ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ތެރެއިން ބޭންކެއްގެ މުވައްޒަފުން އަތުން ފައިސާ ހުރި ސޫޓްކޭހެއް ފޭރިގަތް މައްސަލައިގެ ތުހުމަތުގައި އިތުރު މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން މިއަދު ބުނީ، 27 އޮކްޓޯބަރު 2025 ވަނަ ދުވަހު ފަތިހު ވީއައިއޭގައި ހިންގި ފޭރުމުގެ މައްސަލައިގެ ތުހުމަތުގައި އިތުރު މީހަކު ވަނީ ހައްޔަރު ކޮށްފައެވެ. އެހެންކަމުން، މި މައްސަލައިގެ ތުހުމަތުގައި ޖުމުލަ 8 މީހަކު މިހާތަނަށް ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުންޏެވެ. މި އެންމެންވެސް ތިބީ ބަންދުގައެވެ.
މި މައްސަލައިގެ ތުހުމަތުގައި އަލަށް ހައްޔަރުކޮށްފައި ވަނީ އިސްމާޢީލް ސިރްޙާން (30އ) މީޒާން / ރ.މަޑުއްވަރި އެވެ. ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރުކޮށްފައި ވަނީ 13 ޖެނުއަރީ 2026 ވަނަ ދުވަހު އެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން 30 ދުވަހަށް ބަންދު ކުރުމަށް ވަނީ އަމުރުކޮށްފައެވެ.
ފޭރުމުގެ މި ހާދިސާ ހިންގާފައިވަނީ 27 އޮކްޓޫބަރު 2025 ވަނަ ދުވަހުގެ ފަތިހު ވީއައިއޭ ޓާމިނަލް ޓާމިނަލް 1 އަށް ދާ ވޯކްވޭގައެވެ. މި ފޭރުމުގައި ބޭނުންކުރިކަމަށް ތުހުމަތުކުރެވޭ ލޯންޗެއް ހަމަ އެދުވަހު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
މިކަމާ ގުޅޭ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ 27 އޮކްޓޯބަރު ރޭ ފަތިހު 4:45 ގައެވެ. ފުލުހުން ބުނިގޮތުގައި ފޭރިގެންފައި ވަނީ ވީއައިއޭގެ ޓާމިނަލް 1 އަށް ވަންނަން ދިޔަ ބޭންކެއްގެ ދެ މުވައްޒަފެއްގެ އަތުގައި އޮތް ސޫޓް ކޭހެކެވެ. އެނގިފައިވާގޮތުގައި އެއީ ބީއެމްއެލްގެ ދެ މުވައްޒަފެކެވެ. މި ސޫޓް ކޭސް ފޭރިގެންފައި ވަނީ މޫނު ނިވާކޮށްގެން ތިބި ބަޔެކެވެ. ސޫޓް ކޭސް ފޭރިގަތުމަށްފަހު އެ މީހުން ވަނީ ލޯންޗެއްގައި ފިލާފައެވެ.
އެމީހުން ހައްޔަރުކުރީ ފިލައިގެންގޮސް ކ. ހުރާގައި ތިއްބައި ހަމަ އެދުވަހުގެ މެންދުރު ފަހުގެ ވަގުތެއްގައެވެ.
މި މައްސަލައިގެ ތަހުގީގު ފުރިހަމަކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުން އަންނަކަމަށް ފުލުހުން ބުންޏެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!