މިއަހަރުގެ އެޕްރީލް 4 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 ގެ ވޯޓު ދިނުމުގެ ޙައްޤު ލިބިގެންވާ މީހުންގެ ރަޖިސްޓަރީއަށް އިއްޔެ ހަވީރު 06:00 ގެ ނިޔަލަށް 315 ޝަކުވާ ލިބިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަންގެ މައި ޕޯޓަލް my.elections.gov.mv މެދުވެރިކޮށް ލިބިފައިވާ މި ޝަކުވާތަކުގެ ތެރޭގައި ހިމެނެނީ ރަޖިސްޓަރީގައި ހިމެނިފައިވާ އެޑްރެސް ބަދަލުކުރުމާއި، ރަށްވެހިކަން ބަދަލުވެފައިވާތީ ހުށަހަޅާފައިވާ ޝަކުވާތަކެވެ. މީގެ އިތުރުން ނިޔާވެފައިވާ ފަރާތްތަކުގެ ނަން ރަޖިސްޓަރީގައި ހިމެނިފައިވާތީ އެ ނަންތައް އުނިކުރުމަށްވެސް ގިނަ ބަޔަކު ވަނީ ޝަކުވާ ހުށަހަޅާފައެވެ.

Ad
rt

ވޯޓު ދިނުމުގެ ޙައްޤު ލިބިގެންވާ މީހުންގެ ރަޖިސްޓަރީއަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު 2026 ޖަނަވަރީ 18 ވާ އާދިއްތަ ދުވަހުގެ މެންދުރުފަހު 03:00 އާ ހަމައަށް ވަނީ ހުޅުވާލާފައެވެ. މި މުއްދަތުގެ ތެރޭގައި ހުރިހާ ފަރާތްތަކުންވެސް ރަޖިސްޓަރީ ޗެކްކޮށް، މަޢުލޫމާތު ކަށަވަރުކުރުމަށް އިލެކްޝަންސް ކޮމިޝަނުން އިލްތިމާސްކުރެއެވެ.

ރަޖިސްޓަރީއަށް މީހަކު އިތުރުކުރުމަށް، އުނިކުރުމަށް ނުވަތަ މަޢުލޫމާތަށް ބަދަލެއް ގެނައުމަށް ހުށަހަޅާއިރު، ޝަކުވާގެ ޞައްޙަކަން ސާބިތުވާނެ ރަސްމީ ލިޔުމެއްގެ ކޮޕީ ހުށަހަޅަންޖެހެއެވެ. ސިޔާސީ ޕާޓީތަކުން ޝަކުވާ ހުށަހަޅަންވާނީ އެ ޕާޓީތަކަށް ޚާއްޞަކުރެވިފައިވާ ސިމެދަ ޕޯޓަލް މެދުވެރިކޮށެވެ.

ރަޖިސްޓަރީގައިވާ މަޢުލޫމާތު ކޮމިޝަނުގެ ވެބްސައިޓުގެ އިތުރުން، 1414 އަށް އެސް.އެމް.އެސް ކޮށްގެންވެސް (VR space ID-Number) ޗެކްކުރެވޭނެއެވެ. އާންމު ފަރާތްތަކުން ޝަކުވާ ހުށަހަޅަންވާނީ ކޮމިޝަނުގެ މައި ޕޯޓަލް މެދުވެރިކޮށެވެ.

އިންތިޚާބާ ގުޅޭ އިތުރު މަޢުލޫމާތު ހޯދުމަށް ކޮމިޝަނުގެ ކޯލް ސެންޓަރު 1414 އަށް ގުޅުއްވޭނެއެވެ. ކޯލް ސެންޓަރުގެ ޚިދުމަތް ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 08:00 އިން ރޭގަނޑު 10:00 އަށް ލިބޭނެއެވެ. އަދި ހުކުރު ދުވަހު މެންދުރުފަހު 03:00 އިން ރޭގަނޑު 08:00 އަށް ޚިދުމަތް ލިބޭނެ ކަމަށް އެ ކޮމިޝަނުން މަޢުލޫމާތުދެއެވެ.