މ. އަތޮޅު މަދަރުސާގެ ދަރިވަރުންތަކަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި، އެ ސްކޫލުގެ ހެލްތް އެންޑް ފިޒިކަލް އެޑިއުކޭޝަން ޓީޗަރެއްގެ މައްޗަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ދަޢުވާ ކޮށްފިއެވެ.
މި މައްސަލާގައި ދަޢުވާ އުފުލާފައިވަނީ މ. ކޮޅުފުށި، ސާދާގެ، ޝުޢައިބު ޢަބްދުﷲ ގެ މައްޗަށެވެ.
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން މި މައްސަލަ މ. ކޮޅުފުށީ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅާފައިވަނީ 21 ޖަނަވަރީ 2026 ގައެވެ. ޝުޢައިބު ޢަބްދުﷲ ގެ މައްޗަށް ޖުމްލަ ފަސް ދަޢުވާއެއް ވަނީ އުފުލާފައެވެ. އޭގެ ތެރޭގައި އިތުބާރުކުރެވޭ މަޤާމެއްގައި ހުރެ ކުޑަކުއްޖަކާމެދު ޖިންސީ ޢަމަލެއް ހިންގުމުގެ ދެ ދަޢުވާއަކާއި، އިތުބާރުކުރެވޭ މަޤާމެއްގައި ހުރެ ކުޑަކުއްޖަކު ލައްވައި ޖިންސީ ޢަމަލެއް ބެލުވުމުގެ ދެ ދަޢުވާއެއްގެ އިތުރުން އޮރިޔާން ކާޑު ގެންގުޅުމުގެ ދަޢުވާ ހިމެނެއެވެ.
މި ދަޢުވާތަކަކީ ޝުޢައިބު ޢަބްދުﷲ، މ. އަތޮޅު މަދަރުސާގައި އޭނާ ކިޔަވައިދޭ ދެ ދަރިވަރެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން އަތްލާފައިވާތީއާއި، އެ ކުދިންނަށް އޮރިޔާން މަންޒަރު ހިމެނޭ ވީޑިއޯ ދައްކާފައިވާތީ އުފުލާފައިވާ ދަޢުވާތަކެކެވެ. ޖިންސީ ގޯނާގެ ދަޢުވާތައް އުފުލާފައިވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ ދަށުންނެވެ.
ޝުޢައިބުގެ މައްޗަށް އުފުލާފައިވާ ޖިންސީ ގޯނާގެ ކޮންމެ ދަޢުވާއަކަށް 15 އަހަރާއި 18 އަހަރާއި ދެމެދުގެ ޖަލު އަދަބެއް އަންނައިރު، އޮރިޔާން ކާޑު ގެންގުޅުމުގެ ދަޢުވާއަށް އެއް މަހާއި ހަ ދުވަހުގެ ޖަލު އަދަބެއް ކަނޑައެޅިފައިވެއެވެ. މި ހުރިހާ ދަޢުވާތަކެއް ސާބިތުވެއްޖެނަމަ، އޭނާގެ މައްޗަށް މަދުވެގެން 60 އަހަރާއި އެއް މަހާއި ހަ ދުވަހުގެ ޖަލު އަދަބެއް އަންނާނެއެވެ.
މި މައްސަލައަކީ ތަޢުލީމީ ދާއިރާގައި މަސައްކަތްކުރާ ފަރާތަކުން ދަރިވަރުންގެ އިތުބާރު ނަގާލައި ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭ ސީރިއަސް މައްސަލައެއްގެ ގޮތުގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ވަނީ ފާހަގަކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!