ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޓެމްޕްލޭޓް ބޭނުންކޮށްގެން ވޯޓުލުމަށް ރަޖިސްޓަރީވުމުގެ ފުރުޞަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ.

މި އަހަރުގެ އެޕްރީލް 4 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި، ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެހެން މީހެއްގެ އެހީތެރިކަމާ ނުލައި ވޯޓު ކަރުދާހުގައި ފާހަގަ ޖެހުމުގެ އިންތިޒާމް ހަމަޖައްސާފައިވަނީ އިންތިޚާބުތަކާ ބެހޭ ޢާންމު ޤާނޫނުގެ 1-45 ވަނަ މާއްދާގެ ދަށުންނެވެ.

Ad
rt

ޓެމްޕްލޭޓް ބޭނުންކޮށްގެން ވޯޓުލުމަށް އެދޭ ފަރާތްތަކުން 2026 ފެބުރުވަރީ 23 ވާ ހޯމަ ދުވަހުގެ ރޭގަނޑު 10:00 ގެ ކުރިން އިލެކްޝަންސް ކޮމިޝަނުގެ ނަންބަރު 1414 އަށް ގުޅުއްވައި ރަޖިސްޓަރީ ކުރަންޖެހެއެވެ. މިގޮތުން ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިން ރޭގަނޑު 10:00 އަށް، އަދި ހުކުރު ދުވަހު މެންދުރުފަހު 3:00 އިން ރޭގަނޑު 10:00 އަށް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު އޮންނާނެއެވެ.

ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އަމިއްލައަށް ވޯޓުލުމަށް ހާއްސަ ޓެމްޕްލޭޓެއް ތައްޔާރުކޮށްފައިވަނީ 2023 ވަނަ އަހަރު އެވެ. މި ޓެމްޕްލޭޓް އެންމެ ފުރަތަމަ ބޭނުންކޮށްފައިވަނީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިގާބުގައެވެ. އޭގެ ފަހުން ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައިވެސް މި އިންތިޒާމް ވަނީ ހަމަޖައްސާފައެވެ.

މިކަމާ ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ، ޓެމްޕްލޭޓް ބޭނުންކުރާނެ ގޮތުގެ ތަމްރީން ޕްރޮގްރާމްތައް މާލެއާއި އަތޮޅުތެރޭގައި ކުރިއަށް ގެންގޮސް، އަމަލީ ގޮތުން އެ ތަކެތި ބޭނުންކުރުމުގެ ފުރުސަތުވެސް ފަހިކޮށްދީފައިވާނެ ކަމަށެވެ. މިއީ ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ވޯޓުގެ ސިއްރުކަން ހިފެހެއްޓުމަށާއި، މިނިވަންކަމާއެކު އަމިއްލައަށް ވޯޓުލުމުގެ ޙައްޤު ކަށަވަރުކޮށްދިނުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް އެ ކޮމިޝަނުން ފާހަގަކުރެއެވެ.