އީރާނުގެ މަރުކަޒުތަކަށް ދިން ހަމަލާއަށް މަގުފަހިކޮށްދިން ކަމުގެ ތުހުމަތު އެ އެޖެންސީގެ ވެރިޔާ ރަފައެލް ގްރޮސީގެ މައްޗަށް ވަނީ ކޮށްފައެވެ. އިސްލާމީ ވިދާޅުވީ މި މައްސަލައިގައި ބޭރުގެ ނުފޫޒުތައް އިތުރަށް ވަރުގަދަވާނެ ކަމަށް ބެލެވޭ ކަމަށެވެ.

ޖޭ.ސީ.ޕީ.އޯ.އޭ އެއްބަސްވުމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން އިސްލާމީ ވިދާޅުވީ، އެމެރިކާއާއި ޔޫރަޕްގެ ތިން ގައުމަކުން (އިނގިރޭސިވިލާތް، ޖަރުމަނުވިލާތް އަދި ފަރަންސޭސިވިލާތް) އެ އެއްބަސްވުމަށް އަމަލުކުރުމުގައި ނާކާމިޔާބުވެފައިވާ ކަމަށެވެ. އަދި މިދިޔަ އަހަރުގެ ފަހުކޮޅު "ސްނެޕްބެކް މެކޭނިޒަމް" މެދުވެރިކޮށް އެ އެއްބަސްވުން ނިމުމަކަށް ގެނެސްފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފު ހަމަލާތައް

2025 ވަނަ އަހަރުގެ ޖޫން މަހު ހިނގި ހަނގުރާމައިގައި އީރާނުގެ ނިއުކްލިއާ މަރުކަޒުތަކަށް ދިން ބޮމުގެ ހަމަލާތަކަކީ ބައިނަލްއަގުވާމީ ގާނޫނުތަކާއި އދ. ގެ ޗާޓަރާ ހިލާފު ކަމެއްގެ ގޮތުގައި އިސްލާމީ ސިފަކުރެއްވިއެވެ.

"ބޮން އެޅި ހުރިހާ މަރުކަޒުތަކަކީ އައި.އޭ.އީ.އޭ ގައި ރަޖިސްޓްރީ ކުރެވިފައިވާ ތަންތަން،" އޭނާ ވިދާޅުވިއެވެ.

އެ ތަންތަނަކީ އަދިވެސް އދ. ގެ ހަރުކަށި ބެލުމުގެ ދަށުގައި ހުރި ތަންތަން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އީރާނަކީ އަދިވެސް ނިއުކްލިއާ ހަތިޔާރު ފެތުރުން މަނާކުރާ މުއާހަދާ (އެންޕީޓީ) ގައި ސޮއިކޮށްފައިވާ ގައުމެއް ނަމަވެސް، ނިއުކްލިއާ މަރުކަޒުތަކާއި މުވައްޒަފުންގެ ސަލާމަތަށްޓަކައި އައި.އޭ.އީ.އޭ އާއެކު އޮންނަ އެއްބާރުލުން އީރާނުގެ ޕާލަމެންޓުން މިހާރު ވަނީ މެދުކަނޑާލާފައެވެ.