ހުޅުމާލެ ފޭސް 2 ގެ އެމްޕީއެލް ޓަވަރުގެ އެޕާޓްމަންޓެއްގައި ދިވެހި ފިރިހެނަކު ރަހީނުކޮށް، ބިރުދައްކައިގެން ފައިސާ ހޯދަމުންދިޔަ މައްސަލައެއްގައި ހަތަރު މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.
މި ހާދިސާގައި ރަހީނުކޮށްފައި ހުރި މީހާ ފުލުހުން ވަނީ ބުދަ ދުވަހުގެ ރޭ ދަންވަރު ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ސަލާމަތްކޮށްފައެވެ.
ފުލުހުން ހާމަކުރި ގޮތުގައި، ހުޅުމާލެ ފުލުހުން މި އޮޕަރޭޝަން ހިންގީ ކޯޓު އަމުރެއްގެ ދަށުން އެ އެޕާޓްމަންޓް ބަލައިފާސްކުރުމަށްފަހުއެވެ. ރަހީނުކޮށްފައި ހުރި މީހާ ސަލާމަތްކުރުމަށްފަހު، އޭނާއަށް ބޭނުންވާ ސިއްހީ ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންގޮސް ޑޮކްޓަރަށް ދައްކާފައިވެއެވެ. ހޮސްޕިޓަލުން ދޫކޮށްލުމާ ގުޅިގެން މިހާރު އެ މީހާ ވަނީ އާއިލާއާ ހަވާލުކޮށްފައިކަމަށް ފުލުހުން ބުންޏެވެ.
މައްސަލައިގައި ހައްޔަރުކުރި މީހުންގެ ތަފްސީލް
މި މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވަނީ ހަތަރު ދިވެހި ފިރިހެނުންނެވެ. އެއީ:
ޝުނީނު އަންވަރު (24އ) - ސ. ހިތަދޫ / ބިލާލުގެ
ޙުސައިން ނާހީ ޖަމާލު (23އ) - ސ. ހިތަދޫ / ބްލޫކޯނަރ
އަލީ ސަރީޚު އަންވަރު (23އ) - ގދ. ތިނަދޫ / ކުލުނު
އަޙްމަދު ލުޖައިން (24އ) - ސ. މީދޫ / ހުވަދުމާވިލާ
މި ހަތަރު މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އެ މީހުންގެ ބަންދަށް 15 ދުވަހުގެ މުއްދަތެއް ދީފައެވެ.
ފުލުހުން ގެންދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!